އަބޫ ހަނީފް ޑިޕޯޓް ކުރުމަކުން ނުނިމުނު، ފައިސާ ބޭރުކުރަން އުޅެނިކޮށް ހުއްޓުވައިފި

ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގައި މަނީ ލޯންޑަ ކުރަމުންދިޔަ "ބޮޑެއް" ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް ޑިޕޯޓް ކޮށްލި ބަންގްލަދޭޝްގެ އަބޫ ހަނީފްގެ ނެޓްވޯކުން ގިނަ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރުކުރަން އުޅެނިކޮށް ކަމާބެހޭ އިދާރާތަކުން ހުއްޓުވައިފި އެވެ. އެނގިފައިވާ ގޮތުގައި ޑޮލަރާއި ޔޫރޯ އިން ބޭރުކުރަން އުޅުނު މި ފައިސާގެ އަދަދު 2.5 މިލިއަން ރުފިޔާ އަށް އަރަ އެވެ.


އަބޫ ހަނީފް، މި މަހުގެ 13 ގައި ޑިޕޯޓްކުރީ ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ. ރާއްޖެ އިން އޭނާ ފުރަން އުޅުނީ، އެނގިފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން އޮޕަރޭޝަނެއް ފެށުމާ އެކު، އޭނާ އަށް ވެސް ނުރައްކާ ބޮޑުވެފައި ވަނިކޮށެވެ. ޑިޕޯޓްކުރި އިރު އޭނާގެ ހިއްސާ އޮންނަ ވިޔަފާރިތަކުގެ މައުލޫމާތުތައް އާއްމުކޮށް، މަނީ ލޯންޑަރިން އާއި އެ ނޫން ގިނަ ކުށްތަކުގެ ތުހުމަތު ސޯޝަލް މީޑިއާގައި ވަނީ އަމާޒުވެފަ އެވެ.

ހަނީފްގެ އެއް ވިޔަފާރި އަކީ ދިވެހި ސަރުކާރަށް ޓެކްސް ނުދައްކައި ބިދޭސީންގެ މުސާރަ ގައުމަށް ފޮނުވައި ދިނުމެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާ ފައިސާ އިން ރެމިޓެންސް ޓެކްސްގެ ގޮތުގައި ތިން ޕަސެންޓް 2016 އިން ފެށިގެން ސަރުކާރަށް ދައްކަން ޖެހެ އެވެ. ހަނީފްއާ ފައިސާ ހަވާލުކުރުމުން، ސަރުކާރަށް ޓެކްސް ނުދައްކައި ފޮނުވައިދޭ ކަމަށް ވެ އެވެ.

ރާއްޖެ އިން އެންމެ ގިނަ އަދަދަކަށް ޑޮލަރު ބޭރުކުރާ އެކަކު ކަމަށް ތުހުމަތު ކުރެވޭ ހަނީފްގެ ވިޔަފާރި ރާއްޖޭގައި ފުޅާކޮށްފައި އޮތް ވަރުން އޭނާ ޑިޕޯޓްކޮށްލުމަކުން މައްސަލަ ހައްލު ނުވާނެ ކަމުގެ ޝަކުވާ ކުރި އެވެ. ކަންވީ ވެސް އެގޮތަށެވެ.!

ފައިސާ ބޭރުކުރަން އުޅުނު ދެ މީހަކު ހުއްޓުވައި ތަހުގީގު ކުރަނީ

ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅުނު ދިވެއްސަކާއި ބިދޭސީއަކު ދާދި ފަހުން ރާއްޖޭގެ ކަސްޓަމްސް އިން ހުއްޓުވައި މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. ތަފްސީލް ހާމަނުކުރި ނަމަވެސް ކަސްޓަމްސް އިން އެކަން ކަށަވަރުކޮށްދެ އެވެ.

މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ މައްސަލަތައް ބެލުމުގެ ގާނޫނީ ޒިންމާ އޮންނަނީ ފުލުހުންނަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފައިސާ ބޭރުކުރަން އުޅެނިކޮށް ދެ ފަހަރެއްގެ މަތިން ހިފެހެއްޓި ދެ މީހުންގެ ތެރެއިން އެކަކީ އަބޫ ހަނީފްގެ ސްޕޮންސަރެވެ. ބިދޭސީމީހާ އަކީ އެކި ގައުމުތަކަށް ފައިސާ ގެންދިއުމުގައި އެހީތެރިވަމުން އަންނަ މީހެކެވެ. އަހަރެއްހާ ދުވަހުގެ ތެރޭގައި 80 އަށް ވުރެ ގިނަ ފަހަރު އޭނާ ރާއްޖެ އައިސްފައިވާ ކަމަށް ވެ އެވެ.

ފައިސާ ބޭރުކުރަން އުޅުނު މައްސަލައިގައި "މިހާރު" އިން ފުލުހުންނާ ސުވާލުކުރުމުން މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މަހުގެ 15 ގައި އިންޑިއާގެ ރައްޔިތަކު ގިނަ އަދަދެއްގެ ޑޮލަރާއި ޔޫރޯ ހިފައިގެން ފުރަން ގޮސް އުޅެނިކޮށް ހުއްޓުވާފައިވާ ކަމަށެވެ. އޭނާގެ އަތުން 60،000 ޑޮލަރު (925،200ރ.) އާއި 5400 ޔޫރޯ (91،044ރ.) ފެނުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން ދެން ހުއްޓުވީ މިދިޔަ ހޯމަ ދުވަހު ފައިސާ ބޭރުކުރަން އުޅުނު ދިވެހި ފިރިހެނެކެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އުމުރުން 43 އަހަރުގެ އެ މީހާގެ އަތުން 4600 ޑޮލަރު (70،932ރ.) އާއި 37،500 ޔޫރޯ (594،950ރ.) ފެނިފައިވެ އެވެ.

ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރުކުރަން އުޅުނު ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަނީ ވަކި ދެ މައްސަލައެއްގެ ގޮތުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މި ދެ މައްސަލައިގައި ވެސް މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

މިއީ، އަބޫޫ ހަނީފްއާ ގުޅުން ހުރި ދެ މައްސަލަތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ނުކުރާ ކަމަށެވެ. އޭނާ ރާއްޖެ އިން ޑިޕޯޓް ކުރުމަށް ފަހު ވެސް ކުރި ތުހުމަތުތައް ތަހުގީގު ކުރަން އިމިގްރޭޝަނުން ހުށަހަޅައިފައެއް ނުވެ އެވެ.

އޭރު އިމިގްރޭޝަންގެ އޮފިޝަލު "މިހާރު" އަށް ވިދާޅުވެފައި ހަނީފް ޑިޕޯޓްކުރިއިރު، އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް އެ ތަނަށް މައްސަލައެއް ހުށަހަޅައިފައެއް ނުވެ އެވެ. ހަނީފް ޑީޕޯޓްކުރީ ރާއްޖޭގައި ހުރުމަށް ދިން ހުއްދައިގެ ޝަރުތާ ހިލާފުވުމުންނެވެ. އެކަަމަކު އޭނާގެ މައްޗަށް ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތައް އިމިގްރޭޝަނުން ދޮގެއް ނުކުރެ އެވެ.

ހަނީފް (ވ). އޭނާ ޑިޕޯޓްކުރީ ހުއްދައާ ޚިލާފުވުމުން ކަމަށް އިމިގްރޭޝަނުން ބުނޭ.

ލައިސަންސް ހިފެހެއްޓީ ހަނީފްއާ ގުޅުން ހުރި ވިޔަފާރިތަކެއްގެ

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދެ ފަރާތަކަށް ދޫކޮށްފައިވާ މަނީ ޗޭންޖާ އަދި ރެމިޓެންސް ލައިސަންސް މިދިޔަ ހަފުތާގައި ވަނީ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ. އެއީ، ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރެމިޓެންސް ލައިސަންސާއި ބަނޑަހަ ކެފޭ އަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސެވެ.

އެމްއެމްއޭ އިން ލައިސަންސް ހިފެހެއްޓި ބަނޑަހަ ފައިނޭންޝަލްސް ހިންގާ އިމާރާތް.

އެމްއެމްއޭގެ އިއުލާންގައިވާ ގޮތުން ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑުން ރެމިޓެންސް ވިޔަފާރި ކުރަމުން އަންނަނީ ޗާންދަނީމަގު، އެމްއެފް ބިލްޑިންގާއި ހ. ގަލަދުންގޭގަ އެވެ.

މި ދެތަނުގެ ލައިސަންސް ވަގުތީ ގޮތުން ހިފެހެއްޓީ، އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މައްސަލައެއްގެ ތަހުގީގު ކުރިއަށްދާތީ އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުންނެވެ.

އެނގިފައިވާ ގޮތުގައި އެމްއެމްއޭ އިން ލައިސަންސް ހިފެހެއްޓި މި ދެތަނަކީ ވެސް އަބޫ ހަނީފްގެ ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިތަކެކެވެ. މި ވިޔަފާރީގައި، ދިވެހި ޕާޓްނަރުން ވެސް ހިމެނޭ އިރު، ޑޮލަރު ބޭރު ކުރާ މައިގަނޑު އެއް ގައުމަކީ ސިންގަޕޫރު ކަމަށް ވެ އެވެ.

ހަނީފް އަކީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރުމުގައި ހިމެނޭ އެކެކެވެ. ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ވިޔަފާރި ކުރުމުގައި ގިނަ ބިދޭސީންތަކެއް ހަރަކާތްތެރިވަމުން އަންނަ އިރު އެ ބިދޭސީންނާއި ވިޔަފާރިތަކުގެ ނަންތައް ވެސް ސޯޝަލް މީޑިއާގައި އާއްމުކުރެ އެވެ. އެފަދަ މީހުން ހިންގާ ތަންތަނުގެ ތެރޭގައި ގެސްޓު ހައުސްތަކާއި ހޮޓާތަކާއި ފިހާރަތައް ވެސް ހިމެނެ އެވެ.

ތަހުގީގަކާ ނުލައި ހަނީފް ޑިޕޯޓްކުރުން މައްސަލައަކަށް ވީ އެފަދަ ކުށްތަކުގެ ނެޓްވޯކް ނުހޯދައި ދޫކޮށްލުމުންނެވެ. މައްސަލަ ހައްލުވާން އޮތީ، އެކަމުގައި ހިމެނޭ ދިވެހިންނާއި ބިދޭސީން ހޯދި ފިޔަވަޅު އަޅައިގެންނެވެ.