ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާތީ ކަންކަމާ ބެހެން ނުޖެހޭނެ ކަމަށާއި އެކަމަކު ކަންބޮޑުވެވަޑައިގަންނަވަނީ ނޫސްވެރިން ހައްޔަކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ފަދަ ކަންތައްތަކާ މެދުގައި ކަމަށް ކުރީގެ ރައީސް މުަހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ސްރީ ލަންކާގެ ކޮލަމްބޯގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ރައީސް މުއިއްޒާ ސުވާލުކުރި ނޫސްވެރިއަކު އެ މަނިކުފާނާ ކުރެއްވި ސުވާލުގައި ދެއްކި ވާހަކައާ މެދު ފުރަތަމަ ދެކެވަޑައިގަތީ ގޯސްކޮށް ނޫން ކަމަށެވެ. ނަމަވެސް އެކަމާ މެދު އެހެން ގޮތަކަށް ވިސްނުނީ އެ ސުވާލުކުރި ނޫސްވެރިޔާ ހައްޔަރުކުރުމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެ ބާވަތުގެ ކަންކަމަކީ ކޮންމެހެން އަޅުގަނޑުމެން ބެހެން ޖެހޭ ކަންކަމެއް ނޫން، އެއީ ޒާތީ ކަންކަން. އެ ކަންކަމަކާ އަަޅުގަނޑުމެން އަޅާލާކަށް ނެތީން،" ރައީސްގެ ޒާތީ ކަންކަމާ ބެހުން ރަނގަޅު ނޫން ކަމަށް ބާރު އަޅުއްވަމުން ނަޝީދު ވިދާޅުވި އެވެ.
"ކަންބޮޑުވަނީ ނޫސްވެރިން ހައްޔަރު ކުރާތީ، ކަންބޮޑުވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން، އެއްވެ އުޅުނުމުގެ މިނިވަންކަމަށް އަރައިގަންނާތީ. އަޅުގަނޑުމެންނެއް ކަންބޮޑެއް ނުވޭ އެހެން ކަމަކާއެެއް."
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ރެއިން ފެށިގެން ވަނީ ޖަލަށް ލައިފަ އެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.
ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ. އެ ހިސާބުން ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އެވެ.
ނަޝީދު ރޭ ވިދާޅުވި ގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ރައްޔިތުންގެ ތަނަވަސްކަމާ ގުޅިފައިވާ ކަންތައްތަކެވެ. ރައްޔިތުންނަށް ލިބޭ އެއްޗެއް އިތުރު ވަނީ ފާޑުކިޔުމުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ފާޑު ނުކިއުނީމާ، ނުބައި ޕްރޮޖެކްޓް، ނުބައި ގަޑީގައި ނުބައި ތަނުގައި ނުބައި އަގުގައި ނުބައި މީހެއް ލައްވާ މި ހިންގެނީ. އެހެންވީމާ އަޅުގަނޑުމެންގެ ފައިސާ އިސްރާފުވެގެންދަނީ،" ނަޝީދު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުގައި އަންގާފައި ވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.
އެގޮތަށް އަމުރު ނެރެފައި ވަނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ވަނީ ތާވަލުކޮށްފަ އެވެ.