ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ އިއްޔެގެ ބައި އިލެކްޝަންގައި އައްޑޫގައި ބެހެއްޓި ފޮށިތަކުން ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯއްދެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ކާމިޔާބީން ލިބޭ ހިތްވަރަކީ 2028 ގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުން ކަަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ އިންތިހާބު ސޯބެ ކާމިޔާބުކުރެއްވި އިރު ނަތީޖާ ބަދަލުކޮށްލީ މާލޭގައި ބެހެއްޓި ފޮށިތަކުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސޯބެ ކާމިޔާބު ކުރެއްވީ 1،375 ވޯޓުންނެވެ. ސައީދަށް ހޯއްދެވުނީ 1،313 ވޯޓެވެ. 

އެ ނަތީޖާ އަަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ކެމްޕެއިން ޓީމުގެ މަސައްކަތަށް ތައުރީފު ހައްގު ކަމަށާއި ކެންޑިޑޭޓް ސައީދު ކުރެއްވި މަސައްކަތަށް ސާބަސް ދެއްވާ ކަމަށެވެ. 

"އަހުމަދު ސައީދު ކުރެއްވި މަސައްކަތާ ހިތްވަރަށް ސާބަސް ދެން. ކެމްޕެއިން ޓީމުގެ މަސައްކަތަށް ތައުރީފު ހައްގު. އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް. އިންޝާ اللہ މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުއިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް،" އެކްސްގައި ކުރެއްވި ޕޯސްޓްގައި އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވަނީ މިދިޔަ މަހެއްހާ ދުވަހު ހިންގި ކެމްޕެއިންގައި ސައީދަށް ތާއީދު ހޯދައި ދިނުމަށް ދެ ބުރެއްގެ މަތިން އައްޑު އަށް ވަޑައިގެން ބުރަކޮށް މަސައްކަތްޕުޅު ކުރައްވައިފަ އެވެ. އެގޮތުން "ދޮރުންދޮރަށް" ހިންގަވައި ވަކިވަކި މީހުންނާ ވެސް ބައްދަލުކުރެއްވި އެވެ. 

ބައި އިލެކްޝަން ވެރިކަން ކުރާ ޕީއެންސީއަށް ނާކާމިޔާބުވި ނަމަވެސް، ކުރެވުނު މަސައްކަތް ރަނގަޅު ކަމަސް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވެސް ރޭ ވިދާޅުވި އެވެ. 

އިއްޔެ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމުން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރާފިއު ވިދާޅުވީ އެ ދާއިރާގައި ބެހެއްޓި ފޮށިތަކުން ޕީއެންސީއަށް މެޖޯރިޓީ ލިބުމުން ދައްކައިދެނީ ވަރަށް މުހިއްމު ގިނަގުނަ މަސައްކަތްތަކެއް ކެރެވުނުކަން ކަމަށެވެ. ކެމްޕެއިން ނިމުނު ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ވަަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއޭ ދާއިރާގެ ކުރިއެރުމަށް ވެސް މި ކެމްޕެއިން ތެރޭގައި. އަދި ކެމްޕެއިން މިހާ ހިސާބަށް ނިމުނަަސް، ނިމިފައި ހުރި މަސައްކަތްތަކެއް ވެސް އެބަހުރި އަދި ކުރެވެމުންދާ މަސައްކަތްތަކެއް ވެސް އެބަހުރި،" ކެމްޕެއިނަށް ގިނަ ދުވަސްތަކެއް ވަންދެން އައްޑޫގައި އުޅުއްވި ރާފިއު ވިދާޅުވި އެވެ.

"އެހެންވީމާ އެ މަސައްކަތްތައް އަޅުގަނޑުމެންނަށް އޮތީ ހަމަ ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލުން."

ހިތަދޫ އުތުރު ދާއިރާއާއި މުޅި ހިތަދޫގެ ލާބަޔާ މަންފާއަށް ޓަކައި ކުރާ މަސައްކަތްތައް ވެސް ކުރިއަށް އޮތް ތަނުގައި ފުޅާ ކުރާނެ ކަމަށާއި އޭގެ މަންފާ، ދާއިރާގެ ހުރިހާ އެންމެންނަށް ވެސް ލިބުމަކީ އެދޭ ކަމެއް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ސޯބެ އަށް ބައި އިލެކްޝަން ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިދިކޮޅު އެމްޑީޕީގެ މުޅި ލީޑަޝިޕް މިދިޔަ ބުރާސްފަތި ދުވަގު އައްޑު އަށް ވަޑައިގެން އެ ރޭ ހިތަދޫ އުތުރު ދާއިރާގައި ކެމްޕެއިން ޖަލްސާއެއް ވެސް ބޭއްވި އެވެ. ނަޝީދާއި އިބޫގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ވެސް އޮތީ އެމްޑީޕީގެ ސޯބެއަށެވެ.