މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓު އަހުމަދު ރަޝީދު (ދޮންކޮޅު) އެ ޕާޓީ ދޫކޮށް ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނޭޝަން ކޮންގްރެސް (ޕީއެންސީ)އާ ގުޅިއްޖެ އެވެ.
ޕީއެންސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދޮންކޮޅު އެ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށެވެ.
ޕާޓީގެ ފޯމު އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހަވާލު ކޮށްފަ އެވެ. މުލިއާގޭގައި އެކަމަށްޓަކައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މެމްބަރުންތަކެއް އިއްޔެ ވަނީ އަލުން އެމްޑީޕީ އާ ގުޅިވަޑައިގެންފަ އެވެ.
ދޮންކޮޅު އެމްޑީޕީން ކެނޑުނު ސަބަބު ހާމަ ނުކުރިޔަސް، އެމްޑީޕީ އާ އަލުން އެ މެމްބަރުންތައް ގުޅުމުން އޭނާ ވަނީ ސޯޝަލް މީޑިއާގައި ޕީއެންސީއާއެކު މަސައްކަތް ކުރުން މާ ރަނގަޅު ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ޑިމޮކްރެޓްސްއިން ވަކިވެ އެމްޑީޕީއާ ގުޅުނީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސް ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ އެމްޑީއަކަށް ކުރިން ހުންނެވި ހުސެއިން އަމްރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރުކަން ކުރެއްވި ކުރީގެ މެންބަރު އަލީ އާޒިމް އެވެ. މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ދޮންކޮޅު ފުރަތަމަ ހުރީ ފެނަކަ ކޯޕަރޭޝަންގެ މަގާމެއްގަ އެވެ. ނަމަވެސް، ފެނަކައިގެ އިސްވެރިންތަކަކާ ޖެހުނު މައްސަލަތަކަކަށްފަހު، އޭނާ ވަނީ ފަހުން ވަނީ ހައުސިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ބަދަލުކޮށްފަ އެވެ.