ކްރިމިނަލް ކޯޓުން ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައި، އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ވަނީ ޖަލަށްލައިފަ އެވެ. އެކަމަކު، އެ މީހުންގެ މައްޗަށް ހުކުމް އައި އެ އަމުރު އިސްތިއުނާފު ކުރަން ހައި ކޯޓަށް ދިއުމުން ލިބުނު ޖަވާބަށް ވުރެ ސުވާލު ގިނަވެއްޖެ އެވެ. އަމުރަށް ތަބާވާން ޖެހެނީ ކޮން ބައެއް ހެއްޔެވެ؟ އިސްތިއުނާފުގެ ހައްގަށް މިވީ ކިހިނެއް ހެއްޔެވެ؟
"ހައި ކޯޓުގެ ނިންމުން ހަމައެއް ނުޖެހޭ. އަމުރު ރައްދުވޭ ރައްޔިތު އެންމެންނަށް. އެގޮތަށް އަމުރުގައި ލިޔެފައި އެބަ އޮވޭ. އެހެންވީމަ އަމުރު ރައްދުވާ ކޮންމެ މީހަކަށް ވެސް އިސްތިއުނާފު ކުރެވެން ވާނެ،" ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވި އެވެ.
"އެހެން ނޫނީ ގާނޫނުއަސާސީގައި ބުނާ އިސްތިއުނާފުގެ ހައްގު ހަނިވޭ. އެ ހައްގު ހަނި ނުކުރެވޭނެ ރަޖިސްޓްރާއަކަށް."
"އަދަދު" ނޫހުގެ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދައްކަން މަނާކޮށް ކްރިމިނަލް ކޯޓުން ގެގް އޯޑަރެއް ނެރެފައިވަނީ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުގެ ދައުވާގެ ޝަރީއަތުގެ ތެރެއިންނެވެ. ނަމަވެސް، އެ އަމުރުން ހިފަހައްޓާފައިވަނީ މުޅި ރައްޔިތުންގެ ދުލެވެ. އެ އަމުރު އިސްތިސްނާވާ ހަމަ އެކެއް ވެސް ނެތެވެ. އަމުރަށް ކިޔަމަންވެ، ތަބާވާންޖެހެނީ ހަމަ ކޮންމެ ރައްޔިތެކެވެ.
އެ އަމުރުން މީޑިއާތަކަށް ވަރަށް ބޮޑު އަސަރެއް ކުރާއިރު، އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި ޖަލަށްލީ އެއް ނޫސްވެރިއަކީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ނައިބު ރައީސް ޝަހުޒާނެވެ. މި ހުރިހާ ކަމެއް މިހެން ހުރީތީ އެމްޖޭއޭ އިން އަމުރު ބާތިލް ކުރަން ހައި ކޯޓަށް ހުށަހެޅި އެވެ.
އެކަމަކު، ހައި ކޯޓުގެ ރަޖިސްޓްރާ ނިންމީ އެމްޖޭއޭއަކީ މައްސަލަ ނިސްބަތްވާ ފަރާތަކަށް ނުވާތީ، އެ ޖަމިއްޔާއަށް އިސްތިއުނާފުގެ ހައްގު ނެތް ކަމަށެވެ. ރަޖިސްޓްރާ ނެންގެވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ނ) އެވެ. އެ މާއްދާގައި ބުނަނީ ހުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުމެއް ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެހެންވެ، ރަޖިސްޓްރާ ދެކޭ ގޮތުގައި އަމުރު އިސްތިއުނާފު ކުރެވޭނީ ފިޔާޒާއި ހަސަނަށް ނޫނީ ދައުލަތަށެވެ.
އެކަމަކު، ރަޖިސްޓްރާގެ އެ ވިސްނުން ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ބޭފުޅަކު ދެކެވަޑައިގަންނަވާ ގޮތުގައި މުޅިން ގޯހެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އަމުރު ނެރެފައި އޮތީ ހަމައެކަނި ފިޔާޒާއި ހަސަނުގެ މައްޗަށް އެކަނި ކަމަށް ނުވާތީ އެވެ. އެންމެންގެ މައްޗަށް އޮތް އަމުރެއް، އެ އަމުރުން އަސަރު ކުރާ ކޮންމެ މީހަކަށް އިސްތިއުނާފުގެ ހައްގު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަން ވެސް ފާހަގަކުރެއްވި އެވެ.
ގާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބުނަނީ ޖިނާއީ މައްސަލަތަކުގަ އާއި މަދަނީ މައްސަލަތަކުގައި އިއްވާ ހުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު، މައްސަލައާ ގުޅުން ހުރި ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.
