ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވި ގޮތަށް މިހާރު މަސައްކަތް ނުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން ނަޝީދުގެ ސަޕޯޓަރުން ޔާމީނާ ދެކޮޅަށް ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޔާމީން ހިމެނިވަޑައިގަންނަވާ ގޮތުން ތިން ރައީސުން އެކުގައި މަސައްކަތްކުރައްވަން ތިން ބޭފުޅުން ދާދިފަހުން ވަނީ އެެއްބަސްވެވަޑައިގެންފަ އެވެ.
ނަމަވެސް ޕީއެންއެފްގެ ސިލްސިލާ ޖަގަހަ ޖަލްސާތަކުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅު އޭގެ ޒާތުގައި ރަނގަޅު ކަމަށެވެ. އަދި އެ ވާހަކަ އަމާޒުވަނީ އެމްޑީޕީއަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެ ދައްކާ ވާހަކައަކީ ތިމަންނައަށް އުނދަގޫވާ ވަރުގެ ކަމެއް ނޫނީ ތިމަންނަ ވެރިކަން ކުރަން އުނދަގޫވާ ވަރުގެ އިދިކޮޅު ހަރަކާތެއް ނުހިނގައޭ. އެ ދައްކަނީ އެމްޑީޕީގެ ވާހަކަ. މުޒާހަރާއެއް ނުކުރެވެއޭ، އޭސީސީ ކަހަލަ ތަންތަނަށް ގޮަސްފައި ކުރީގައި ބިލްޑްކުރި ޕްރެޝާއެއް ބިލްޑެއް ނުކުރެވެއޭ،" ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީގެ އަސްލު ސޫރަ މިހާރު ނުފެންނަ ކަމަށާއި އެހެންވީމާ ރައީސް އެ ދައްކަވަނީ އެމްޑީޕީގެ ވާހަކަ ކަމަށް ވިސްނިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެކަމާ ވިސްނާވަޑައިގަންނަވާތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ރައީސް ނަޝީދު އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލައިގެން އުޅުއްވިއިރު ވިދާޅުވި ތިމަންނާމެން މިހެން މިކަން ކުރީމާ ދެން މުއިއްޒު އޮންނަން ޖެހޭނީ މުންޑުލައިގެން ގޭގައޭ، ދެން މިއަދު އަޅުގަނޑު ސުވާލުކުރަން ކާކުތޯ މުންޑުލައިގެން އޮތީ ގޭގައި،" ޔާމީން ވިދާޅުވި އެވެ.
ޔާމީނުގެ އެ ވާހަކަައަށް ސޯޝަލް މީޑިއާގައި ރައްދު ދިން ބައެއް އެކްޓިވިސްޓުން ބުނީ އެމްޑީޕީ ހިނގާނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އިންތިޒާމްވެގެން ކަމަށާއި އެއީ "ސިޓިންރޫމަކަށް ވުރެ" ބޮޑު ޕާޓީއެއް ކަމަށެވެ.
ޔާމީނުގެ އެ ވާހަކަފުޅު ރަނގަޅު ކަމަށް ވެސް ސޯޝަލް މީޑިއާގައި ކޮމެންޓްކުރި ބައެއް މީހުން ބުންޏެވެ.
ޔާމީންގެ ފާޑުކިޔުން ނަޝީދާއި އެމްޑީޕީއަށް އަމާޒުވިއިރު، ކުރީގެ ރައީސް ރައީސުން އެކުގައި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތަކަށް މަންދޫބުން ކަނޑައެޅުމަށްފަހު ތިން ބޭފުޅުން އެކުގައި މާބޮޑު މަސައްކަތެއް ނުކުރައްވަ އެވެ.