ކޮވިޑާ ގުޅިގެން ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތްނުކުރާ ގޮތަށް ހަމަޖައްސާފައިވާ މުއްދަތު ހަފްތާއެއްގެ ނިޔަލަށް އިތުރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މި މުއްދަތުގައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަށާއި، އެ އެޖެންސީގެ އެންގުންތަކަށް ފުރިހަމަ އަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.
ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރަން ކުރަން އެންމެފަހުން އެންގި މުއްދަތު ހަމަވީ މިއަދަށެވެ. އިތުރު ހަފުތާއަކަށް މުއްދަތު އިތުރު ކުރުމާ އެކު މި މަހުގެ 22 އާ ހަމަ އަށް އޮފީސްތައް ހުންނާނީ ބަންދުކޮށްފަ އެވެ.
ގޭގައި ތިބެގެން މުވައްޒަފުންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފު އަލީ ޒާހިރު ސޮއިކުރައްވާ ނެރުނު އެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން އޮފީހަށް ހާޒިރުވާން ޖެހިއްޖެ ނަމަ އެ އިދާރާގެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތުގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތްކުރެވޭނެ ކަމަށާއި، މަސައްކަތް ކުރެވޭނީ އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާ އެކު ފެތުރެމުންދާތީ އެޗްޕީއޭ އިން ފިޔަވަޅުތައް ވަރުގަދަކުރީ މިދިޔަ މަހު އެވެ. އެގޮތުން ސަރުކާރުން ދޭ ހިދުމަތްތަކާއި ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަންގާއި ކާފިއުގެ ވަގުތު އިތުރުކުރުމާއި ބޭރަށް ނުކުންނަން ހުއްދަދީފައިވާ ވަގުތުތަކުގައި ވެސް ފާހެއް ނުވަތަ ފުލުހުންގެ ހުއްދަ ނެތި ނުނިކުމެވޭ ގޮތަށް ގައިޑްލައިންތަކެއް ކަނޑައަޅާފައިވެ އެވެ.
މަހެއްހާ ދުވަހު ކޮވިޑްގެ ކޭސްތައް ވަރަށް މަތީގައި ހުރުމަށް ފަހު، މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.