ސ. ހުޅުދޫގައި ދިވެހި ފިރިހެނަކަށް ހަމަލާދީ ބޯފަޅާލާފައި އޮއްވައި މިރޭ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހުޅުދޫގެ ފްލެޓު ސަރަހައްދުގައި ޒަހަމްތަކަކާ އެކު ވެއްޓިފައި އޮތް މީހެއްގެ މައުލޫމާތު ލިބިފައިވަނީ މިރޭ އިރާކޮޅު ހަތެއް ޖަހާ ކަން ހާއިރު ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާގެ ބޮލުގައި އެއްޗަކުން ޖަހައި ބޯ ފަޅާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހާގެ ގައިގެ އެކި ތަންތަނުގައި ތަޅާފައި ހުރި ކަމުގެ ނިޝާންތައް ހުރި ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެމީހާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެމީހާ އަށް ހުޅުދޫ ހެލްތު ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް އައިއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.