ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު ގިނަވުމަކީ އެ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރު ފެންނަ ކަމެއް ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އާ ހިސާބުން ފެށިގެން ކޮންޒަވެޓިވް ފިކުރުގެ ޕާޓީތަކުގައި މަސައްކަތް ކުރެއްވި އިރު، އެ ޕާޓީތަކުގެ ކަންކަން ބައްޓަންކުރައްވަމުން ގެންދެވީ ލީޑަރުން ކަމަށެވެ. އެހެން ނަމަވެސް ޕީއެންސީ ހިނގަނީ އާއްމު މެމްބަރުން ބޭނުންވާ ގޮތަށް ކަން ޕާޓީގެ ކޮންގްރެސްއަށް އެކަނި ބެލިޔަސް ފެންނާނެ ކަމަށް ވިދާޅުވި އެވެ.
ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ މަގާމުތަކަށް ގިނަ ބަޔަކު ވާދަކުރާއިރު، އެތެރޭގެ އިންތިހާބުގައި ހޮވަނީ އެ ޕާޓީގެ ޒުވާނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ ޖެނެރަލް އާއި ހަޒާންދާރު އަދި އަންހެނުންގެ ހަރަކާތުގެ ވެސް ހަމަ އެ މަގާމުތަކަށެވެ.
ޕީއެންސީގެ ސެނެޓަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދުތައް
- އާއްމުކޮށް ހުޅުވާލާ 18 ގޮނޑިއަށް، 73 ކެންޑިޑޭޓުން.
- ނައިބުރައީސް ކަމަށް 11
- އަންހެނުންނަށް ހާއްސަކުރާ 10 ގޮނޑިއަށް، 23 ކެންޑިޑޭޓުން
- ޒުވާނުންނަށް ހާއްސަކުރާ 7 ގޮނޑިއަށް 13 ކެންޑިޑޭޓުން
" އެހެންވީމާ މިއިން [އަދަދުތަކުން] މި ފެންނަނީ ޕާޓީ ތެރޭގައި އޮތް ޑިމޮކްރެޓިކް ސިސްޓަމްގެ ވަރުގަދަކަން ދެއްތޯ؟، އެހެންވީމާ އެ ވާދަކުރައްވަނީ. އަނެއްކާ ޝައުގުވެރިކަން ޕާޓީއާ ދޭތެރޭގައި އޮތީމާތާ މިހާ ގިނަ ބަަޔަކު ވާދަކުރައްވާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކޮންޒަވެޓިވް ފިކުރުގެ ޕާޓީތަކުގެ އިންތިހާބުތަކުގައި ކުރިން ކެންޑިޑޭޓުން ވާދަކުރައްވަނީ ހޮވާ މަގާމުގެ އަދަދަށް ކަމަށެވެ. އަދި ވޯޓުލާން ޖެހޭ މީހުން ވެސް ޕާޓީގެ ލީޑަޝިޕުން އަންގާއިރު، އެއީ ވަކި އިނތިޒާމެއްގެ ތެރެއިން ހިނގާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"[ޕާޓީ ހިންގަވަން ތިއްބަވާ ބޭފުޅުންގެ] ލިސްޓް ނުކުންނާނެ އިނގޭތޯ. ކޮންގްރެސްގައި ވޯޓުލުމުގެ ކުރިން ނުކުންނާނެ. މިއޮތީއޭ ހޮވަން ޖެހޭ މީހުންގެ ލިސްޓް. މިއަދު މިހާ ހިސާބަށް އައި އިރު [ޕީއެންސީގެ] އެ ލިސްޓެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ވަރަށް ޕާޓީއެއް ވަރުގަދަކުރައްވަން އެއްވެސް ލީޑަރަކު ކުރިން މަސައްކަތް ކުރެއްވި ތަނެއް ފެނިވަޑައެއް ނުގަންނަވަ އެވެ.
ޕީއެންސީގައި މިހާރު ތިބި ވަރަށް މެންބަރުން އިތުރުވެފައި ވުމަކީ އޭގެ ހެއްކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު 77،000 އަށް ވުރެ ގިނަ ކަން ފާހަގަކުރެއްވި އެވެ.
"އޭގެ ހެއްކެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު 17 ނޮވެމްބަރު 2023 ގައި ހުވާކުރެއްވި އިރު، ޕާޓީގެ މެންބަރުންގެ އަދަދު އަޅުގަނޑު ހަނދާންވަނީ 3،022 އޭ. ދެން މިއަދު އަަޅުގަނޑުމެން މަތީ މަޖިލީހާ ކުރިމަތިލާ އިރު މިއަދު އަޅުގަނޑުމެންގެ މެންބަރުންގެ އަދަދު 77،000 އަށް ވުރެ މަތީގައި މިއުޅެނީ އިނގޭތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހަމަ އެ ފިކުރުގައި ކުރިން ޕީޕީއެމުން ވެރިކަން ކުރި އިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ކުއްލިއަކަަށް އިތުރުވެގެން ނުދާ ކަމަށެވެ. ޑީއާރްޕީއަށް ވެސް އެހާ ބާރު ސްޕީޑްގައި މެންބަރުން އިތުރު ނުވާ ކަމަށާއި އެމްޑީޕީން ވެރިކަން ކުރި އިރު އެ ޕާޓީއަށް ވެސް މެންބަރުން އެގޮތަށް އިތުރުނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.