20،000 އާއިލާ އަށް ގެދޮރު އެޅުމުގެ ވައުދާ އެކު އެކްޝަން ޕްލޭން އިފްތިތާހުކޮށްފި

މަދުވެގެން 20،000 އާއިލާ އަށް ހައުސިން ޔުނިޓް އެޅުމާ އެކު މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކުރަން ރާވާފައި ހުރި ކަންކަން ހިމެނޭ އެކްޝަން ޕްލޭނެއް މިރޭ އިފްތިތާހްކޮށްފި އެވެ.


ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެކްޝަން ޕްލޭން އިފްތިތާހުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރު ކޯލިޝަންގެ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެކްޝަން ޕްލޭން ބަހާލާފައި ވަނީ ސަރުކާރުގެ މެނިފެސްޓޯގެ މައިގަނޑު ފަސް ވައުދު ކަމަށްވާ ނޫ އިގްތިސާދާއި އޯގާތެރި ސަރުކާރާއި ފަހުރުވެރި އާއިލާ އާއި ޖަޒީރާ ދިރިއުޅުމުގެ އިތުރުން ހެޔޮ ވެރިކަމަށެވެ. މި ފަސް ބައިން ޖުމްލަ 33 ދާއިރާއަކުން މި ފަސް އަހަރު ތެރޭގައި ކުރަން ރާވާފައި ހުރި ކަންކަން އެ ޕްލޭންގައި ހިމަނާފައިވެ އެވެ. ކޮންމެ ކަމެއް ނިންމަން ކަނޑައަޅާ މުއްދަތުތައް ވެސް ވަކިވަކިން އެ ޕްލޭންގައި ހިމަނާފައިވެ އެވެ.

ފަސް އަހަރު ނިމޭއިރު މަދުވެގެން 20،000 އާއިލާ އަށް ފްލެޓް ހަމަޖައްސައި ދިނުމާއި ހައުސިން ލޯނުގެ ގޮތުގައި މަދުވެގެން އެއް ބިލިއަން ރުފިޔާ ދޫކުރުމަށް އެ ޕްލޭންގައި ހިމަނާފައިވާ އިރު، ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން ޒުވާނުންނަށް ވަކި ކޯޓާއެއް ދިނުމަށް ވެސް ހިމަނާފައިވެ އެވެ. އަދި ވަޒީފާ އަށް ނުދާ މީހުންގެ އަދަދު މަދު ކުރުމަކީ ވެސް އެ ޕްލޭންގައި ހިމެނޭ ކަމެކެވެ.

އިގްތިސާދު

ފަސް އަހަރު ނިމޭއިރު މަސްވެރިކަމުގެ ދާއިރާއިން މަދުވެގެން 50 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމާއި އައިސް އުފެއްދުމުގެ ގާބިލްކަން 40 ޕަސެންޓް އިތުރު ކުރުމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގެ ލޯނު ސްކީމްގެ ފައިދާ މަދުވެގެން 1،500 ދަނޑުވެރިންނާއި 10 ދަނޑުވެރި ވިޔަފާރިއަށް ދިނުމާއި މަދުވެގެން 20 ޕަސެންޓް ދަނޑުތަކަކީ އެމް ގެޕް ސަޓިފައިޑް ތަންތަން ކަމަށް ހެދުމަކީ ވެސް އެ ޕްލޭންގައި ހިމެނޭ ކަމެކެވެ.

