މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި މުސްލިމުން ދައްކައިގެން ނުވާނެ ވާހަކަތަކެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ލިއެފައިވާ ރިޕޯޓުގައި ގޯސް ވާހަކަތަކެއް ހުރި ކަމަށް ނަޝީދު މި ވިދާޅުވީ، އެ ރިޕޯޓާ ގުޅޭ ގޮތުން އެންމެ ފުރަތަމަ އެމަނިކުފާނު ވެސް ކުރެއްވި ޓުވީޓަށް ފާޑުކިޔުން އަމާޒުވެ އަދި ސަރުކާރުން މި މައްސަލައިގައި ފިޔަވަޅު އެޅުން ލަސްކަމަށް ބުނަމުން އަންނަނިކޮށެވެ.
ނަޝީދު ކުރިން ކުރެއްވި ޓުވީޓުގައި، އިސްލާމްދީނަށް ތައުރީފް ކުރެއްވުމަށް ފަހު ވިދާޅުވެފައި ވަނީ އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ ދީނަށް ކުރާ އެންމެ ބޮޑު ފުރައްސާރަ ކަމަށެވެ. އެއީ، އެމްޑީއެންގެ ދިފާއުގައި އެމަނިކުފާނު ކުރެއްވި ޓުވީޓެއް ކަމަށް އެއްބަޔަކު ސިފަކުރި އެވެ.
އެކަމަކު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އަޅުގަނޑު އެމްޑީއެންގެ ރިޕޯޓް ކިޔައިފިން" ކަމަށާއި އެ ރިޕޯޓުގައި ނުރަނގަޅު ކަންކަން އެބަހުރި ކަމަށެވެ.
"އެއިން އެއް ކަމަކީ، މާތް ﷲ އާއި ކީރިތި ރަސޫލާއާ ބެހޭ ގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެވިފައިވުން. އެއީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާ ގުޅޭ ގޮތުން ރިޕޯޓުގައި ލިއެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސްކުރައްވާ ނުކުތާތަކެކެވެ. އެފަދަ ކަންކަމަށް އާއްމު މީހުން ވާހަކަ ދެއްކުން ރަނގަޅު ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ހުށަހަޅައިގެން ފުލުހުން އަންނަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނެފައި ވަނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކާއި ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީޡްފުޅުތަކަށް ފާޑުކީ މައްސަލައެއް އާންމު ފަރާތަކުން ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެކަމުގެ ތަހުގީގު ފަށައި މައުލޫމާތު ސާފު ކުރަމުން ދަނިކޮށް، ހަމަ އެ ދުވަހު އިސްލާމިކް މިނިސްޓްރީން ވެސް މައްސަލަ ހުށަހެޅި ކަމަށް ބަޔާނުގައިވެ އެވެ.
އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އެކަމަކު ފަހުން ރިޕޯޓުގައި ދިފާއުގައި ވާހަކަ ދައްކަމުން އަންނަ އިރު ވެބްސައިޓުން މިހާރު ވަނީ ރިޕޯޓް ނަގައިފަ އެވެ. އެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އަށް ފިޔަވަޅު އަޅަން ދީނީ އިލްމުވެރިން އަންނަނީ ގޮވާލަމުންނެވެ.