ދީނަށް ފުރައްސާރަކުރާ ނަމަ ރައީސް ފިޔަވަޅު އަޅުއްްވާނެ: ގާސިމް

އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް އަޅަން ޖެހޭ ފިޔަަވަޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޅުއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.


ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ދީނަށް ފުރަައްސާރަ ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ރައީސް ނުދެއްވާނެ ކަމަށެވެ. އެފަދަ ކަންކަމުގައި އެމަނިކުފާނު ފިޔަވަޅު އަޅުއްވާނީ ކެތްތެރިކަމާއި ވިސްނުންތެރިކަމާ އެކުގައި ކަަމަށް ގާސިމް ވިދާޅުވި އެވެ.

ދީނަށް ފުރައްްސާރަ ކުރި މައްސަލައިގައި ފަސާދަ އުފައްދަން "ކަނޑިބަޑި ހިފައިގެން ނުކުމެ އުޅެން ނުޖެހޭ" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް އެ އިޝާރާތް ކުރެއްވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ މައްސަލައިގައި ފިޔަވަޅު އެޅުން ލަސް ކަމަށް ބުނެ ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކަށް ކަމަށް ބެލެވެ އެވެ. ދީނީ އިލްމުވެރިންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކުން ދަނީ އެ ރިޕޯޓާ ގުޅިގެން ނުރުހުންފާޅުކޮށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.

ގާސިމް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު ރާއްޖޭގެ ގާނޫނު އަސާސީން އެއްވެސް މީހަކަށް ދީފައި ނެތް ކަމަށާއި އެފަދަ ކަންތައް ހުއްޓުވުމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ހުވާކޮށްގެން ތިބި ގިނަ ފަރާތްތަކެއް އެބަތިބި ކަމަށެވެ. އެމްޑީއެން އިން ދީނަށް ފުރައްސާރަ ކުރި މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އިރު ސަރުކާރުގެ ތެރެއިން ވެސް އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާށޭ، މި ގައުުމުން އިސްލާމްދީން ފޮހެއެއް ނުލެވޭނޭ. ކީރިތި ޤުުރުއާނަށް މަލާމާތްކޮށް ޖޯކު ޖަހައި ނުހެދޭނޭ. ކީރިތި ރަސޫލާއަށް މަލާމާތްކޮށް، އެގޮތަށް އެކަންތައްތައް ކުރުމުގެ އެއްވެސް ޖާގައެއް ނެތޭ. ބޭޒާރުވެ ނިކަމެތިވެގެން ދާނީ އެ މީހެކޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅާނެ މުއައްސަސާތައް ރާއްޖޭގައި މަދެއް ނޫނެވެ.

"ދިވެހި ރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް ހަވާލުކޮށްފައިވާ މަތިކޮށްފައިވާ ވާޖިބާ، ފަރުޟާ، ސުންނަތް އަދާ ނުކުރައްވާނެ ކަމަށް އަަޅުގަނޑުމެން ގަބޫލުކޮށްގެންހޭ މި ތިބީ. ނޫން، އެއްގޮތަކަށް ވެސް އެހެންނެއް ނޫން،" ރައީސަށް ތައުރީފު ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބަލައި ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ރިޕޯޓްގައި ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.

އެ މައްސަލައިގައި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އާއްމުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ރައީސް އަދި އެ ރިޕޯޓާ ދެކޮޅަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.