އެމްޑީޕީގެ "އަނެއް ދިވެހިރާއްޖެ" އަށް ދާން ދިވެހިން މިހާރު ބޭނުން ނުވާ ކަމަށާއި އެކަމާ އެންމެ ދެކޮޅު ހެއްދެވި ބޭފުޅަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ. 

ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ޝުޖާއު ވަނީ "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު ޖެހިއްޖެ ކަމަށް ވިދާޅުވެ ޔާމީން އިއްޔެ ރޭ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައިފަ އެވެ. 

"އަނެއް ދިވެހިރާއްޖެ"އަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިނަށް އެ ދުވަސްވަރު ބޭނުންކުރި މައިގަނޑު ޝިއާރެވެ.  

ޝުޖާއު ވިދާޅުވީ މިއަދު ދިވެހިން "އަނެއް ދިވެހިރާއްޖެ އަށް" ދާން ބޭނުން ނުވާ ކަމަށެވެ. "އަނެއް ދިވެހިރާއްޖޭ"ގެ ހުރި ގޯސް ކަންކަން އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވި ބޭފުޅަކީ ވެސް ޔާމީން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އެ މަނިކުފާނު ވިދާޅުވީ 'އަނެއް ދިވެހިރާއްޖޭ'ގައި ފަނޑިޔާރުން ވަގަށް ނަގާނެއޭ. އެ ދިވެހިރާއްޖޭގައި ބޭނުންހާ ގޮތަކަށް ރޭގަނޑު މަޖާކޮށް އުޅެވޭނެއޭ. އަދި އެ ދިވެހިރާއްޖޭގައި ދިވެހިން ހޯދާފައިވާ ހަރު މުދާ ވިއްކާނެއޭ،" އެމްޑީޕީގެ ސަރުކާރުގައި އޭރު ހިނގި ސިޔާސީ ހަމަނުޖެހުންތަކަށް އިޝާރަތް ކުރައްވަމުން ޝުޖާއު ވިދާޅުވި އެވެ. 

ޔާމީންގެ އަމިއްލަ ޕާޓީ ޕީއެންއެފުން މާލެ އާޓިފިޝަލް ބީޗުގައި އިއްޔެ ރޭ ބޭއްވި "ޗަގޯސް ޖަލްސާ"ގައި އެ މަނިކުފާނު ވިދާޅުވީ މިއަދު ގައުމުގެ ހާލަތު ގޮަސްފައި އޮތް ހިސާބުގެ ގޮތުން، ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ގޮތަށް "އަނެއް ދިވެހިރާއްޖެ"އެއް ހޯދަން ޖެހިފައިވާ ކަމަށެވެ. 

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.  

އަލައިކާގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ އާއި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް ޖަލީލް އަދި އަލައިކާ ބައިވެރިވެވަޑައިގަންނަވަނީ.
އަލައިކާގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ އާއި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް ޖަލީލް އަދި އަލައިކާ ބައިވެރިވެވަޑައިގަންނަވަނީ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ ޔާމީންގެ މި ބަސްފުޅަކީ ކައުންސިލް އިންތިހާބުގައި ވޯޓުލާއިރު ރައްޔިތުން ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. 

"ރޭގައި އަޅުގަނޑުމެންނަށް އިވުނީ 'އަނެއް ދިވެހިރާއްޖޭ'ގައި ހުރި ނުރަނގަޅު ކަންކަމާއި އެ ދިވެހިރާއްޖޭގެ ނުރައްކާތެރިކަން އަޅުގަނޑުމެންނަށް އޭރު ވިސްނައިދެމުން ގެންދިޔަ އޭރުގެ ރައީސް އަޅުގަނޑުމެންނަށް ގޮވާލެއްވީ އެ ދިވެހިރާއްޖެއަށް އަޅުގަނޑުމެން ދާން ޖެހޭނެ ކަމަށް. ވެރިކަމުގެ ބޫތުކައިފައި ތިއްބަވައިގެން ހަމަ ކޮންމެ ރާއްޖެއަކަށް ވެސް އަޅުގަނޑުމެން ގެންގޮސްދާނެ،" ޝުޖާއު ވިދާޅުވި އެވެ.

"އެކަމަކު، އަމާޒު ހިފަންވީ 'ދިވެހީންރާއްޖޭ'ގައި މިނިވަންކަމާ އެކީގައި އަޅުގަނޑުމެންނަށް އުޅެވޭތޯ ބަލަން."

އަލައިކާގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ އާއި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް ޖަލީލް އަދި އަލައިކާ އެހެން ބައިވެރިންނާ އެކު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.
އަލައިކާގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ އާއި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް ޖަލީލް އަދި އަލައިކާ އެހެން ބައިވެރިންނާ އެކު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.

މި ސަރުކާރުގެ ކެމްޕެއިންގެ މައިގަނޑު ޝިއާރު "ދިވެހީންރާއްޖެ"އަށް ނިސްބަތްކޮށް ޝުޖާއު ވިދާޅުވީ މި ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަން ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ. ޕީއެންސީގެ މި ވެރިކަމުގައި ރާއްޖޭގެ ސްކޫލުތަކަށް ވޭޕު ނުގެންދެވޭ ކަމަށާއި ދުންފަތުގެ އިސްތިއުމާލުން ޖީލެއް ސަލާމަތްކުރުމަށް ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކޮށް، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ލިބޭނެ ގޮތް ވެސް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕީއެންސީގެ "ދިވެހީންގެރާއްޖެ" ވާނީ އިޖުތިމާއީ ފޭރާން ރައްކާތެރިކޮށް، ބަދަހި އާއިލާއެއް ބިނާކުރަން ބާރުއަޅާ ވެރިކަމަކަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ.