ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ސަރުކާރުގެ ކެބިނެޓުން ޖާގަ ހޯދަން މަސައްކަތްޕުޅު ކުރައްވާފައި ކަމަށާއި އެ މަނިކުފާނަށް ސަރުކާރު ކަމުނުގޮސްގެން އުޅުއްވަނީ އެ ފުރުސަތު ނުދެއްވުމުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި  ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރަން އޭރުގެ އިދިކޮޅު ޕީޕީއެމުން ކުރި މަސައްކަތުގައި ބައިވެރިވުމަށް ނަޝީދު މަންދޫބުން ފޮނުއްވި ކަމަށެވެ. 

އެގޮތުން އުނގޫފާރު ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު ވަހީދުމެން ފަދަ މެންބަރުން މެދުވެރިކޮށް ދެކުނު ކަނޑުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވީ ނަޝީދު ފަހަތުގައި ހުންނަވައިގެން ކަން ޝުޖާއު ފާހަގަކުރެއްވި އެވެ. 

"...އަޅުގަނޑުމެން ކައިރީގައި ބުނީ ކަލޭމެން ވެރިކަން ބަދަލުކުރަން ތި ކުރާ މަސައްކަތުގައި އަހަރެން ވެސް ލައްވާށޭ. އަޅުގަނޑުމެން ބުނިން މިކަމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތަކަށް ވެސް އެ ފުރުސަތު އެބައޮތޭ،" ޝުޖާއު ވިދާޅުވި އެވެ. 

"މިހާރު އެމްޑީޕީއަށް ހެޔޮ އެދިގެން އުޅޭ ނަޝީދު އޭރު އެމްޑީޕީގެ ވެރިކަން ބަދަލުކުރަން ދެއްކި ވާހަކަ މިއީ." 

ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ރޭ ވާހަކަފުޅު ދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމަކީ އެއްވެސް އިރެއްގައި ގެންގުޅުއްވި ޝައުގެއް ނޫން ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ރޭ ވާހަކަފުޅު ދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމަކީ އެއްވެސް އިރެއްގައި ގެންގުޅުއްވި ޝައުގެއް ނޫން ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝުޖާއު ވިދާޅުވީ މި ސަރުކާރާ މެދު ނަޝީދު ހިތްޕުޅުޖެހިވަޑައިނުގަތީ ކެބިނެޓުން ޖާގައެއް ނުދެއްވުމުން ކަމަށެވެ. ކެބިނެޓުން ޖާގައެއް ހޯއްދަވަން ނަޝީދު އެދެވަޑައިގެންނެވި ކަމަށާއި އެއީ ނަޝީދަށް ޕީއެންސީގެ ސަރުކާރެއްގައި ދެވޭނެ ފުރުސަތެއް ނޫން ކަން ޝުޖާއު ފާހަގަކުރެއްވި އެވެ. 

"އެއީ މައްސަލަ ޖެހުނު ހިސާބު. އެ ހިސާބުން ސައުތު އެފެރިކާއަށް ދާން މި ޖެހުނީ. މިކަން ހަސަން ލަތީފް ވެސް ހެކިވެވަޑައިގަންނަވާނެ،" ޝުޖާއު ވިދާޅުވި އެވެ. 

ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ފިކުރިއްޔާތުގައި ރާއްޖޭގެ ހަރުމުދާ ވިއްކުމުގެ ވިސްނުން ހުންނަ ބަޔަކު ނާންނާނެ ކަމަށެވެ. 

ނަޝީދާ ގުޅޭ ގޮތުން މި ވާހަކަތައް ޝުޖާއު ދެއްކެވިއިރު، އެ މަނިކުފާނު ވަނީ 2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކޮށް ދިޔުމާ ގުޅިގެން މާފަށް އެދިވަޑައިގެންފަ އެވެ. އަދި އެމްޑީޕީގެ މެންބަރުން ވެސް އެ މަނިކުފާނުގެ އަރިހުން މާފަށް އެދެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް ވާދަކުރިއިރު، ދެވަނަ ބުރުގައި ވެސް އެ ޕާޓީގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކަށް ނުދެ އެވެ. 

އޭގެ ފަހުން ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު، ޑިމޮކްރެޓްސްގެ އިސް ބޭފުޅުން އެ މަނިކުފާނާ ބައްދަލުކުރެއްވި އެވެ. އެފަދަ ބައްދަލުވުމެއް ރައީސް އޮފީހުގައި ވެސް އޮތެވެ. ނަމަވެސް، ފަހުން ޑިމޮކްރެޓްސް އިން ވެސް ސަރުކާރަށް ފާޑުކިޔަން ފެށި އެވެ. 

އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނު ފަހުން ނަޝީދު ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.