އެމްޑީއެންގެ މައްސަލަ ބަލައި ދައުވާކުރަންޖެހޭ: އަދާލަތު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށްފައި ވާތީ އެކަން ބަލައި ދައުވާކުރަން ޖެހޭ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.


"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެ އެވެ. އެގޮތުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.

އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން އެ ޖަމިއްޔާއިން ވަނީ މާފަށް އެދި އެ ރިޕޯޓް އިއްޔެ އަނބުރާ ގެންގޮސްފަ އެވެ. ނަމަވެސް އެ ޖަމިއްޔާގެ އެގްޒެކްޓިވް ޑިރެކްޓާ ޝަހިންދާ އިސްމާއިލް އަދިވެސް ގެންދަވަނީ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީއެންގެ އަމަލު ކުށްވެރިކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނުގައި ބުނީ އެ ޖަމިއްޔާގެ އަމަލަކީ ރާއްޖޭގެ މިނިވަންކަމާއި އަމާންކަމާއި އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އަސާސް ކަމުގައިވާ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށެވެ.

އަދި އެއީ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި ޖަމިއްޔާތަކުގެ ގާނޫނާ ވެސް ހިލާފު ކަމަކަށް ވާއިރު އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި އެ މައްސަލާގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާއުފުލުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފަ އެވެ. އަދި ޖަމިއްޔާއެއްގެ ގޮތުގައި އޮވެ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އަދާލަތު ޕާޓީގެ މިނިސްޓަރަކު ހުންނަވާ އިސްލާމިކް މިނިސްޓްރީން ވެސް އިއްޔެ ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފަ އެވެ.

އަދާލަތު ޕާޓީން ބުނީ އެ ރިޕޯޓާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އިންތިހާ އަށް ނުތަނަވަސްކަން އުފެދިފައިވާތީ ކަމާ ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކުން އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

"ދީނީ އިލްމުވެރިން ހިމެނޭގޮތުން ބައެއް އާންމުންނާ މެދު ދީނީ ހިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއްނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާކަން ފާހަގަކުރެވޭތީ އެއީވެސް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ބަލަންޖެހޭ މައްސަލައެއް ކަމުގައި މި ޕާޓީން ދެކެމެވެ.،" އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން އެ ރިޕޯޓްގައި ފާހަގަކޮށްފައި ވުމަކީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި އެފަދަ ޖަމިއްޔާއަކަށް އިންޓެލިޖެންސް މައުލޫމާތު ލިބުނުގޮތެއް ބަލަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދާލަތުން ވަނީ މިފަދަ ކަންކަމާ ގުޅިގެން އުފެދޭ ނުތަނަވަސްކަމުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކަށް އިންޒާރުދިނުމާއި، އަމަލުތައް ހިންގުންފަދަ ކަންކަން ނުކުރުމަށް ގޮވާލައިފަ އެވެ.