"އަދަދު" ނޫހުގެ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ނެރުނު ގެގް އަމުރު އިސްތިއުނާފް ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.  

ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަންގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރަން އެމްޖޭއޭ އިން ހައި ކޯޓަށް ހުށަހެޅީ އެ އަމުރުން ނޫސްވެރިންނަށް ވެސް އަސަރުކުރާތީ އެވެ. 

ނަމަވެސް، ހައި ކޯޓުގެ ރަޖިސްޓްރާ ނިންމާފައިވަނީ އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމްއިއްޔާއަށް ނެތް ކަމަށެވެ.

ރަޖިސްޓްރާގެ އެ ނިންމުން އެމްޖޭއޭގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އިސް ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާގެ ރައުޔުގައިވަނީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ތިން ބާވަތުން ކުރެ ބާވަތަކަށް ފެތޭ އަމުރެއް ނޫން ކަމަށެވެ. އަދި ގާނޫނުގެ އެ މާއްދާ އޮތްގޮތުން އެ މައްސަލައެއްގެ ހަސްމަކަށް ނޫނީ އިސްތިއުނާފު ނުކުރެވޭނެ ކަމަށް މާނަ ކުރެވޭނީ އެ ތިން ބާވަތުގެ މައްސަލަތަކުގައި ކަމަށް އެކަނި ކަމަށް އެ ރައުޔުގައިވެ އެވެ. 

ނަމަވެސް، އެ ތިން ބާވަތަށް ނުފެތޭ ނިންމުންތަކުގައި، އެ މައްސަލައިގެ ހަސްމަކަށް ނުވި ނަމަވެސް އެކަމުގައި މަސްލަހަތެއް އޮތް ފަރާތެއްނަމަ، އިސްތިއުނާފް ކުރުމުގެ ހައްގު އޮންނަ ކަމަށް މާނަ ކުރެވޭނެ ކަމަށް އިސް ފަނޑިޔާރުގެ ރައުޔުގައިވެ އެވެ. 

އިސް ފަނޑިޔާރުގެ ރައުޔުގައިވާ ގޮތުން ކްރިމިނަލް ކޯޓުގެ އަމުރު ނިސްބަތްވަނީ އެ މައްސަލައިގެ ހަސްމުންނަށް އެކަންޏެއް ނޫނެވެ. އަދި އެ އަމުރު އެންމެންގެ މައްޗަށް ހިނގާ ކަމަށް ބެލެވޭތީ އެ އަމުރު އެމްޖޭއޭއަށް ވެސް ރައްދުވާ ކަމަށް ބެލެވޭ ކަމަށް އެ ރައުޔުގައިވެ އެވެ. 

ދެން ބެންޗުގައި އިންނެވި ފަނޑިޔާރު އިބްރާހިމް މާހިރުގެ ރައުޔުގައި ވިދާޅުވެފައިވަނީ އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވުމުގެ މައްޗަށް ބިނާކޮށް އެ މައްސަލަ ބަލައިނުގެނެވޭނެ ކަމަށް ރަޖިސްޓްރާ ނިންމަވާފައިވަނީ ރަނގަޅު އަސާސެއްގެ މައްޗަށް ނޫން ކަމަށެވެ.

އެހެންވެ، އެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ރަޖިސްޓްރާގެ ނިންމުން ބާތިލް ކުރުމަށެވެ. 

ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ދީބާނާޒު ފަހުމީ ރައުޔު ނެރުއްވީ ރަޖިސްޓްރާގެ ނިންމުން ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ފަނޑިޔާރު ދީބާނާޒްގެ ރައުޔުގައިވަނީ ގާނޫނުގައި ވަކި ކަމެއް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިނުވާ ކޮންމެ ކަމަކީ ގާނޫނުގެ މަގުސަދުތައް ގެއްލޭ ގޮތަށް އަދި އެމީހަކަށް އެއިރަކު އެންމެ ފަހިވާ ގޮތަށް ކަންކުރުމަށް ލިބޭ ހުއްޖަތެއް ނޫން ކަމަށެވެ. 

ފަނޑިޔާރު ދީބާނާޒްގެ ރައުޔުގައިވާ ގޮތުން ޖިނާއީ މައްސަލައެއް އިސްތިއުނާފު ކުރުމުގެ ހައްގު އޮންނާނީ އެ ހުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތްތަކަށެވެ. 

ކްރިމިނަލް ކޯޓުން ގެގް އޯޑަރެއް ނެރެފައިވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުގެ ދައުވާގެ ޝަރީއަތުގެ ތެރެއިންނެވެ. އަދި އެމްޖޭއޭއަށް ފުރުސަތު ނެތް ކަމަށް ރަޖިސްޓްރާ ކަނޑައެޅިއިރު، އެ މައްސަލަ މިހާރު ވަނީ ފިޔާޒުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. 

ގެގް އަމުރު އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ބާ ކައުންސިލުން ތަދައްހުލްވާން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލާން ކުރިން ހުކުމްކޮށްފައިވެ އެވެ.