އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އިސް ސަފުގާއި މިހާރު ތިއްބެވީ "ދަލުބޭރުން ޖެހިގެން އައިސްގެން އުޅޭ ބައެއް" ކަމަށް ވިދާޅުވެ، އެ ޕާޓީއާ އެކު އެކިއެކި މަރުހަލާތަކުގައި ކުރިން ހުންނެވި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު މިއަދު ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ މިހާރު ލީޑަޝިޕަށް ބަހުގެ ހަމަލާތަކެއް އޭނާ ފޮނުވައިލެއްވީ، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު އޮތް ކަން ހާމަކުރައްވައި މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.
މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިިކު ވިދާުޅުވީ، ކުރީގެ އެމްޑީޕީ މިހާރު ނެތް ކަމަށާއި ކުރީގެ ޑީއާރުޕީ އަށް ނިސްބަތް ނުވާ ބޭފުޅަކު އެމްޑީޕީގެ އިސް ސަފުގައި ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ބަސް މިހާރު [އެމްޑީޕީ އަށް] ކަމަކު ނުދާނެ. އަޅުގަނޑުމެން ނުލާހިކު ބޮޑަށް އެމްޑީޕީ އެއްޗަކަށް ހަދައިގެން، ފުރަތަމަ ދައުރުގައި ވެރިކަން ކޮށްގެން މި ހުރިހާ ކަމެއް ކުރީމާ އޭގެ ހަނދާނެއް ނެތޭ،" އާދަމް މަނިކު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ ދިމާލަށް މުގުރުބުރި ހިފައިގެން ދުވި މީހުން ނޫންތޯ މިއަދު [އެމްޑީޕީގެ އިސް ސަފުގައި] އެ ތިބީ. އަބްދުﷲ ޝާހިދު [އެމްޑީޕީގެ ރައީސް] އަކީ ކާކުތޯ؟ [ކުރީގެ ޗެއާޕާސަން] ފައްޔާޒަކީ އެމްޑީޕީ މީހެއްތޯ؟."
އާދަމް މަނިކު ވިދާޅުވީ، "އެމްޑީޕީ އެމްޑީޕީއަކަށް ހެދުނު ދުވަހަކުން" އޭނާ އަލުން އެ ޕާޓީން ފެންނާނެ ކަމަށެވެ.
"އަޅުގަނޑަކަށް އެމްޑީޕީގެ ވެރިކަމަކުން ލިބުނު ފައިދާއެއް ނެތް. އަޅުގަނޑުގެ އަތުން ދިޔަ އެއްޗެއް ދިޔައީ،" އެމްޑީޕީގެ އެކި ކަންކަމަށް ހަރަދު ކުރެއްވުމުގައި ކުރިން އިސްކޮށް އުޅުއްވި އާދަމް މަނިކު ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ އެމްޑީޕީގައި އޭނާގެ ބާނީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެ މަނިކުފާނު ވެސް މިހާރު ހުންނެވީ އެ ޕާޓީން "ބޭރުކޮށްލާފައި" ކަމަށެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަމުން އާދަމް މަނިކު ވިދާޅުވީ، އެއީ ވަަރަށް އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށެވެ.
އޭނާއަކީ މިހާރު ވެސް އެމްޑީޕީގެ މެމްބަރެއް ކަމަަށް ވާއިރު ރައީސް މުއިއްޒު ވެރިކަމަށް އިންތިހާބުވުމުގެ ކުރިން ވެސް އަދި ފަހުން ވެސް ގާތްގުޅުމެއް ބާއްވަވާ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވި ގޮތުގައި މި ވެރިކަމުގައި މިދިޔަ ދެ އަހަރެއްހާ ދުވަހަށް ބަލާއިރު ރައީސް މުއިއްޒު ގޯސްކޮށް ކުރެއްވި ކަމެއް ފެނިވަޑައެއް ނުގަންނަވަ އެވެ.
"މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ ރައީސް މުއިއްޒު އުފައްދަވައިގެން އުޅުއްވާ މައްސަލަތަކެއް ނޫން. މި ދަރަނިތަކާއި އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ވެސް ސަލާމަތް ނުވެވޭ ހިސާބުގައި ހުރި ބޮޑެތި ދަރަނިތަކަކީ ރައީސް މުއިއްޒު އުފެއްދެވި އެއްޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރު ފައިސާ ގެއްލިގެން އުޅޭ ވާހަކަ އަޑު އިވުނަސް ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެފަދަ ކަމެއް ވެސް ނެތް ކަަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމާލިއިރު އޮތީ "ފައިކޭޓުގައި ލޯވަޅު" އެޅިފައި ކަމަށާއި ދައުލަތަށް ލިބޭ ފައިސާތައް ދަނީ އެކަންކަން ފޫބައްދަން ކަމަށެވެ.
ނަމަވެސް އާދަމް މަނިކު ވިދާޅުވީ، އޭނާއަކީ ވިޔަފާރިވެރިއަކަށް ވާއިރު، ކަމަކަށް ހުއްދައަށް އެދި ސަރުކާރަށް ހުށަހަޅައިގެން ދެ އަތް އުރާލައިގެން އެތައް ދުވަހަކު ތިބެންޖެހޭ ކަމަށެވެ. އެހެންވެ، މިހާރަށް ވުރެ ބޮޑަށް ސަރުކާރު އެފިޝަންޓު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންނަށް މި ވެރިކަމެއް ހިތްހަމަނުޖެހޭ ހިސާބަކަށް ނުދޭ. އެހެން ވެރިކަމެއްގައި އަބަދު މަގުމަތީގައި އުޅެން ޖެހެނީ،" އާދަމް މަނިކު ވިދާޅުވި އެވެ.
ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަމުން އާދަމް މަނިކު ވިދާޅުވީ، އެއީ އަސްކަރީ ދާއިރާގައި އުޅުއްވާފައިވާ ބޭފުޅަކަށް ވުމުން ޑިސިޕްލިން ހުންނާނެ ކަމަށެވެ. ދަތުރު ކުރައްވާނެ އަމާޒެއް ދެއްކެވުމުން ގޯޅި ނާޅުއްވައި މޫސާ އަލީ ޖަލީލް ދަތުރު ކުރައްވާނެ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.
"ޕާޓީ މެނިފެސްޓޯއެއްތާ ގެންގުޅޭނީ. އެ މެނިފެސްޓޯ ހިފައިގެން ގޯޅިތަކެއް ނާޅާ ރަނގަޅަށް ދިޔައީމާ ރަގަޅުވާނެ،" މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަމުން އާދަމް މަނިކު ވިދާޅުވި އެވެ.