"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ގޭގް އަމުރު އިސްތިއުނާފު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި "އަދަދު" ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ޖަލަށްލާން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ. 

އެކަން ކުށްވެރިކޮށް އެމްޖޭއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން ނޫސްވެރިންނަށް ޚަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ހޯދައި ލިބިގަތުމަށް އާންމު ރައްޔިތުންނަށް ލިބިގެންވާ ހައްގުން މަހުރޫމުވެފައިވާ ކަމަށެވެ. 

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާ އެ އަމުރަކީ އެމްޖޭއޭއިން ބުނި ގޮތުގައި ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ލާޒިމުކުރާ، ލީގަލިޓީ، ނެސެސިޓީ އަދި ޕްރޮޕޯޝަނަލިޓީގެ މިންގަނޑުތަކަށް ފެތޭ އަމުރެއް ނޫނެވެ.

އެހެންވެ، ކަމާބެހޭ ކޯޓުގައި އަމުރު އިސްތިއުނާފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމްޖޭއޭ އިން ބުންޏެވެ. 

ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުގައި އަންގާފައި ވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. 

އެގޮތަށް އަމުރު ނެރެފައި ވަނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ވަނީ ތާވަލުކޮށްފަ އެވެ.