ޑްރަގާ އެކު އަތުލައިގަތް ބޭރުގެ ބޯޓުގައި ކޮން ބައެއްކަން ނޭނގޭ ހަ މީހަކު އެބަތިބި: ފުލުހުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެއްޗާ އެކު ދަތުރު ކުރަމުން ދަނިކޮށް އަތުލައިގަތް ބޭރުގެ ބޯޓުގައި ކޮން ބައެއް ކަން ނޭނގޭ ހަ މީހަކު އެބަތިބި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުހުންނާއި ކޯސްޓްގާޑް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން، ހއ. ތުރާކުނާ ދިމާލުން ވަނީ މަސްތުވާތަކެތި ހުރި ބޭރުގެ ބޯޓެއް އަތުލައިގެންފަ އެވެ. އަދި އެ ބޯޓުން މަސްތުވާތަކެތި ނެގުމަށްޓަކައި ދަތުރުކުރި ކަމުގެ ތުހުމަތުގައި ރާއްޖޭގެ ދޯންޏެއް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.

ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަންގައި ހިފެހެއްޓި ބޭރުގެ ބޯޓުގައި ކޮން ބައެއް ކަން ކަށަވަރު ނުވާ ހަ މީހަކު ތިބިކަން މިހާތަނަށް ފާހަގަ ކުރެވޭ ކަމަށާއި އަދި އެ އޮޕަރޭޝަންގައި ހިފެހެއްޓި ދިވެހި ދޯނީގައި ދެ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހަކު ތިބި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު ބޭރުގެ އެ ބޯޓަކީ ކޮން ގައުމެއްގެ ބޯޓެއް ކަން ފުލުހުން ހާމައެއް ނުކުރެ އެެ.

ފުލުހުން ބުނިގޮތުގައި އެ ދެ އުޅަނދު ވެސް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިރޭގެ ވަގުތެއްގައި ދޫނިދޫއަށް އެ ދެ އުޅަނދު ވެސް ގެނެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

ދާދިފަހުން ވެސް ރާއްޖެއަށް 49 ކިލޯގެ މަސްތުވާތަކެތި ހިފައިގެން އައި އީރާނުގެ ބޯޓެއް ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލާގައި އީރާނުގެ ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ.