ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވުމުގެ ފަހަތުގައި އޮތް އަސްލު ނިޔަތަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އިދިކޮޅުން ވާދަކުރައްވާނެ ކެންޑިޑޭޓުގެ ޓިކެޓު ހޯއްދެވުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ. 

ނޫސްވެރިންނާ އެކު މުންދު މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އޭނާ ވިދާޅުވީ ކުރީގެ ތިން ރައީސުންގެ އިތުރުން މިދިޔަ ދެ އަހަރެއްހާ ދުވަހު ސިޔާސީ މައިދާނުން ނުފެނި ތިިބި އެތައް ބޭފުޅަކު "ކުއްލިއަކަށް ހޮރުހޮރުން" ނުކުމެވަޑައިގެން، ވަކި މަގުސަދެއް ހާސިލްކުރައްވަން ސަރުކާރަށް ފާޑުވިދާޅުވާން ފަށާފައިވާ ކަމަށެވެ. 

"ތިން ބޭފުޅުން އެއްކޮށް މަސައްކަތް ކުރައްވާނެޔޭ ވިދާޅުވާއިރު، އަޅުގަނޑަށް ފެންނަ ތާނގާ މި ތިން ބޭފުޅުން ވެސް މި އުޅުއްވަނީ، އަދި މި ތިން ބޭފުޅުން އެކަންޏެއް ވެސް ނޫނޭ. ބައެއް އެހެން އެމްބިޝަސް އެސްޕަޔަރިން ޕޮލިޓީޝަންސް ވެސް ހިމެނޭ ގޮތަށް މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ވީނުވީ، ކޮންތާކުކަން ނޭނގޭ ބޭފުޅުން ވެސް ކުއްލިއަކަށް ހޮރުހޮރުން ނުކުމެ ބަސް ވިދާޅުވާން ފަށައިފި،" މުންދު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ވިސްނޭ ގޮތުގައި އެ ބޭފުޅުން އެ އުޅުއްވަނީ 2028 ގައި އަޅުގަނޑުމެންގެ ރައީސް އިރާދަކުރެއްވިއްޔާ ދެވަނަ ދައުރަކަށް އެދިވަޑައިގެން ރައްޔިތުންނާ ހަމައަށް ނުކުމެވަޑައިގަންނަވާއިރު، އެމަނިކުފާނާއި ވާދަކުރައްވާނެ ޓިކެޓުތައް ހޯދުމުގެ ނިޔަތުގައި އުޅޭ އުޅުމެއް މިއީ."

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސް ތަރުޖަމާން މުންދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސް ތަރުޖަމާން މުންދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވެސް މިހާރު އުޅެނީ މި އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ޔަގީން ނުވެގެން ނޫންތޯ މުންދު ސުވާލު އުފެއްދެވި އެވެ. 

ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެގެން ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިންނާއި ސަރުކާރުން ނޫސްވެރިންނަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެކަމާ ދެކޮޅަަށް އެކުގައި މަސައްކަތް ކުރައްވަން ނިންމަވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އިއުލާން ކުރައްވައިފަ އެވެ. 

"އެއްކޮށް މަސައްކަތް ކުރުމޭ ބުނާއިރު، ރައްޔިތުން ކުޑަކޮށް ވިސްނާ ވަޑައިގަންނަވަން ޖެހޭ ދެއްތޯ، އެ ތިން ބޭފުޅުންނަކީ ކިހާ އެއްކޮށް، ކިހާ ގާތްކޮށް އުޅުއްވި ތިން ބޭފުޅުންތޯ އެބަ ސުވާލު އުފައްދަން ޖެހޭ. ކޮންމެ ބޭފުޅަކީ އަނެއް ބޭފުޅަކު ހައްޔަރުކުރި ބޭފުޅެއް. ކޮންމެ ބޭފުޅަކީ އަނެއް ބޭފުޅެއްގެ، ހަމަ ސީދާ މި ބަސް ވެސް ބޭނުންކޮށްފައި ހުންނާނެ "މެއިން ރައިވަލް" އޭ ވިދާޅުވި ބޭފުޅުން،" މުންދު ވިދާޅުވި އެވެ. 

އެ ތިން ރައީސުން ވެރިކަން ކޮށްފައި ހުރި ގޮތާއި އެ ވެރިކަންތަކުގައި ހިނގާފައި ހުރި ކަންކަމަށް ބަލައި، އަދި އެ ވެރިންނަށް ދެވަނަ ދައުރެއް ރައްޔިތުން ދީފައި ނުވުމަކީ ވެސް ވަރަށް ސުވާލު އުފެދޭ ކަންކަން ކަމަށް މުންދު އިޝާރާތް ކުރެއްވި އެވެ.