ނޫމަޑިން އިމާރާތްކުރި ސިފައިންގެ ފްލެޓް: އެ ކުންފުނީގެ ދެ އެއްބަސްވުމެއް ބާތިލްކުރުމުން ބަދަލު ދޭން ޖެހުނީ ދައުލަތަށް. --ފޮޓޯ/ނޫމަޑި
09 އޮކްޓޯބަރ 2019 - 12:54
ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާ ހަވާލުކުރި ދެ އެއްބަސްވުން ގާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ގާތްގަނޑަކަށް (849،750،000ރ.) މި ސަރުކާރުން ދައްކައިފި އެވެ.
ނޫމަޑިއާ އެކު އެއްބަސްވީ އެކި ރަށްތަކުގައި 1،100 ހައުސިން ޔުނިޓް އަޅާށެވެ. އެކަމަކު މި އެއްބަސްވުން ކުރީގެ ސަރުކާރުން ވަނީ އުވާލައިފަ އެވެ. ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނަވައި މި އެއްބަސްވުން ބާތިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅީ 2017 ގަ އެވެ.
ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދާށެވެ.
"ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައި ވަނީ ކޯޓާއި އާބިޓްރޭޝަނުން ބޭރުގައި ހައްލުކުރަން ޖެހޭ ފަދަ މައްސަލަތައް ހައްލުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ސެޓްލްމަންޓު ކޮމިޓީގައި އެ މައްސަލަތަކާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ،" ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ނޫމަޑިއާ އެކު ސެޓްލްމަންޓު އެގްރީމަންޓެއްގައި ސޮއިކުރީ މިދިޔަ އޮގަސްޓު މަހުގެ 25 ގައި ކަަމަށެވެ. އޭގައި އެއްބަސްވެވުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ނޫމަޑި ފަރާތުން އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.
އެއް މައްސަލައަކީ، ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުން ބާތިލް ކުރުމެވެ. މި ހައުސިން ޔުނިޓްތައް އަޅަން އެ ކުންފުންޏާއި ހައުސިން މިނިސްޓްރިއާ ދެމެދު ސޮއިކުރީ ޖެނުއަރީ، 20، 2011، ގަ އެވެ.
ނޫމަޑިން އާބިޓްރޭޝަނަށް ދެން ހުށަހެޅީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް 1 އާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުމުގެ މައްސަލަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ މެއި، 30، 2013 ގައި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ކޮމިޓީ އަށް ބުރަވެވުނީ ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެހެންވެ ނޫމަޑިއާ އެކު ވެސް މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް ބަދަލުދިނީ ރައީސުލްޖުމްހޫރިއްޔާގެ ވެސް ލަފައާ އެކުގައި ކަަމަށް މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުގެ ބައެއް އިސްވެރިން ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑި އެއްބަސްވުން ބާތިލްކުރީ، އެ އެއްބަސްވުމާ ޚިލާފަށް ކަން ކުރީގެ މިނިސްޓަރު މުއިއްޒު ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ. އޭނާގެ ފަރާތުން އާބިޓްރޭޝަނަށް ފޮނުވި ލިއުމެއްގައި، އެއްބަސްވުން އުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވުމުން ކަމަށް ވިދާޅުވެފައިވާ ކަަމަށް ވެސް މި ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
މީގެތެރެއިން އެކި ފަރާތްތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ދިވެހި ސަރުކާރުން ދެއްކި 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ)، ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ)، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ކޮންޓްރެކްޓަރުންނަށް 26.1 މިލިއަން ރުފިޔާ އަދި ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލުގައި ދޭން ކޯޓުން ހުކުމް ކުރި ހަތް މިލިއަން ރުފިޔާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލެޖު ބޯއީ
10 October 2019
ހަނިމާދޫ ގައި އެތައް ބައިވަރު ގެތަކެއް އެހެރީ ނޫމަޑިއާއި އެހެން ބަޔަކު ގުޅިގެން އަޅާފަ، ބައެއް ތަންތަން ގާތްގަނޑަކަށް ނިމިފަ. އެހެނަސް، ކޮންމެވެސް ހުރަހަކާއި ހެދި އެގެތައް ބަޔަކަށް ނުދެވުނު. މިއަދު އެތަންތަން ހަލާކުވެ، ވީރާނާ ވެދަނީ. ދައުލަތަށް މާލީގެއްލުން. ގޯތިނުލިބި ތިބި ރައްޔިތު މީހުން ތަނެއް ނުލިބިދަނީ. އެތަންތަން ހަދަން ގެނައި އެތައް ސަތޭކަ ސިމެންތި ކޮތަޅުތައް ވެސް ޒަމާންވެގެން ގޮސް ގަނޑުވެ ހިލައަށް ވެފަ. އެހެނަސް ނޫމަޑިއަށް މިދެނީ ބަދަލު.
