ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ވެރިކަން ކުރާ ޕީއެންސީއަށް ނާކާމިޔާބުވި ނަމަވެސް، ކުރެވުނު މަސައްކަތް ރަނގަޅު ކަމަސް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމުން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރާފިއު ވިދާޅުވީ އެ ދާއިރާގައި ބެހެއްޓި ފޮށިތަކުން ޕީއެންސީއަށް މެޖޯރިޓީ ލިބުމުން ދައްކައިދެނީ ވަރަށް މުހިއްމު ގިނަގުނަ މަސައްކަތްތަކެއް ކެރެވުނުކަން ކަމަށެވެ. ކެމްޕެއިން ނިމުނު ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ވަަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއޭ ދާއިރާގެ ކުރިއެރުމަށް ވެސް މި ކެމްޕެއިން ތެރޭގައި. އަދި ކެމްޕެއިން މިހާ ހިސާބަށް ނިމުނަަސް، ނިމިފައި ހުރި މަސައްކަތްތަކެއް ވެސް އެބަހުރި އަދި ކުރެވެމުންދާ މަސައްކަތްތަކެއް ވެސް އެބަހުރި،" ކެމްޕެއިނަށް ގިނަ ދުވަސްތަކެއް ވަންދެން އައްޑޫގައި އުޅުއްވި ރާފިއު ވިދާޅުވި އެވެ.
"އެހެންވީމާ އެ މަސައްކަތްތައް އަޅުގަނޑުމެންނަށް އޮތީ ހަމަ ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލުން."
ހިތަދޫ އުތުރު ދާއިރާއާއި މުޅި ހިތަދޫގެ ލާބަޔާ މަންފާއަށް ޓަކައި ކުރާ މަސައްކަތްތައް ވެސް ކުރިއަށް އޮތް ތަނުގައި ފުޅާ ކުރާނެ ކަމަށާއި އޭގެ މަންފާ، ދާއިރާގެ ހުރިހާ އެންމެންނަށް ވެސް ލިބުމަކީ އެދޭ ކަމެއް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ފަހަރު ލިބުނު ނަތީޖާގެ އަލީގައި ޕީއެންސީގެ މަސައްކަތް އިތުރަށް ފުޅާކުރާނެ ކަމަށާއި ޕާޓީގެ މަސައްކަތްތަށް އެކަމުން ކުރިއެރުން ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަބަބަކީ އަޅުގަނޑުމެންނަށް މަސައްކަތްތަކެއް މި ކުރެވުނީ ވަރަށް ގިނަ ބައެއްގެ ކޯޑިނޭޝަންއާ އެކީގައި. އެހެންވީމާ މިއީ އަޅުގަނޑުމެންނަށް އާ ފެށުމެއްގެ ގޮތުގައި ދެކިގެން މިހިސާބުން ކުރިއަށް ދާން އޮތް ރާސްތާ އަޅުގަނޑުމެންނަށް ފެނިގެން އިރާދަކުރެއްވިއްޔާ އެ މަގުން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ ގޮތް، އެ މަގު އަޅުގަނޑުމެންނަށް މިހާރު މިވަނީ ކޮށިފައި،" ރާފިއު ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ޕީއެންސީގެ މެމްބަރު އަހުމަދު ސިނާންގެ މެމްބަރުކަން ސާބިތު ދަރަންޏަކާ ހެދި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
އެހެންވެ، މިއަދު ބޭއްވި ބައި އިލެކްޝަންގައި ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީން ސޯބެ އެވެ.
އެ އިންތިހާބުގެ ރަސްމީ ނަތީޖާ މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ނުކުރި ނަމަވެސް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ސޯބެ މޮޅުވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ އަށް 1،375 ވޯޓު ލިބުނުއިރު، ސައީދު 1،313 ވޯޓު ހޯއްދެވި އެވެ.
އެހެންވެ، އެ ދާއިރާގެ ގޮނޑި އޭނާއަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ޖުމްލަ ނަތީޖާއިން ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް އެ ބައި އިލެކްޝަންގައި ބެހެއްޓި ހަތް ފޮށީގެ ތެރެއިން ހަތަރު ފޮށިން ކުރި ހޯއްދެވީ ސައީދެވެ. ނަމަވެސް މާލޭގައި ބެހެއްޓި ފޮށިތަކުން ކުރި ހޯއްދެވީ ސޯބެ އެވެ.
އެ ދާއިރާ އަށް ވޯޓުލުމުގެ ހައްގު 4،121 މީހުންނަށް ލިބިފައިވެ އެވެ. އެއީ 2،073 އަންހެނުންނާއި 2،048 ފިރިހެނުންނަށެވެ.