"ހައިސިއްޔަތު އޮންނަ ކޮންމެ މީހަކަށް އެ އިސްތިއުނާފު ވެސް ކުރެވޭނެ. އިސްތިއުނާފު ކުރީމަ ފުރުސަތު ވެސް ދޭން ޖެހޭނެ. އެ ހުއްޓުވާލީމަ އޭގެ މާނައަކީ އެ އަމުރު ނުހިނގާ ބަޔަކަށް އޭގެ ވާހަކަ ދެއްކޭނެއޭ،" ކުރީގެ ފަނޑިޔާރު ވިދާޅުވި އެވެ.
ކުރީގެ ޕީޖީ ޝަމީމް ވެސް ދެއްކެވީ ރަޖިސްޓްރާގެ ނިންމުމުން ނުކުންނަ ނަތީޖާތަކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި؛
- ހައި ކޯޓުގެ ނިންމުމުން ނުކުންނަ ނަތީޖާއަކީ އަމުރަކީ އެމްޖޭއޭ އާއި އެ ޖަމްއިއްޔާގެ މެންބަރުންގެ މައްޗަށް ހިނގާ އަމުރެއް ނޫން ކަމަށް
- ލީވާން އަދި ޝަހުޒާނަކީ އެމްޖޭއޭގެ މެންބަރުންނަށްވާއިރު މި އަމުރު ލީވާން ނުވަތަ ޝަހުޒާންގެ މައްޗަކަށް ނުހިނގާނެ ކަމަށް
- އަދި މި ސަބަބުތަކަށްޓަކައި، ކްރިމިނަލް ކޯޓުން ދެ ނޫސްވެރިން ޖަލަށްލާން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމާއި އެއީ އެ އަމުރު ރައްދުނުވާ ނުވަތަ އަމުރު ނުހިނގާނެ ބައެއްގެ މައްޗަށް އަމުރު ހިންގާފައިވާތީ ކަމަށް.
ރާއްޖޭގައި މިފަދަ އަމުރެއްގެ އިސްތިއުނާފު ހައި ކޯޓާ ހަމައަށް މިދިޔައީ އަލަށެވެ. މިގޮތަށް މުޅި އާބާދީއަށް ނިސްބަތްކޮށް ދަށު ކޯޓަކުން އަމުރެއް ނެރުނު ވެސް މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން، ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުން އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ވަރަށް ފުޅާވާން ޖެހޭނެ ކަމަށް ގާނޫނީ ބޭފުޅުން ދެކެ އެވެ.
މިފަދަ ގެގް އަމުރުތަކުގެ އިސްތިއުނާފަކީ ބައެއް ގައުމުތަކުގެ އަދުލުގެ ނިޒާމުގެ ތެރޭގައި ހިނގާ، މުހިންމު އުސޫލުތައް ވެސް ކަނޑައެޅިފައިވާ ކަންކަމެވެ. އެގޮތުން އެމެރިކާ، އިނގިރޭސި ވިލާތް އަދި އިންޑިއާއިން މިފަދަ މައްސަލަތަކާއި މަތީ ކޯޓުތަކުގެ ނިންމުންތައް ފެންނަން އެބަ ހުއްޓެވެ.
އޭގެ އެއް މައްސަލައަކީ އެމެރިކާގެ އައިޑަހޯ ސްޓޭޓްގެ ދަރިވަރުންތަކެއް މަރާލި މައްސަލަ (ސްޓޭޓް އޮފް އައިޑަހޯ ވ. ބްރަޔަން ކޯބާގާ)ގައި ނެރުނު ގެގް އޯޑަރާ ގުޅިގެން 30 މީޑިއާއެއް އެކުވެ، ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފެވެ.
މެޖިސްޓްރޭޓް ކޯޓުގައި އެ މަރުގެ ދައުވާ ލިބޭ މީހާގެ މައްޗަށް ހިންގި ޝަރީއަތުގައި އެއްވެސް ވަކީލަކު، ތަހުގީގީ އިދާރާއެއްގެ އޮފިސަރަކު ނުވަތަ ހެކިބަސްދޭ މީހަކު މީޑިއާއާ ވާހަކަދެއްކުން މަނާކޮށް ގެގް އޯޑަރެއް ނެރުނެވެ. އެއީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުން ކަމަށް ދެކި އިސްތިއުނާފަށް ދިޔަ މީޑިއާތަކުގެ ތެރޭގައި އެސޯސިއޭޓަޑް ޕްރެސް، ނިއުޔޯކް ޓައިމްސް، ފޮކްސް ނިއުސް ފަދަ މީޑިއާތައް ހިމެނެ އެވެ.
