އިސްލާމިކް މިނިސްޓަރު އިލްމުވެރިންނާ ބައްދަލު ކުރައްވައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލަ ހޫނުވެފައި ވަނިކޮށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.


މިއަދު މެންދުރު ނަމާދަށް ފަހު، އިސްލާމިކް މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެ ބައްދަލުވުމުގައި ދީނީ އިލްމުވެރިން ވަނީ އެ ބޭފުޅުންގެ ހިޔާލުތައް މިނިސްޓަރާ ހިއްސާ ކުރައްވާފަ އެވެ.

މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މަޝްވަރާކުރީ ދީނަށް ފުރައްސާރަކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިއުން ހުއްޓުވުމާ ގުޅޭގޮތުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ދީނީ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސްބޭފުޅުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެމްޑީއެންއިން ނެރުނު ރިޕޯޓްގައި ދީނަށް ފުރައްސާރަ ކޮށްފައިވާތީ ދީނީ އިލްމުވެރިންތަކެއް ރޭ ބައްދަލު ކުރައްވައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެ އެވެ. އެގޮތުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. އެމްޑީޕީ ފިޔަވާ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ހުރިހާ ޕާޓީއަކުންވެސް ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފަ އެވެ.