އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ދެންމެ ކަށަވަރު ކުރައްވައިފި އެވެ.
މިއަދު ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވީ ސިނާންގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.
ސިނާނަށް މި ޕްރައިމަރީގައި 226 ވޯޓު ލިބިވަޑައިގެންނެވިއިރު ސައީދަށް ހޯއްދެވުނީ 187 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުމަށް 727 މީހަކު ޝަރުތު ހަމަވިއިރު، މާލޭގައި ބެހެއްޓި ވޯޓުފޮށިން ސިނާން 59 ވޯޓު ހޯއްދެވި އެވެ. އެ ވޯޓުފޮށިން ސައީދަށް ލިބިވަޑައިގަތީ 37 ވޯޓެވެ. ހިތަދޫގައި ބެހެއްޓި ވޯޓުފޮށިން ސިނާން 167 ވޯޓު ހޯއްދެވިއިރު ސައީދަށް ލިބިވަޑައިގަތީ 150 ވޯޓެވެ.
ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އޭރުގެ އެ ދާއިރާގެ މެމްބަރު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ ޕާޓީގެ ޓިކެޓު ހޯދަން އިތުރު މީހަކު ހުށަނާޅާތީ ސޯބެ އަށް ވަނީ އެމްޑީޕީގެ ޓިކެޓު ދީފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވާއިރު ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގަ އެވެ.