މީޑިއާތަކުން ހުށަހެޅި މައްސަލަ ކޯޓުން ބަލައިގަނެ، ޝަރީއަތް ކުރިއަށް ގެންދިޔަ އެވެ. އައިޑަހޯގެ ސުޕްރީމް ކޯޓުން އެ އަމުރު މުޅިން ބާތިލުނުކުރި ނަމަވެސް، މީޑިއާތަކުން ކުރި ވަރުގަދަ ގާނޫނީ މަސައްކަތުގެ ސަބަބުން ފަނޑިޔާރަށް އެ އަމުރުގެ ދާއިރާ ބޮޑުތަނުން ހަނިކުރި އެވެ. އެގޮތުން، ހާމަކުރެވޭނެ މައުލޫމާތާއި ހާމަނުކުރެވޭނެ މައުލޫމާތުތައް ސީދާކޮށް ބަޔާންކުރަން އެންގި އެވެ.
ސީބީއެސް އިންކް ވ. ޔަންގް މި މައްސަލައިގައި މަތީ ކޯޓުން ނިންމާފައިވަނީ ސީބީއެސް މީޑިއާ އިން އެ ކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިގަނެ، އަދި އެ މީޑިއާއާ އެއްކޮޅަށެވެ. ހުކުމުގައި ބަޔާންކޮށްފައިވަނީ، މައްސަލައިގެ ހަސްމުން ނޫން ތިންވަނަ ފަރާތްތަކުގެ މައްޗަށް ނެރޭ ގެގް އޯޑަރުތައް އިސްތިއުނާފު ކުރުމުގެ ގާނޫނީ ހައިސިއްޔަތު މީޑިއާތަކަށް ލިބިގެންވާ ކަމަށެވެ.
އިންޑިއާގައި މީޑިއާ އިދާރާތަކުންނާއި ނޫސްވެރިން އާންމުކޮށް މިފަދަ އަމުރުތައް ހައި ކޯޓުތަކުގަ އާއި އިންޑިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެ އެވެ.
އޭގެ މައްސަލައަކީ ސޮހްރާބުއްދީންގެ މައްސަލަ (ސޮހްރާބުއްދީން ޝެއިހް ވ. ސްޓޭޓް އޮފް މަހާރާޝްތުރާ) އެވެ. އެ މައްސަލައިގަ ދަށު ކޯޓުން ވަނީ ޝަރީއަތުގެ މައުލޫމާތު ރިޕޯޓްކުރުން މީޑިއާތަކަށް މުޅިން މަނާކޮށް އަމުރެއް ނެރެފަ އެވެ. އެ އަމުރު ބާތިލްކުރަން ކުށުގެ މައްސަލަތައް ރިޕޯޓްކުރާ ނުވަ ނޫސްވެރިއަކާއި، "ބްރިހަންމުމްބާއީ ޔޫނިއަން އޮފް ޖާނަލިސްޓްސް" އިން ގުޅިގެން ބޮމްބޭ ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ.
ހައި ކޯޓުން އިސްތިއުނާފު ބަލައިގަނެ ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ ދަށު ކޯޓުން އެ އަމުރު ނެރުމުގައި ބާރުގެ ބޭރުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި ޖިނާއީ ޝަރީއަތްތަކުގައި ހިނގާ ކަންކަން އެނގުމުގެ ހައްގު އާންމުންނަށް ލިބިގެންވާކަން ވަރަށް ބޮޑަށް ފާހަގަކޮށް، ނޫސްވެރިކަން އެއްކޮށް މަނާކުރުމަކީ އިންޑިއާގެ ގާނޫނުތަކުގެ ދަށުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
މިފަދަ އެތަައް މައްސަލަތަކެއްގައި ގެގް އޯޑަރަށް ޗެލެންޖު ކުރުމުގެ ހައްގު މީޑިއާތަކާއި ނޫސްވެރިންނަށް ލިބިފައި އޮތްއިރު، ރާއްޖޭގެ ހައި ކޯޓުން މި ފުރުސަތު ހަނި ކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ. އެހެންވެ، އެކަމާ އިތުރަށް ވިސްނައި، ހައި ކޯޓުގެ ނިންމުން ބަދަލު ކުރަން އެދި އެމްޖޭއޭ އިން ވަނީ ފަނޑިޔާރުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
ރާއްޖޭގައި ގެގް އޯޑަރުތަކާ ގުޅޭ އުސޫލުތަކާއި ހަމަތައް ކަނޑައަޅަން ވެސް މިފަދަ މައްސަލަތައް މަތީ ކޯޓުތަކުގައި ހިނގަން ޖެހެ އެވެ.