ގާނޫނާ ޚިލާފަށް، އުސޫލުން ބޭރުގައި އެއްބަސްވުންތައް ބާތިލްކުރުމުން އެކި ފަރާތްތަކަށް ނަގައިދޭން ޖެހޭ ބަދަލުގެ މިންވަރު 2 ބިލިއަން ޑޮލަރު (30 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ލަފާކުރެވޭ ކަމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

އެކަމަކު އޭނާ ވިދާޅުވީ ހައްގު ނިގުޅައިގަތް ފަރާތްތަކަށް އިންސާފު ހޯދައި ދޭން ކުރާ މަސައްކަތުގައި، ބަދަލު ނަގައިދޭ އިރު ވެސް ބަލަނީ ދައުލަތަށް ވީހާވެސް ލުއިވާނެ ގޮތަކަށް އަމަލުކުރަން ކަމަށެވެ.

ސަރުކާރަށް ހަ މަސް ވި އިރު ފެންނަނީ ދައުލަތުގެ ބަޖެޓުން ފައިސާ ބަހާ މަންޒަރު ކަމަށާއި ނިންމުންތައް ނިންމަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭ ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ.

އަލީ ޒާހިރު "މިހާރު" އަށް ވިދާޅުވީ ދައުލަތުން ބަދަލު ދޭން ޖެހިފައިވާ މައްސަލަތަކުގައި، ފާޑުކިއުން އަމާޒުކުރާ ފަރާތްތަކުން އެ މީހުން ހިންގި ގޯސްތަކާ މެދު ލަދުވެތިވާން ޖެހޭ ކަމަށެވެ. ދައުލަތާ އެކު ވެފައި ހުރި ގިނަ އެއްބަސްވުންތަކެއް ހަމައެއް ލަމައެއް ނެތި، އުސޫލާ ޚިލާފަށް ކުރީ ސަރުކާރުން ބާތިލްކޮށްފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯސްކޮށް އެއްބަސްވުންތައް އުވާލުމުން ހައްގުވާ ބަދަލުގެ ގޮތުގައި އެކި މީހުންނަށް ދައުލަތުން ދައްކަން ޖެހިފައިވާ ފައިސާގެ އަދަދު ދެ ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ.

އޭނާ ވިދާޅުވީ ބަދަލުގެ އަދަދު ބޮޑުވެ، ދައުލަތަށް ބުރަ އުފުލަން ޖެހިފައި ވަނީ ގާނޫނާ ޚިލާފަށް ކުރީ ސަރުކާރުތަކުން އަމަލުކޮށްފައިވާތީ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ބޭއިންސާފުން ކަންކަން ކޮށްފައިވާ މިންވަރުގެ މިސާލެއް ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ރިސޯޓް ހިންގަމުން ދަނިކޮށް ވެސް ކުއްލިއަކަށް ސިޓީއެއް ފޮނުވައި، ރަށް އަތުލާފައި އެބަހުރި ކަމަށެވެ.

"މި ލެވެލްގައި ކަންތައްތައް ކޮށްފައި އެބަހުރި. އެ މީހުން އެ ތިބެނީ އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓެމެންޓްތައް ބަންދުކޮށް، މުދާ ފީވެ، ސުންނާފަތިވެފައި އެބަހުރި. ދެން އެއީ، ނުވާ ކަމަކަށް ހަދާފައި ދޫކޮށްލެވޭނެތޯ،" އަލީ ޒާހިރު ވިދާޅުވި އެވެ.

"އެ ގޮތަށް ހުރި ކަންކަމުގައި މީހުން އެބަ އާދޭ ރައީސުލްޖުމްހޫރިއްޔާ ހަމައަށް ވެސް ޝަކުވާ ހިފައިގެން. އެއީ، އެކަން ހިނގާފައިވާ ގޮތުން އަލި މަގެއް ހޯދުމަށްޓަކައި، އިންސާފު ލިބިގަތުމަށްޓަކައި."

