ހާލުގައި ޖެހުނު މީހުންނަށް ފެނަކައިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި

މިދިޔަ މަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.


އަބަދަށް ފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ރޯވި އަލިފާން ފެތުރިގެން ގޮސް ހިނގި ހާދިސާގައި އެކަކު މަރުވެ އަދި އެތައް ގެއަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ފަރާތްތަކަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ފަރާތުން ދިން އެއް މިލިއަން ރުފިޔާގެ އެހީއާ ހަވާލުވެ ވަޑައިގަތީ އެކަމަށްޓަކައި އެ ކުންފުނީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ފެނަކައިން ކުރި ޓްވީޓް

އެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ރިލީފް ފަންޑެއް ވެސް ހުޅުވައިފަ އެވެ.