ކެމިކަލް ގެންގުޅުމުގެ ގަވާއިދު ހޯމަ ދުވަހު ގެޒެޓް ކުރަނީ

ރާއްޖެ އަށް އެތެރެކުރާ ކެމިކަލްތައް ގުދަންކޮށް، ގެންގުޅުމާ ބެހޭ ގަވާއިދު އަންނަ ހަފުތާގައި ގެޒެޓް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.


މާލޭގައި ކެމިކަލް ރައްކާކުރި ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެތައް ގެއެއް އަނދައި، ހުލިވެ އެ ހާދިސާގައި އެކަކު ވަނީ މަރުވެފަ އެވެ. އެއީ ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ މިހާތަނަށް ވެސް ކެމިކަލް ގުދަންކޮށް، ގެންގުޅެމުން އައީ އެއްވެސް ގަވާއިދެއް ނެތި ކަމަށާއި އެކަމަށް ގަވާއިދެއް ހެދުމުގެ މަސައްކަތް ކުރީއްސުރެން ފެށިގެން ސަރުކާރުން ކުރަމުން ދިޔަ ކަމަށެވެ. މިހާރު އެކުލަވާލާ ގަވާއިދުގެ ދަށުން ނުރައްކާތެރި ކެމިކަލަކީ ކޮބައިކަން ކަނޑައެޅުމާއި ގެންގުޅުމާއި ވިއްކުމުގެ އުސޫލުތައް ކަނޑައެޅިގެންދާނެ ކަމަށާއި އެޓާނީ ޖެނެރަލްގެ ލަފައާ އެކު އަންނަ ހޯމަ ދުވަހު އެ ގަވާއިދު ގެޒެޓް ކުރެވޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ގަވާއިދު އެކުލަވާލުމާ ގުޅިގެން އަޅުގަނޑުމެންނަށް ލިބޭނީ ގާނޫނީ ބޭސިސްއެއް. މިތާކު މިއެއް ނުބެހެއްޓޭނެއޭ. އެތާކު އެވެނި ކަމެއް ނުކުރެވޭނެއޭ އެހެން ބުނަން." މާރިޔާ ވިދާޅުވި އެވެ.

އާންމު ގޮތެއްގައި ކެމިކަލްގެ ގޮތުގައި ރައްކާ ކުރެވެމުންދަނީ އާންމު ދިރިއުޅުމުގައި ވެސް ބޭނުންކުރާ ފަދަ ތަކެތި ކަން ފާހަގަ ކުރައްވައި، މާރިޔާ ވިދާޅުވީ އެފަދަ ތަކެތި ގެންގުޅުމުގެ ގަވާއިދެއް ނެތުމުގެ އިތުރުން އެ ތަކެތި ގުދަން ކުރާނެ އެހެން ސަރަހައްދުތަކެއް ވެސް ކުރިން ހަމަޖެހިފައި ނެތް ކަމަށެވެ. އެކަމުގެ މަސައްކަތްތައް ކުރިން ވެސް ކުރަމުން ދިޔަ ކަމަށާއި އެގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ވެސް ކުރިން ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިރާސާތައް ވެސް ހުރި ކުރެވިފައި. އެ ފަރާތްތަކާ އެކީގައި ވެސް ވާހަކަ ދެކެވިފައި ހުރީ. ކޮންމެވެސް ގޮތަކަށް ހައްލެއް ހޯދައިދޭން ޖެހޭ. ހަމަ ބޭރުކުރާށޭ، ތިތަނުން ނަގާށޭ ބުންޏަކަސް، އަދި މި އެއްޗެއް އެއީ އާންމު ދިރިއުޅުމުގައި ވެސް ބޭނުން ކުރަންޖެހޭ އެއްޗަކަށް ވާއިރު ގުދަން ކުރެވޭނެ ގޮތްތަކެއް ވެސް ހޯދައިދޭން ޖެހޭ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ކެމިކަލް ގެންގުޅުމާ ބެހޭ ގަވާއިދު ގެޒެޓް ކުރާއިރު، ގަވާއިދު އޮންނާނީ ވަރަށް ފުޅާ ދާއިރާއެއްގައި އެކަމާ ބެހޭ އުސޫލުތައް ކަނޑައެޅިފަ އެވެ. ގަވާއިދު ހެދުމަށް ވަގުތުތަކެއް ނެގީ ވެސް އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

ކެމިކަލް ގެންގުޅުމުގެ ގަވާއިދު އަންނަ ހަފުތާގައި ގެޒެޓް ކުރާއިރު، މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލު ކުރުން އަވަސް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ވަނީ އަންގަވައިފަ އެވެ.