ނުރަބޯ
10 October 2019
ނިންމަން ޙަވާލުކޮށްފަ އޮތް ތާރީޚަށް ނުނިމެންޔާ ނުވަތަ މަސައްކަތް ދާންޖެހޭ ވަރަށް ކުރިޔަށް ނުދާނަމަ އެގްރިމެންޓް ބާތިލް ކުރެވޭނެކަމަށް އޮންނާނެ ކޮންމެ އެގްރިމެންޓަކުވެސް. 2011 ޙަވާލުކުރި ވިއްސަކަށް ހައުސިންގ ޔުނިޓް 2015-2016 އަށް ނުނިމުން އެއީ މައްސަލައެއް. އެމް،ޑީ،ޕީގެ މަސްލަހަތު އޮތް ކުންފުންޏެއް ވީމަ ކޯޓުން ގޮތެއް ނުނިންމަނިސް ކޯޓުން ބޭރުން ބަދަލުދޭން އެއްބަސްވެގެން ތިއުޅެނީ. ފާޅުގައި ވައްކަން ތިކުރަނީ މިހާރު.
އޮސްކާ
10 October 2019
ދަ ނިއު ފޯމް އޮފް ވައްކަން އެމްޑީޕީއިން ދަސްކޮށްފި. ތިޔަ ބުނާ ބަދަލުތަކާއި ސެޓުލްމަންޓުތަކުގެ ތަފްސީލު ހާމަ ކުރާނެ ތީގައި އޮޅުވާލުމެއް ނެތް ނަމަ. ނުކުރާ މަސައްކަތަކަށް، ނުހިނގާ ހަރަދަކަށް ނަމަވެސް ވެދާނެ ފައިދާއަށް ބަދަލުދޭން ވެއްޖެނަމަ، އަހަރެންނަށްވެސް ލިބެންވާނެ. ވެރިކަން ދޯ ދިޔާ ކަމުން އަދި އަނިޔާވެރިކަމުން، އަހަރެން ވީ މާޔޫސްކަން ބޮޑުވެ، މަސައްކަތް ހުއްޓުނީ. ވީމާ އިބޫ ބަދަލުގެ ގޮތުގައި އަހަންނަށް ވެސް 2.5 ބިލިއަން ރުފިޔާ ނަގައިދޭންވާނެ.
ކައްބޮލި
10 October 2019
ނުބައިނުލަފާ ގަޓުބޮޑު ކަޓުބޮޑު ރައީސްގެ ސަބަބުން ގައު މަށް ލިބިފަހުރި ގެއްލުންތައް ގުނާއަދަދު ނުކުރެވޭ
ގާޒީ
10 October 2019
ދައުލަތުންވީންނު ބ މލ ލޯނުނަގާފަ ނުދެއްކިފަ ތިބި ދިވެހި ނިކަ މެތި ރައްޔިތުންގެ ލޯނު ދައްކަދޭން؟
ނެގުނުކަތީބު
10 October 2019
ރޯމާދުވާލު އެންމެންގެ ލޯމަތީ ފޭރުން
ނެގުނުކަތީބު
10 October 2019
ކިހާބޮޑުވެއްޖެކަމެއް! މިހެން ކަންކުރާ ވެރިންނަށް ވެރިކަމަށް ދެވަނަ ފަހަރަށް ކުރިމަތި ނުލެވޭގޮތަށް ނުވަތަ ވަޒީފާއެއް އަދާނުކުރެވޭގޮތަށް ހަދައި ގެއްލުންވި ޢަދަދަށް ޖަލަށް ލައި މުދާ ދަޢުލަތަށް ނެގޭގޮތަށް ހަދަންވެއްޖެނޫންތަ. ހުރިހަ ގެއްލުމެއް އާއްމުންނަށް.
