ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރައްވަން އުފެއްދި އިއްތިހާދުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ނޫސްވެރިިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި ގުޅިގެން މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު ތިން ރައީސުން ކުރިން ވިދާޅުވެފައިވަނީ އެ ބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވާނެ ގޮތުގެ ސްޓްރެޓެޖީތަކާއި ޓައިމްލައިން އެކުލަވާލާނީ ފަންނީ ބަޔަކާ އެކުގައި ކަމަށެވެ. އަދި އެކަމަށްޓަކައި މަންދޫބުންގެ ކޮމެޓީއެއް ވެސް އޭރު އެކުލަވާލި އެވެ. 

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ނަޝީދު ވިދާޅުވީ ތިން ރައީސުންގެ މަންދޫބުންގެ ކޮމިޓީން ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް މާބާރަށް މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

އެ މަސައްކަތް އެއްކޮށް ހުއްޓުނީތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ ހުއްޓުނީ ކަމަށް ދެންނެވެން ނެތް ކަމަށެވެ. 

ދާދިފަހުން ކުރީގެ ރައީސް ޔާމީން، ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ. އަދި އެކަމާ ގުޅިގެން ތިން ރައީސުންގެ އިއްތިހާދުގެ މަސައްކަތަށް ހިޔަނި އެޅިފައިވޭތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ. 

"އެއް ރައީސަކު އަނެއް ރައީސަކާ ގުޅޭގޮތުން ފާޅުކުރާ ހިޔާލެއްގެ ސަބަބުން އަޅުގަނޑުމެންގެ ބައްދަލުވުމަކަށް އެއްވެސް ކަހަލަ ހިޔަންޏެއް ނާންނާނެ. ހުރަހެއް ނާންނާނެ. ދެން ސިޔާސީ ބޭނުންފުޅަށް ސިޔާސީ ބޭފުޅުން ސިޔާސީ ވާހަކަ އެބަ ދައްކަވާ. ދެން އެއަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން" ނަޝީދު ވިދާޅުވި އެވެ.  

ނަޝީދު ވިދާޅުވީ އިއްތިހާދެއްގެ މަސައްކަތް ކުރުމަކީ އޮނިގަނޑަކުން ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެކަމަކު ތިން ފަރުދަކު ކަންބޮޑުވާ ކަންތައްތަކެއް ހުރެދާނެ ކަމަށާއި އަދި އެކަމުގައި އެކުގައި މަސައްކަތް ކުރުމަކީ ވިސްނިދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު އެގޮތަށް ވިދާޅުވިއިރު، ކުރީގެ ތިން ރައީސުން މިހާތަނަށް ބައްދަލު ކުރައްވާފައިވަނީ އެންމެ ފަހަރަކު އެވެ. އަދި ތިން ރައީސުންގެ އިއްތިހާދަށް އެމްޑީޕީ އާއި ޕީއެންއެފް އިން ވެސް ރަސްމީކޮށް  ތާއީދުކޮށްފައިވެ އެވެ.

އޭރު މަންދޫބުންގެ ގޮތުގައި ނަޝީދުގެ ފަރާތުން ކަނޑައެޅުއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އަދި އިބޫގެ މަންދޫބުންނަކީ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމާއި އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. 

ޔާމީންގެ ފަރާތްޕުޅުން މަންދޫބުންގެ ގޮތުގައި ކަނޑައެޅުއްވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދެވެ.