ސަރުކާރުން ކަންކަން ރަނގަޅުކޮށް ހަމަ މަގަށް އަޅުވަންދެން އެކުގައި މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ. 

މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި މަސައްކަތް ކުރައްވަން ތިން ރައީސުން ވަނީ މިރޭ އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިރޭ ތިން ރައީސުން ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވުމަށްފަހު އެވެ. 

ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި، ނަޝީދު ވިދާޅުވީ ތިން ރައީސުން އެކުގައި މަސައްކަތް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި އެ މަޝްވަރާތައް ކުރިއަށް އޮތް ތަނުގައި ވެސް ހިނގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ކުރިމައްޗަށް އެކުގައި ނުކުމެ ތިއްބެވީ އެ ބޭފުޅުންގެ ސަރުކާރުތަކަކީ އެންމެ ފުރިހަމަ ސަރުކާރުތަކެއް ކަމަށް ގަބޫލުކޮށްގެން ނޫން ކަމަށެވެ. ނަމަވެސް، އެކަން އެހެން ވެފައި އޮތުމަކީ ކުރިއަށް އޮތް ތަނުގައި ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ރައްޔިތުންގެ ހައްގުތަކާއި ނޫސްވެރިކަމުގެ ހައްގުގައި މަސައްކަތް ނުކުރެވެވެންވީ ސަބަބެއް ނޫން ކަމަށް އެމަނިިކުފާނު ވިދާޅުވި އެވެ.

ނަޝީދު މިރޭގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ނަޝީދު މިރޭގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ޔާމީން ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރީ އެންމެން ވެސް ސަރުކާރާ ދެކޮޅަށް އަޑުއުފުލަންޖެހޭ ފަދަ ގޮތަކަށް ކަމަށެވެ. އަދި މި ވެރިކަމުން މިހާރު ފެންނަނީ ހުދުމުހުތާރު ވެރިކަމެއްގެ ސިފަ ކަމަށާއި އެހެންވީމަ ރޮނގެއް ދަމާލާފައި ތިން ރައީސުން އެއްބަސްވީ އެކުގައި މަސައްކަތް ކުރަން ކަމަށް ޔާމީން ވިދާޅުވި އެވެ.

"ރާއްޖޭގެ ސްޓެސް ލެވެލް މިވަރަށް އުފުލިގެންދާއިރު އަޅުގަނޑުމެންގެ ކޮންމެވެސް ވަރެއްގެ ޒިންމާއެއް އެބައޮތޭ. އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރީ ރައްޔިތުންނާ އެކު އަޅުގަނޑުމެން ނިކުންނަން ވެއްޖެއޭ،" ޔާމީން ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މި މަސައްކަތް އާރުލާ ސިފައެއްގަ ދޫނުދީ ކަންތައްތަކެއް ކުރަން. އެއީ އަޅުގަނޑުމެން ތިން މީހުންގެ ޒިންމާއަކީ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރުން ތިން ރައީސުންގެ އިއްތިހާދުން ގޮވާލާ ގޮވާލުންތަކަށް އިޖާބަ ދެންދެން، މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ އެވެ. 

"ރައީސް މުއިއްޒު އަޑުއައްސަވަންދެން އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާނަން... ސުލްހަވެރިކަމާ އެކު ވަރަށް ސްޓްރޯންގުކޮށް އަޅުގަނޑުމެންގެ ޑިމާންޑްތައް ކުރަމުން ގެންދާނަން،" ޔާމީން ވިދާޅުިވި އެވެ. 

ކުރީގެ ރައީސް ޔާމީން މިރޭގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ކުރީގެ ރައީސް ޔާމީން މިރޭގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ޔާމީން ވިދާޅުވީ އެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތައް އެބަހުރި ކަމަށާއި ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ސަރުކާރުން ކުރާ ކަންކަމާ ދެކޮޅު ހެދުމަކީ ތިން ބޭފުޅުންގެ ހިޔާލު އެއްގޮތްވާ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މި ތައްޔާރު ކުރަނީ ރިޔާސީ މެނިފެސްޓޯއެއް ނޫން އެކަމަކު މިހާރު ބަނދެވިފައި މި އޮތް އޮތުމުން މުޖުތަމައު މިނިވަން ކުރެވޭނެ ގޮތެއް، އެކަމުގައި އަޅުގަނޑުމެންގެ ހިޔާލު ތަފާތުވުމުގައި ކުޑަ ވެސް ފަރަގެއް ނެތް،" ޔާމީން ވިދާޅުވި އެވެ. 

އިބޫ ވިދާޅުވީ ތިން ރައީސުން އެއްބަސްވުންތަކަކަށް އައީ ގައުމު އޮތް ހާލަތުން ކަމަށެވެ. އަދި ތިން ބޭފުޅުންގެ ވެސް ފިކުރީ ތަފާތުވުންތަކާއި ހިޔާލު ތަފާތު އެތައް ކަމެއް އެބަހުރި ކަމަށާއި ނަމަވެސް، އެ ކަންކަން އެއްކައިރިކޮށް މިއަދު އެކުގައި ތިބީ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އެންމެ މުހިންމު ކަމަކީ ސަރުކާރު ޖަވާބުދާރީވުމަށްޓަކައި އޮތް ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅިފައި އޮތް ހުރަސްތައް. އެހެންވީމަ މި އެއްބަސްވީ މި ކަންކަން ހައްލު ކުރަން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ރައްޔިތުންނާއެކު ކުރުން،" އިބޫ ވިދާޅުވި އެވެ. 

ކުރީގެ ރައީސް އިބޫ މިރޭގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ކުރީގެ ރައީސް އިބޫ މިރޭގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

އިބޫ ވިދާޅުވި ގޮތުގައި އެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ސިޔާސީ ކަންކަމެއް އަދި ނުހިމަނާ ކަމަށާއި އެކަން ބޭއްވީ ފަހުގެ މަރުހަލާއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ގާނޫނުއަސާސީއަށް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމުގެ މަޝްވަރާތަކެއް ކުރެވުނުކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ކުރިއަށް ކަންކަން ރޭވުމުގެ މަސައްކަތްކުރަން ތިން ރައީސުންގެ ފަރާތުން ވެސް ފަންނީ ބޭފުޅުންގެ ޓީމެއް ނަގާނެ އެވެ. އަދި އެ ޓީމުގެ މަޝްވަރާތަކަށްފަހު، ކުރިއަށް ދާނެ ގޮތްތަކާއި ހަރަކާތްތައް ރާވާނެ ކަމަށް ވިދާޅުވި އެވެ. އަދި، މި ވަގުތު އެ ބޭފުޅުން އެކުގައި ތިއްބެވީ ކުރީގެ ރައީސުންގެ ގޮތުގައި ކަމަށާއި އެ ބޭފުޅުން އެއްބަސްވާ ކަންކަން އެމްޑީޕީ އަދި ޕީއެންއެފްއަށް ގެންގޮސް، ޕާޓީގެ ގުނަންތަކުން ވެސް ކަންކަން ފާސްކުރާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.