އިތުރު 35،000 ޓޫރިސްޓް އެނދު އިތުރު ކުރުމާއި ޚާއްސަ ޓޫރިސްޓް މާކެޓްތައް 20 ޕަސެންޓް އިތުރު ކުރުމާއި ޓޫރިޒަމް ޓްރެއިނިން ފަންޑުން މަދުވެގެން 30،000 މީހުންނަށް ފައިދާ ކުރުވުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ފަސް އަހަރު ތެރޭގައި ކުރަން އެ ޕްލޭންގައި ކަނޑައަޅާފައިވާ ކަންކަމެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން ގައުމީ ފެންވަރުގައި ބަލައިގަންނަ އެސްއެމްއީގެ ޑެފިނިޝަންއެއް އިންސްޓިޓިއުޝަނަލް ކުރުން 2022 ވަނަ އަހަރުގެ ނިޔަލަށް ޕްލޭންގައި ހިމަނާފައިވާއިރު، އެސްއެމްއީ ލޯނުތަކުގެ 40 ޕަސެންޓް އަންހެނުންނާއި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކުރުމަކީ 2021 ވަނަ އަހަރުގެ ނިޔަލަށް ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގްވާމީ ވިޔަފާރި ކުރުމަށްޓަކައި ޕޭމަންޓް ގޭޓްވޭއެއް ހެދުމަކީ 2023 ގެ ނިޔަލަށް ކުރަން އެ ޕްލޭންގައި ހިމެނެ އެވެ.

ވަޒީފާގެ ދާއިރާއިން މިއަހަރުގެ ނިޔަލަށް މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެ ޕްލޭންގައި ހިމަނާފައިވާ އިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު 33 ޕަސެންޓަށް ދަށް ކުރުމާއި ޖޮބް ސެންޓަރުތަކުން 10،000 މީހުންނަށް ޚިދުމަތް ދިނުމާއި ޚާއްސަ ދާއިރާތަކުގެ ވަޒީފާގައި ރައްކާތެރިކަމުގެ މިންގަނޑުތައް މޮޮނީޓާ ކުރާނެ ނިޒާމެއް ގާއިމް ކުރުން ހިމަނާފައިވަނީ 2023 ގެ ނިޔަލަށެވެ.

އިގްތިސާދު ސިންދަފާތު ކުރުމުގެ ގޮތުން ފަސް އަހަރުު ނިމޭއިރު، އިންކަމް ޓެކްސް ނެގުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދެކުނު އޭޝިއާގެ އެންމެ ރަނގަޅު އެއާޕޯޓްތަކުގެ ތެރޭގައި ހިމެނުމާއި އަދި 2022 ވަނަ އަހަރުގެ ނިޔަލަށް ގުޅީފަޅު ޕޯޓް މަޝްރޫއު ނިންމަން އެ ޕްލޭންގައި ހިމަނާފައިވެ އެވެ. އަދި އުފެދުންތެރިކަމުގެ ޒޯންތަކެއް ދެ ސަރަހައްދެއްގައި ގާއިމް ކުރުމާއި މިނިސްޓްރީތަކުގެ ޚިދުމަތްތަކުގެ 80 ޕަސެންޓް އޮންލައިކޮށް ލިބޭނެ ގޮތް ހެދުމަކީ ވެސް ފަސް އަހަރު ތެރޭގައި ކުރަން ހިމަނާފައި ހުރި ކަންކަމެވެ.

ސިއްހީ ދާއިރާ އާއި ތައުލީމް

ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ހިންގުން ޕްލޭންގައވެ އެވެ. އަސާސީ ބޭހުގެ އަގު 33 ޕަސެންޓް ދަށް ކުރުމާއި ހިތުގެ ބަލިތަކާއި ކެންސަރާއި ނޭވާލާ ނިޒާމުގެ ބަލިތައް ފަދަ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު 18 ޕަސެންޓް ކުރުމުގެ އިތުރުން މެޑިކަލް ނެގްލިޖެންސްގެ މައްސަލަތަކުގެ 75 ޕަސެންޓް މައްސަލަތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ބެލޭނެ ނިޒާމެއް ހެދުމަކީ ފަސް އަހަރު ނިމޭއިރު ނިންމަން ރާވާފައި ހުރި ކަންކަމެވެ.

