ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ޖަލަށްލާން ހުކުމްކޮށްފައިވާ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ވަގުތުން މިނިވަންކަން ކުރަން އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އަދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފި އެވެ. 

ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުންނެވެ. އަދި ލީވާން ޖަލަށްލާފައިވަނީ އެ އަމުރާ ގުޅޭ ހަބަރު ލިޔުނު ގޮތުންނެވެ. 

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސީޕީޖޭ އިން ބުނީ ދެ ނޫސްވެރިން ވަގުތުން ދޫކޮށްލަންޖެހޭ ކަމަށާއި އަދި ޝަރުއީ ދާއިރާ މެދުވެރިކޮށް އެ ނޫހާ މެދު ހިންގަމުންދާ އަމަލުތައް ހުއްޓާލަންޖެހޭ ކަމަށެވެ. އައިއެފްޖޭއިން ބުނީ ދެ ނޫސްވެރިން ޖަލަށްލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ދެ ނޫސްވެރިން މިނިވަންކަންކުރަން ގޮވާލައިފަ އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޝަހުޒާނާއި ލީވާންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގައި ބޭއްވި ދެ ޝަރީއަތުގައި ވެސް، ގާނޫނީ ލަފަޔާއި އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެތައް ފަހަރަކު އެދުމުންވެސް، ވަކީލަކު އައްޔަނުކުރުމަށް ކޯޓުން ދީފައިވަނީ އެންމެ ދެ ގަޑިއިރުގެ ވަގުތު ކަމަށެވެ. މީގެ ސަބަބުން، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ނޫސްވެރިންނަށް ލިބިގެންވާ ހައްގަށް ވަނީ ހުރަސްއެޅިފައިވާ ކަމަށާއި މި ދެ މައްސަލައިގައި ވެސް ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ގާނޫނީ ވަކީލަކާ ނުލަ ކަމަށެވެ. 

"މިއީ ޝަރީއަތްތަކުގެ އިންސާފުވެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެއް،" ބަޔާނުގައި ބުންޏެވެ. 

އެމްޖޭއޭއިން ބުނީ މިނިވަން ނޫސްވެރިކަމުގެ އަޑުކަނޑުވާލުމަށްޓަކައި، ވެރިކަންކުރާ ބާރާއި، ޝަރުއީ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް އެމްޖޭއޭ އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ލީވާން އާއި ޝަހުޒާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް ހުރިހާ އިދާރާތަކަށް އެމްޖޭއޭ އިން ގޮވާލާ ކަމަށް ބުންޏެވެ. 

ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުގައި އަންގާފައި ވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. 

އެގޮތަށް އަމުރު ނެރެފައި ވަނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ވަނީ ތާވަލުކޮށްފަ އެވެ.