"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.
ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.
ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުގައި އަންގާފައި ވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.
އެގޮތަށް އަމުރު ނެރެފައި ވަނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ. އެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އޭނާ ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ރައީސް ވަނީ އެ މާލަމުން ނުކުތުމަށް އޭނާއަށް އަންގަވައިފަ އެވެ. އޭނާ އެ މާލަމުން ނެރުނީ ސެކިއުރިޓީންގެ އެހީތެރިކަމާ އެކުގަ އެވެ.
އެހެންވެ، ޝަހުޒާންގެ މައްސަލަ ބަލައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން، ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައި އެކަން ބެލުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ.
ލީވާން ބަންދުކުރަން އަމުރުކުރީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ނެރުނު އަމުރާ ހިލާފަށް ޚަބަރަށް ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ. އޭނާ ވެސް މިއަދު ކޯޓަށް ހާޒިރުކުރި އެވެ.
ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ވެސް ކުރިން ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް، އެ ދެ މީހުން ތަހުގީގު މަރުހަލާގައި ނިންމީ ހަނު ތިބުމަށެވެ. އެއީ މަސްދަރު ހިމާޔަތް ކުރުމަކީ ލިބިދޭ ހައްގެއް ކަމަށް ވާތީ ކަމަށް ވިދާޅުވެ އެވެ.