އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ މި ބަލަނީ ޚާއްސަ އިސްކަމެއް ދީގެން: ހަމީދު

އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުން ދަނީ ޚާއްސަ އިސްކަމެއް ދީގެން އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީއެން އިން ދާދިފަހުން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ހިމަނާފައިވާ ވާހަކަތަކާ ގުޅިގެން ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބައެއްގެ ފާޑު ކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ. އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުން ދަނީ ވަރަށް ޚާއްސަ އިސްކަމެއް ދީގެން އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި އެއްވެސް ފަރާތަކާ މެދު ޖެހިލުން ނުވާނެ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދުގެ ކުރެއްވި ޓްވީޓް

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވެސް ކުއްލި މައްސަލައެއް މެމްބަރަކު ވަނީ ހުށަހަޅުއްވައިފަ އެވެ. އެކަމާ ގުޅިގެން އެ ޖަމްއިއްޔާ އުވާލަން ބައެއް ވެސް މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.