މަންޑޭލާ
10 October 2019
ވަގައްގޮވާފަ ދައުލަތުގެ ބަޖެޓު ފެންތައްޓަކާ ނުލާ ދިރުވާލީ މިސަރުކާރުން.
8888
10 October 2019
މިސަރުކާރުން ރައްޔިތުންނަށް ކޮށްދިން އެއްކަމެއްނެތް. ދަރަނި 50 ބިލިއަނަށް 33 ބިލިއަނުގެ ބަޖެޓެއް ތަޅާ ބުރުވާލައިފި. ޝާހިދުގެންނަ ހިލޭ އެހީ ވައްތާތަނެއް ނޭނގެ. މިސަރުކާރު ހަވާލުވިއިރު، ދިވެހިން ބުނަމުން ދިޔަ ހުސްކުރި ތިޖޫރީއަށް 5 އަހަރު ތެރޭ 756 މިލިއަން ޑޮލަރު އިތުރުވި. މައުމޫނު 2 މިލިއަން ޖުމްލަ 956. މިހާރު އޭގައި ހުރީ 400 މިލިއަން. ގައުމު އެކީ ހުސްކޮށް ނިންމައިފި. އެކަމަކު ހޭބަލި ދިވެހިން ރައީސް ޔާމީން ޔާމީން ކިޔައި ހުތުރު ގޮވެލިފަތިގޮވުމުގައި
ޙާދިމު
10 October 2019
ޢަދިވެސް ފުލުހުން ބަލާތި ޔާމީން ދިފާޢު ކުރެވޭތޯ. ބަދަލު ހޯދުމުގެ މައްސަލަތަކަކީ މިހާރު އެންމެ ބޮޑު ވައްކަން. އޭގެން 10 ޕަސެންޓް ވަންނާނެ ތިޔަ ކުރީގެ ސަރުކާރުގެ މިނިސްޓަރުންގެ ޖީބަށް. ހަމަ މިހާރުން މިހާރަށް އެ އެންމެންގެ އެކައުންޓުތައް ފްރީޒް ކިރިމަށް ގޮވާލަން.
ގޮބޮޅި
10 October 2019
މުއީޒަށް 25 މިލިއަން ލިބެޔޯ ކިޔާއަޑުއެހިން
ހހހހހ
10 October 2019
ތިމައްސަލަ ބަލަންވާނެ، މިހާރުގެ އިކޮނޮމިކްސް މިނިސްޓަރާ ފިނޭންސް މިނިސްޓަރާ އޭޖީއާ ނުގުޅި މުއިއްޒަކަށް ތި ފައިސާއެއް ނުލިބޭނެ. ކޯޓުން ބޭރުން ހައްލުކޮށް ފައިސާ ދިނީ މިމީހުންގެ ނިންމުމަށް. އަދި ހަނދާން ނައްތާލައިގެން ނުވާނެ. ފައިސާދޭން ބުނީ ރައީސްކަމަށް މި ލިޔުމުގައި އެބައޮތް.
އިބޫ ހުޅުމާލެ
10 October 2019
ޙާދިމް.. މިކޮމެންޓު ބަލާލަ ދެއްވާ ނިންމަން ޙަވާލުކޮށްފަ އޮތް ތާރީޚަށް ނުނިމެންޔާ ނުވަތަ މަސައްކަތް ދާންޖެހޭ ވަރަށް ކުރިޔަށް ނުދާނަމަ އެގްރިމެންޓް ބާތިލް ކުރެވޭނެކަމަށް އޮންނާނެ ކޮންމެ އެގްރިމެންޓަކުވެސް. 2011 ޙަވާލުކުރި ވިއްސަކަށް ހައުސިންގ ޔުނިޓް 2015-2016 އަށް ނުނިމުން އެއީ މައްސަލައެއް. އެމް،ޑީ،ޕީގެ މަސްލަހަތު އޮތް ކުންފުންޏެއް ވީމަ ކޯޓުން ގޮތެއް ނުނިންމަނިސް ކޯޓުން ބޭރުން ބަދަލުދޭން އެއްބަސްވެގެން ތިއުޅެނީ. ފާޅުގައި ވައްކަން ތިކުރަނީ މިހާރު.