ގުޅުން ބަދަހިކުރުމުގެ ތިން އެމްއޯޔޫއެއްގައި ރާއްޖެ-ޗައިނާ ސޮއިކޮށްފި

ރާއްޖެ އާއި ޗައިނާއާ ދެމެދު މުހިއްމު ތިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.


ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ސޮއިކުރީ ދެ ގައުމުގެ ދެމެދު އޮތް ހާރިޖީ ގުޅުން ބަދަހި ކުރުމާ ގުޅޭ އެމްއޯޔޫއަކާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ އެމްއޯޔޫއެއްގައި އާއި ކުޅިވަރުގެ ދާއިރާގެ ކަންކަން ރާއްޖޭގައި ތަރައްގީ ކުރުމުގެ އެމްއޯޔޫއެއްގަ އެވެ.

އެމްއޯޔޫތަކުގައި ސޮއިކުރެއްވުމަށް ޗައިނާގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ސޮއިކުރި އެމްއޯޔޫތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

ޝާހިދު މިއަދު ކުރެއްވި ޓުވީޓު.

ހާއްސަކޮށް ހާރިޖީ ގުޅުން ބަދަހިކުރުމާ ގުޅޭ އެމްއޯޔޫގެ ސަބަބުން ބައިލެޓްރަލް އަދި މަލްޓިލޭޓަރަލް އެކި ކަންކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިތުރު މަޝްވަރާތަކަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ތިން އެމްއޯޔޫއެއްގައި ސޮއި ކުރިއިރު، ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމް މަޝްރޫއުގެ މަސައްކަތްތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީިއެމްއީސީ) އިން ވަނީ ސޮއިކޮށްފަ އެވެ.

ޝާހިދު ޗައިނާ އަށް ކުރައްވާ ރަސްމީ ދަތުރުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު، ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު އަދި އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޝާހިދު ޗައިނާ ވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދައުވަތަކަށެވެ. މިއީ މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދު އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.