ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ފާސްކުރުމާ އެކު އޭރުގެ އިދިކޮޅު ފަރާތްތަކުން ފުރަތަމަ ވެސް ކަންބޮޑުވީ އެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ސަރުކާރުން ހިފައިފާނެ ކަމަށް ބުނެ އެވެ. ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ހަރަކާތްތަކަށް، އެ ގާނޫނުގެ ސަބަބުން އެތަައް ހުރަހަކާއި ބިރުވެރިކަމެއް ކުރިމަތިވި އެވެ.
މިހާރު އަނެއްކާ ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން މިއަދު ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށައެޅުމުން، ހަމަ އެ ކަންބޮޑުވުން ބައެއް މީހުންގެ ހިތްތަކުގައި އެބަ އޮތެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރީގެ ސަރުކާރުން އެންމެ ގިނައިން ދައުވާކޮށް، ހުކުމްކޮށްފައި ވަނީ ސިޔާސީ ފަރާތްތަކާ ދެކޮޅަށެވެ.
ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް، މޭ ޑޭ މުޒާހަރާގައި ދެއްކެވި ވާހަކަޔަކާ ގުޅިގެން ވެސް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 11 އަހަރުގެ ޖަލުހުކުމެއް އިއްވި އެވެ.
މި ދެ ބޭފުޅުންނަށް ހުކުމް އިއްވީ، ޔާމީންގެ ވެރިކަމުގައި ޓެރަރިޒަމް މަނާކުރުމުގެ އާ ގާނޫނުގެ ކުރިން، ރާއްޖޭގައި އަމަލްކުރި އެ ކުށާ ބެހޭ ގާނޫނުގެ ދަށުންނެވެ.
ސިޔާސީ ލީޑަރުންގެ އިތުރުން ސިޔާސީ އެތައް އެކްޓިވިސްޓުންނަކަށް ވެސް ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ "އަނިޔާވެރިކަން" ކުރިމަތިވި އެވެ.
ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން، ދައުރުން ބޭރުގައި މިއަދު ބާއްވާ ޖަލްސާގެ އަމާޒަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިތުރަށް ހަރުކަށިކުރުމެވެ. އެކަމަކު ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ގެންދަވަނީ އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިޒަމް ހުއްޓުވަން ބޭނުންވާ ބާރުވެރިކަން ދައުލަތުގެ މުއައްސަސާތަކަށް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް ހަމަ އެއާ އެކު ރައްޔިތުންގެ އަސާސީ ހައްގުތަކަށް ދައުލަތުން އިހުތިރާމް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"[މި ދެ ކަންތަކުގެ ދެމެދުގައި] ތިލަފަތް ހަމަކުރެވޭ ކަން ދައުލަތުން ކަށަވަރުކުރަން ޖެހޭނެ،" ޓްވީޓްގައި އޭނާ ވިދާޅުވި އެވެ.
އިތުރަށް ހަރުކަށި ކުރުމުން ގޯހެއް ނުވާނެތަ؟
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެންނަން އުޅޭ ބަދަލާ މެދު އެންމެ ބޮޑަށް ކަންބޮވުން ފާޅުކުރެއްވި އެއް ބޭފުޅަކީ ބާ ކައުންސިލްގެ ރައީސް އަދި ގާނޫނީ ވަކީލް މައުމޫނު ހަމީދެވެ. އޭނާގެ ކަންބޮޑުވުމަކީ ފުލުހުންނާ މެދު ތުހުމަތުކުރެވޭ އެތައް މައްސަލައެއް ހުއްޓައި، ހަމަ އެ ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމެވެ.
ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ސިޔާސީ ފަރާތްތަކަށް ފިޔަވަޅު އެޅި ގޮތުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ކުރީގެ ރައީސް އަދި ބޮޑުބޭބޭފުޅު މައުމޫނު އަބްދުލް ގައްޔޫމް، ކުރީގެ ސަރުކާރުން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމެވެ.
