އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ)، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެމްބަރ 2019 - 11:15
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރް މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން ބޭއްވެވި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ޒަމާންވީ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ދެމެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އަދި އިތުރު ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ރާއްޖެ އާއި އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ކަމަށެވެ. މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ) އަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ އިތުރު ގައުމުތަކުގެ މެދުގައި އޮތް އެކުވެރި ބަދަހި ގުޅުން ހާމަވެގެންދިޔަ ބައްދަލުވުމެއް ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށައި ދެ ގައުމުގެ ބަދަހި ގުޅުމުގެ ފައިދާ ދިވެހިންނަށް ކުރަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ބުންޏެވެ.
މޯދީ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށެވެ.
އދ. ގައި ތަގުރީރުކުރެއްވުމަށް އެމެރިކާއަށް ވަޑައިގެން މޯދީއާ ބައްދަލުކުރެއްވިއިރު، މިދިޔަ ނޮވެމްބަރު މަހު ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާއަށެވެ. އޭގެ ފަހުން މޯދީ ވެސް ވަނީ މިދިޔަ ޖޫން މަހު ރާއްޖެ ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުބްލާ
24 September 2019
ބޮސް އާ ބައްދަލުކުރަންޖެހޭނެތާ ކޮންމެ ތަނަކަށް ދިއަޔަސް.
އައް.ޑު
24 September 2019
ވީ ޑޯންޓް ލަ އިކް މޯދީ .. ސަރ ޑޯންޓް މީޓް ހިމް!