ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފި އެވެ.


ފުލުހުން ބުނީ ދޫނިދޫގައި މި ފަހަރު ނައްތާލީ 2008-2014 ވަނަ އަހަރާ ހަމައަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ބަނގުރާ ކަމަށެވެ.

އެގޮތުން 500 އަށް ވުރެ ގިނަ ބަނގުރާ ފުޅި އާއި 150 އަށް ވުރެ ގިނަ ޕެޓް ފުޅި އާއި 200 އަށް ވުރެ ގިނަ ބިޔަރު ދަޅާއި ފަސް ހަމުގެ އިތުރުން ފަސް ލީޓަރުގެ ހަ ފުޅި އާއި ފަސް ޓައްޕުގެ އިތުރުން އެހެނިހެން ބައެއް ތަކެތި ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދާދި ފަހުން ވެސް ފުލުހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފަ އެވެ.