ގަމުގައި މަސް ފެންގަނޑަކަށް ވެއްޓި ކުޑަ ކުއްޖަކު ސީރިއަސް ހާލަތުގައި

ލ. ގަމުގެ ގެއެއްގެ ތެރޭގައި ހުރި މަސް ފެން ގަނޑަކަށް ވެއްޓި ދެ އަހަރުގެ ފިރިހެން ކުއްޖެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން އެ ކުއްޖާ އަށް މިއަދު ފަރުވާދޭން ފަށައިފި އެވެ.


ގަމު ކައުންސިލް މެމްބަރު އިސްމާއިލް ޒަކީ "މިހާރު" އަށް ވިދާޅުވީ އެ ކުއްޖާ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ހުރި ޕޮންޑު ތެރޭގައި އޮއްވައި ނެގި އިރު، ވިންދު ވެސް ނެތް ކަމަށެވެ. އަދި ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އެ ކުއްޖާގެ ހާލު ސީރިއަސްވީ ފެން ބޮވި، ގިނަ އިރު، އެތަނުގައި އޮންނަން ޖެހުމުންނެވެ.

"އެ ގޭގައި މާމައާ އެއްކޮށް ކުއްޖާ ހުރި ކަމަށް ވަނީ ގޭގައި. އެ ކުއްޖާގެ މަންމަ އުޅުނީ ބޭރުގައި. ގެއްލިގެން އެ ކުއްޖާ ހޯދަނިކޮށް ފެނުނީ. އޭރު އެއްވެސް ވިންދެން ނެތް. ފެންގަނޑު ތެރެއިން ނެގި އިރުގައި ހޮޑު ވެސް އެ ކުއްޖާލި ކަމަށްވަނީ،" އިސްމާއިލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރެއްގެ އެހީގަ އެވެ. ހޮސްޕިޓަލަށް ގެންދިޔަ ފަހުން، އެ ކުއްޖާގެ ވިންދު ހުރި ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ. އެކަމަކު، ނޭވާލުމުގައި ކުއްޖާ އަށް ދަތިތަކެއް ދިމާވުމުން ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި އެ ކުއްޖާ ވެއްޓުނު ފެންގަނޑުގެ ފުން މިނުގައި ގާތްގަނޑަކަށް ފަސް ފޫޓު ބައި ހުންނާނެ އެވެ.

"ދެ އަހަރުގެ ކުއްޖަކަސް އެއީ އިސްކޮޅުން ކުރު ކުއްޖެއް،" އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ އިތުރު ފަރުވާ އަށް މާލެ ގެންދިއުމަށް ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެން ޗާޓަރު ފްލައިޓެއްގައި އެ ކުއްޖާ މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.