"ދެ އަހަރަށް ވުރެ ވެސް މަދު ދުވަސްކޮޅެއް ކުރިން، ކުރީގެ ރައީސަކު ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައި އަށް މަސް ވަންދެން ބެހެއްޓީ ޓެރަރިޒަމާ ގުޅޭ ގާނޫނުތަކުގެ ދަށުން. ހަމައެކަނި ސަބަބަކީ ސުޕްރީމް ކޯޓުގެ އަމުރެއް ތަންފީޒުކުރަން އެމަނިކުފާނު ގޮވައިލެއްވި ގޮވައިލެއްވުމަކީ ދައުލަތަށް ނޭކަށޭނަ ނުފޫޒު ފޯރުވުމަކީ 'ޓެރަރިޒަމް' ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނުން،" މައުމޫނު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މިހާރު ގެންނަން އުޅޭ އިސްލާހުތަކަށް އަމާޒުކުރައްވައި، އޭނާ ކުރައްވާ ސުވާލަކީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އެއަށް ވުރެ ހަރުކަށި ކޮށްފި ނަމަ އަދި އެއަށް ވުރެ ވެސް ގޯސް ކަމެއް ނުހިނގަފާނެތޯ އެވެ.
ކުރީގެ ރައީސަކާ ދެކޮޅަށް ނަހަމަ ގޮތުގައި އެ ގާނޫނު ބޭނުންކުރި އިރު މިނިވަން މުއައްސަސާތަކަށް އެކަން ހުއްޓުވިފައި ނުވުމުން ދެން އާއްމު ރައްޔިތަކަށް އޮންނާނީ ކިހާ ބޮޑު ނުރައްކަލެއްތޯ ވެސް މައުމޫން ސުވާލު އުފެއްދެވި އެވެ.
ފުރަތަމަ ދައުރަށް ފަހު ރައްޔިތުންގެ މަޖިލިސް އެއް މަސް ދުވަހަށް ބަންދުކޮށްފައި ވިޔަަސް މިއަދު ކުއްލި ޖަލްސާއެއް ބާއްވަނީ، ނޫސްވެރިޔާ އަހުމަދު ރިލްވާން "ގެއްލުވާލި" މައްސަލާގައި، ރިޔާސީ ކޮމިޝަނުން އާންމުކުރި ބައެއް މައުލޫމާތުތަކުގައި ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ ނުރައްކާ ވަރަށް ބޮޑަށް އޮތްކަން ހާމަވުމާ އެކު އެވެ.
އަލަށް ގެންނަން ހުށައެޅި ބައެއް އިސްލާހުތައް
- މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ދޭން އުޅުން
- އެހެން މީހެއްގެ ފުރާނައަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވަން އުޅުން
- ގަދަކަމުން މީހަކު ފޮރުވަން، ނުވަތަ ރަހީނުކުރަން އުޅުން
- ޕަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރަން އުޅުން
- އަސާސީ ހިދުމަތެއް މެދުކަނޑާލަން މަސައްކަތްކުރުން
- އުމުރާނީ މުހިންމު ވަސީލަތަކަށް ގެއްލުން ދިނުން
ރިލްވާން ވަގަށް ނަގައި، "ގެއްލުވާލީ" ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް، ރިޕޯޓްގައި ބުނެ އެވެ. އެކަމަކު މިހާރު ޓެރަރިޒަމްގެ ގާނޫނު އޮތް ގޮތުން ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ދަތިތަކެއް ހުރުމުން، އިސްލާހު ގެނެސް، ފުލުހުންނަށް އިތުރު ބާރުތަކެއް ދޭން އެމްޑީޕީން ބޭނުންވެ އެވެ.
މިހާރު ގެންނަން އުޅޭ ބަދަލުތަކުގެ ތެރޭގައި، ގާނޫނުގައި ބުނާ ކުށްތަކުގެ ތެރެއިން ކުށަކަށް އަރައިގަންނަ ކަމަށް ގަބޫލުކުރެވޭ މީހުން، ކޯޓު އަމުރެއް ނެތި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، ހައްޔަރުކުރާ މީހަކު 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރަން ޖެހުނަސް، ޓެރަރިޒަމްގެ ގާނޫނަށް ގެންނަ ބަދަލުގައި، އެ މުއްދަތު ވަނީ 48 ގަޑިއިރަށް އިތުރުކޮށްފަ އެވެ.