ރައީސް އޮފީހަށް އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓެއް

ޓެރަރިޒަމާ ގުޅޭ ކަންކަމުގައި ލަފާ ހޯދުމަށް ރައީސް އޮފީހަށް ކައުންޓާ ޓެރަރިޒަމް ކޮންސަލްޓަންޓެއް އައްޔަން ކުރައްވައިފި އެވެ.


"މިހާރު" އަށް އެނގިފައިވާގޮތުގައި އެ މަގާމަށް އައްޔަން ކުރެއްވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ޗެއާޕާސަން ނޫޝިން ވަހީދެވެ. ކޮންސަލްޓަންޓެއްގެ ގޮތުން އޭނާ ރައީސް އޮފީހުގައި މަސައްކަތް ކުރައްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އެކި ބޭނުންތަކަށް އައްޔަންކުރާ ކޮންސަލްޓަންޓުންގެ މައުލޫމާތު ރައީސް އޮފީހުން ހާމަ ހާމައެއް ނުކުރެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ނޫޝިން އެ މަގާމަށް އައްޔަންކުރެއްވީ ކޮންޓްރެކްޓެއްގެ ދަށުން ވަކި މުއްދަތަކަށެވެ.

ކައުންޓާ ޓެރަރިޒަމް ކޮންސަލްޓަންޓެއް ރައީިސް އޮފީހަށް އައްޔަން ކުރައްވާފައި މި ވަނީ ޓެރަރިޒަމްގެ ގާނޫނު އިސްލާހުކޮށް، ޓެރަރިޒަމާ ދެކޮޅަށް ވަރުގަދަ އަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާފައި ވަނިކޮށެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނަގައި މަރާލާފައި ވަނީ ދީނީ ހަރުކަށި ވިސްނުމުގެ ބައެކެވެ. އަދި އެ މީހުން ދަނީ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންނެވެ.