ވެރިކަން ކުރާ ޕީއެންސީއާ އެކު މަސައްކަތްކުރަން އަދާލަތު ޕާޓީން ނިންމީ އިސްލާމް ދީނުގެ ކަންކަން ހަރުދަނާކޮށް ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތްތައް ބަލައިގަނެ، އެކަމުގައި ބައިވެރިވުމަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް މުހައްމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އާއި އަދާލަތު އެކުގައި މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ބާސެލޯ ނަސަންދުރާ ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝިފާން ވިދާޅުވީ ސަރުކާރާ އެކު މަސައްކަތް ކުރަން ނިންމީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިތުުރުން އަތޮޅުތަކުގައި ތިބި މެންބަރުންނާ ވެސް މަަޝްވަރާކޮށްގެން ކަމަށެވެ.

ސަރުކާރާ އެކު މަސައްކަތް ކުރަން އަދާލަތުން ނިންމީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކޮށް ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިގުތިސާދު ރަނގަޅުކުރައްވަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދާލަތުޕާޓީއާއި ޕީއެންސީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
އަދާލަތުޕާޓީއާއި ޕީއެންސީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

"އަަޅުގަނޑުމެން ސަރުކާރާ އެކު މަސައްކަތްކުރަން މި ނިންމީ އަދުލުވެރިކަމާ އިންސާފުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކޮށް، ރަށްތަކަށް ފުރުސަތު ފަހިކޮށްދީ، ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، އަޅުގަނޑުމެންގެ ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަގުބަލު ބިނާކުރާނޭ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވާގިވެރިވުމަށް،" ޝިފާން ވިދާޅުވި އެވެ.

އަދާލަތުޕާޓީއާއި ޕީއެންސީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
އަދާލަތުޕާޓީއާއި ޕީއެންސީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެ ސަބަބުތަކަކަށް ޓަކައި ރައީސް މުއިއްޒަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން އެކުގައި މަސައްކަތް ފަށައި އެ އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާތް ﷲފެ ވާގިފުޅާ އެކު އެ އިންތިހާބު ކާމިޔާބުކުރާނީ ތަނަވަސް އަގުލަބިއްޔަތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދީނުގެ ކަންކަން ހަރުދަނާކުރުމަށާއި އިގުތިސާދު ރަނގަޅުކުރަން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ގޮތުގައި އަދާލަތުން ފާހަގަކުރާ ކަންތައްތަކެއް ވެސް ޝިފާންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އިސްލާމިކް ފައިނޭންސް ފުޅާކުރުމާއި ޒަކާތާއި ވަގުފުގެ ނިޒާމު ހަރުދަނާކުރުމާއި ޒުވާނުން ހެޔޮގޮތުގައި ބިނާކުރަން ތައުލީމީ ނިޒާމަށް ގެންނަމުންދާ ބަދަލުތައް އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާފިޒުން އިތުރުކުރުމާއި ޒުވާން ޚަތީބުން އުފެއްދުމާއި ވަތަނީ ހިދުމަތަކީ އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނާއި އަދާލަތު ޕާޓީން ވެސް ބަލައިގަންނަ ކަންތައްތަކެވެ. 

އަދާލަތުޕާޓީއާއި ޕީއެންސީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އަދާލަތުގެ ރައީސް މުހައްމަދު ޝިފާން ވާހަކަދައްކަވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
އަދާލަތުޕާޓީއާއި ޕީއެންސީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އަދާލަތުގެ ރައީސް މުހައްމަދު ޝިފާން ވާހަކަދައްކަވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

"ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ސައްތައިން ސައްްތަ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމި އޮތުން. މިކަމަށް ބުރޫއަރާނޭ އެއްވެސް ކަމެއް ނުކުރައްވާނޭ ކަމަށާއި ދިވެހިރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުން އިންޗިއެއްގެ މިންވަރުވެސް ބޭރުގެ ފަރާތަކަށް މިލްކުނުކުރެވޭނޭކަން ކަށަވަރުކުރައްވާނެ ކަމުގެ ޔަގީންކަަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ދެއްވާފައި،" ޝިފާން ވިދާޅުވި އެވެ.

އެކަމުގައި އަދާލަތު ޕާޓީއާއި ޕީއެންސީ އޮތީ އެއް ވިސްނުމެއްގައި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއެންސީއާ އެކު އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އޮތީ އެ ސަރުކާރާ އެކު ކޯލިޝަންގަ އެވެ.

އޭގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީގެ ބައިވެރިވުން އޮތެވެ.