ކޭބަލްތަކެއް ވަގަށް ނެގި މީހަކު އޭގައި ރޯކޮށްލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީގައި ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައި އޭގައި ރޯކޮށްލައިގެން އުޅެނިކޮށް މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނި ގޮތުގައި މެންދުރު 1:00 ހާއިރު ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ގެޔަކަށް ދިޔައިރު 22 އަހަރުގެ ފިރިހެނަކު، ގޭގެ ފާހާނާއެއްގެ ތެރޭގައި އުޅުނީ ކަރަންޓު ކޭބަލްތަކުގައި ރޯކޮށްލައިގެން ކަމަށެވެ. ކޭބަލްތަކުގައި ރޯކޮށްލީ އޭގެ އިންސިއުލޭޝަން ދާފަރާ ދުއްވާލުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަލިފާން ރޯކޮށްލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށާއި މީހަކަށް ވެސް އަދި އިމާރާތަށް ވެސް ގެއްލުމެއް ނުވާ ކަމަށެވެ.

މިކަން ކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.