ނޫސްވެރިންގެ ބައްދަލުވުމުގައި ޒާހިރު ވާހަކަ ދައްކަވަނީ: ކުރީގެ ސަރުކާރުތަކުން ގޯސްކޮށް ގިނަ އެއްބަސްވުންތަކެއް އުވާލާފައިވާ ކަމަށް ވިދާޅުވި. --ފޮޓޯ/ މިހާރު
ނޫސްވެރިންގެ ބައްދަލުވުމުގައި ޒާހިރު ވާހަކަ ދައްކަވަނީ: ކުރީގެ ސަރުކާރުތަކުން ގޯސްކޮށް ގިނަ އެއްބަސްވުންތަކެއް އުވާލާފައިވާ ކަމަށް ވިދާޅުވި. --ފޮޓޯ/ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތީ، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން ކަން ފާހަގަކުރައްވަމުން އަލީ ޒާހިރު ވިދާޅުވީ ރައްޔިތުން މި ސަރުކާރާ ހަވާލުކުރި އެންމެ ބޮޑު ޒިންމާއަކީ ވެސް އެއީ ކަމަށެވެ. ނުހައްގުން ވަޒީފާ އިން ވަކިކޮށްފައި ނުވަތަ މުދާ އަތުލާފައިވިޔަސް އެ ބާވަތުގެ ކަންކަމަށް އިންސާފުވެރިކަމާ އެކު ހައްގު ހޯދައި ދިނުމުގެ ވައުދު މި ސަރުކާރުން ހަނދާން ނުނެތޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ސިޔާސީ އެކި ސަބަބުތައް ދައްކައި ވަކިކުރި މީހުންގެ ވަޒީފާތައް ވެސް މިހާރު އަންނަނީ އިޔާދަކުރަމުންނެވެ.

ސަރުކާރުގެ ވަކި މީހެއްގެ މަސްލަހަތެއްގައި ނިންމުންތަކެއް ނުނިންމާ. އެއްވެސް މީހަކާ މެދުގައި ނުހައްގުން ކަންތައް ކުރެވިފައިވާ ނަމަ، މަސައްކަތް ކުރަނީ އިންސާފު ހޯދައި ދޭން.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ، އަދި މަސައްކަތް ކުރަމުން އަންނަނީ ބަދަލުދޭން ޖެހޭ މައްސަލަތަކުގައި ވެސް ދައުލަތަށް އެންމެ ލުއި ގޮތަކަށް އަމަލު ކުރުމެވެ. އެގޮތުން ދެ ފަރާތް އެއްބަސްވެގެން ނަމަވެސް އެފަދަ މައްސަލަތަކުގައި އެންމެ ކުޑަ އަދަދަކުން މައްސަލަ ނިންމޭތޯ މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

"މިގޮތުން ފަަހަރަކު މައްސަލައެއް ބަލަމުން އަންނަނީ، ބައެއް އެއްޗެހި ކޯޓު މަރުހަލާގެ ތެރެއިން އެ އޮންނަ ޕްރޮސެސް ނިމޭ އިރުގައި އޭގެ އަދަދަށް ވުރެ ބޮޑުވާނެ ހެން ހީވާ ނަމަ، ކޯޓުން ބޭރުގައި ވާހަކަ ދައްކައިގެން ހައްލު ހޯދަން މަސައްކަތް ކުރަން،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ހައްގު ހޯދައިދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މަގްސަދު އޮޅުވާލައި ސަރުކާރު ބަދުނާމު ކުރަން ވާހަކަ ފަތުރަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ.

"ސަރުކާރުގެ ވަކި މީހެއްގެ މަސްލަހަތެއްގައި ނިންމުންތަކެއް ނުނިންމާ. ވަކި ޕާޓީއެއް ނުވަތަ ވަކި ކުލައެއްގެ މީހަކަށް ބަލައިގެން ނޫން ނިންމުންތައް ނިންމަނީ. އެއްވެސް މީހަކާ މެދުގައި ނުހައްގުން ކަންތައް ކުރެވިފައިވާ ނަމަ، އިންސާފު ހޯދައި ދޭން މަސައްކަތް ކުރަނީ،" އަލީ ވިދާޅުވި އެވެ.

ވަކި މީހަކާ މެދު ތަފާތު ކުރުމެއް މި ސަރުކާރުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"ސަރުކާރުން ވަކި މީހަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުން ނުވަތަ ނާޖާއިރު ނުފޫޒެއް ބޭނުންކޮށްގެން އެއްވެސް މީހަކަށް ފައިދާ ހޯދައިދީފައިވާ ނަމަ އެ ކަމެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަންވީ، ނުވިތާކަށް ސަރުކާރުގައި ވެސް އެބަހުރި އެކި މެކޭނިޒަމްތައް،" އަލީ ޒާހިރު ވިދާޅުވި އެވެ.