އެމްޑީއެންގެ ރިޕޯޓުގައި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ތަހުގީގުކޮށްދޭން އިސްލާމިކް މިނިސްޓްރީން އެދިއްޖެ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައި ވާތީ އެ މައްސަލަ ތަހުގީގު ކޮށްދޭން އެދި އިސްލާމިކް އެފެއާޒް މިނިސްޓްރީން ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.


އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ރަސޫލާ އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އެމްޑީއެންގެ ރިޕޯޓުގައި ލިޔެފައި ވާތީ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަަށް މިއަދު މެންދުރު ފަހު 1:45 ގައި ފުލުހުންނަަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެމްޑީއެން އިން ނެރުނު ރިޕޯޓްފައި މާތް ވި އިސްލާމްދީނާއި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ވާހަކަ ދައްކާފައި ވާތީ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު 13:45 ގައި ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅާފައި،" އިސްލާމިކް މިނިސްޓްރީގެ ޓްވީޓްގައި ވެ އެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެ އެވެ. އެގޮތުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.

މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމްޑީއެން ބަންދު ކުރުމަށް ގޮވާލައި، ސޯޝަލް މީޑިއާގައި އަޑު އުފުލަމުން އެބަދެ އެވެ. އެެ ކަން އެމްޑީއެމް އިން ފުލުހުންނަށް ހުށަހެޅުުމުން ފުލުހުން އަންނަނީ އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލި މީހުންގެ މައްސަލަ ބަލަމުންނެވެ.

ފުލުހުން ބުނީ، އެމްޑީއެންގެ މީހުން ހިމެނޭ ގޮތުން ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެ މީހުންގެ މައުލޫމާތު ހިމަނައި އެއީ އިސްލާމްދީން ނައްތައިލަން މަސައްކަތްކުރާ ބައެއް ކަަމަށް ބުނެ އެ މީހުންނާ މެދު ނަފްރަތު އުފައްދަން މަސަައްކަތް ކުރާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓްގައި ދީނުގެ ބައެއް ކަންކަމަށް ހަޖޫޖަހާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވޭތޯ އާއި އެ މައްސަލަ ބަލަމުންދޭތޯ ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާގައި ފުރަތަމަ ވިދާޅުވީ އެފަދަ މައްސަލައެއް ލިބިފައި ނެތް ކަަމަށެވެ. އެކަމަކު، އެމްޑީއެންގެ މީހުން ވެސް ހިމެނޭ ގޮތަށް، ވަކި ބައެއްގެ ފޮޓޯ ޖަހައިގެން، އެ މީހުންގެ މައުލޫމާތު ހިމަނައި އެއީ އިސްލާމްދީން ނައްތާލަން މުގުލުގައި ތިބި ބައެއް ކަމަށް ބުނެ އެ މީހުންނާ މެދު ނަފްރަތު އުފައްދަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތެރެއިން އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ވެސް ބަލާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އިސްލާމިކް މިނިސްޓްރީގެ ޓުވީޓުގެ ކުރިން ވިދާޅުވެފަ އެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބަލައިދޭން އެދި އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީ ލިބުނުކަން ފުލުހުން ކަށަވަރު ކޮށްދިނީ އެ މިނިސްޓްރީން ޓުވީޓު ކުރި ފަހުންނެވެ.

މައްސަލަ ހޫނުވުމުން އެމްޑީއެން އިން މިހާރު ވަނީ އެ ޖަމިއްޔާގެ ވެބްސައިޓުން ރިޕޯޓް ނަގައި، މާފަށް އެދިފަ އެވެ.