ތައުލީމީ ދާއިރާ އާއި މަތީ ތައުލީމުގެ ދާއިރާގައި ވެސް ގިނައިން ހިމަނާފައިވަނީ ފަސް އަހަރު ނިމޭއިރު ނިންމަން ރާވާފައި ހުރި ކަންކަމެވެ. ހުރިހާ ސްކޫލްތަކެއް އެއް ދަންފަޅިއަށް ބަދަލު ކުރުމާއި މަދުވެގެން 25،000 މީހުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިނުމާއި ފަސް ސަރަހައްދެއްގައި މަތީ ތައުލީމު ދޭ މަރުކަޒު ގާއިމް ކުރުމާއި އަދި ފަސް ސަރަހައްދެއްގައި ޖޫނިއާ ކޮލެޖް ހެދުން އޭގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން އިޖްތިމާއީ ރައްކާތެރިކަމާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމާއި ކުޅިވަރުގެ ދާއިރާ އާއި އިޖްތިމާއީ ދާއިރާ ވެސް އެ ޕްލޭންގެ ތެރޭގައި ހިމަނާފައިވެ އެވެ.

ލާ މަރުކަޒު ކުރުން، ދަތުރުފަތުރު

ލާ މަރުކަޒީ ސިޔާސަތުގެ ތެރެއިން އަންނަ އަހަރު ނިމެން ވާއިރަށް މަދުވެގެން ތިން ބައި ކުޅަ އެއް ބައި ކައުންސިލަރުންނަކީ އަންހެނުން ކަމަށް ހެދުމާއި ފަސް އަހަރު ނިމޭއިރު ކައުންސިލްތަކުގެ އާމްދަނީ 70 ޕަސެންޓް އިތުރު ކުރުން ހިމެނެ އެވެ. އަދި ދަތުރުފަތުރުގެ ދާއިރާއިން އާބާދީގެ 90 ޕަސެންޓް މީހުންނަށް 30 މިނެޓްގެ ދަތުރަކަށް ފަހު އެއާޕޯޓަށް ދެވޭނެ ފަދަ ނިޒާމެއް ގާއިމް ކުރުމާއި މާލޭގެ އާބާދީގެ މަދުވެގެން 60 ޕަސެންޓް މީހުންނަކީ އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުން ކުރާ މީހުން ކަމަށް ހެދުމަކީ ފަސް އަހަރުގެ ތެރޭގައި ކުރަން ރާވާފައި ހުރި ކަންކަމެވެ.

އަދުލު އިންސާފު، ޖަވާބުދާރީ ކުރުވުން

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ތެރެއިން ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލައި ނިންމުމާއި ދެ ސަރަހައްދެއްގައި ޑިސްޓްރިކްޓް ކޯޓު ހެދުމާއި ގާނޫނު ކިޔަވައި ދިނުމުގެ ކަރިކިއުލަމް ބަދަލު ކުރުމާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރުކޮށް، ގައިދީންގެ އަދަދު މަދު ކުރުން ވެސް ހިމަނާފައިވެ އެވެ.

މަގުމަތީގެ އެކްސިޑެންޓްތައް މަދު ކުރުމާއި ސަލާމަތީ ޚިދުމަތްތަކާ މެދު އާންމުންގެ އިތުބާރު ބޮޑުކޮށް، ފުލުހުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމާއި ކޮރަޕްޝަން އިންޑެކްސްގައި މިހާރު އޮތް މިންވަރަށް ވުރެ ކުރިއެރުން ހޯދުމާއި މާލީ ބަޔާން އާންމު ކުރުން ވެސް އެ ޕްލޭންގައި ހިމެނެ އެވެ.

މީގެ އިތުރުން 75 ޕަސެންޓް ގާނޫނުތައް ހަދަނީ އާންމުންގެ ޚިޔާލު ހޯދައިގެން ކަމަށް ވުމާއި ހުރިހާ މެމްބަރުންގެ މާލީ ބަޔާން އާންމު ކުރުމާއި ނޫސްވެރިންނާއި މީޑިއާތަކަށް ބިރު ދެއްކުމުގެ މައްސަލަތައް 50 ޕަސެންޓަށް ދަށް ކުރުމަކީ ވެސް ފަސް އަހަރު ނިމެންވާއިރަށް ކުރަން އެ ޕްލޭންގައި ހިމެނޭ ކަންކަމެވެ.