"އަދަދު" ނޫހުގެ ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ ގޭގް އަމުރު އިސްތިއުނާފްކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް ހުށަހަޅައިފި އެވެ. 

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައި ވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. 

އެގޮތަށް އަމުރު ނެރެފައިވަނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފް ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ.

އެ އަމުރު އިސްތިއުނާފްކުރަން އެމްޖޭއޭއިން އެ މައްސަލަ މިއަދު ހައި ކޯޓަށް ހުށަހަޅާފައިވަނީ އިސް ވަކީލެއްގެ ގޮތުގައި ގާނޫނީ ވަކީލް ހަސަން ފަލާހު ހުންނަވަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތުގައި އެމްޖޭއޭ ތަމްސީލު ކުރަން ގިނަ ވަކީލުންތަކެއް ބައިވެރިވާނެ ކަމަށް އެމްޖޭއޭއިން ބުންޏެވެ. 

މީގެ އިތުރުން އެ އަމުރުގެ ސަބަބުން އަސަރުކޮށްފައިވާ، މައްސަލައަށް ތަދައްހުލުވާން ބޭނުންވާ ގިނަ ފަރާތްތަކުން އެކަން ކުރަން ވެސް އެމްޖޭއޭ އިން އެދިފައިވެ އެވެ. 

ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފް ކުރިއިރު، އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި "އަދަދު" ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ޖަލަށްލާން އެ ކޯޓުން ކުރިން ހުކުމްކޮށްފައިވެ އެވެ. 

އެކަން ކުށްވެރިކޮށް އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން ނޫސްވެރިންނަށް ޚަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ހޯދައި ލިބިގަތުމަށް އާންމު ރައްޔިތުންނަށް ލިބިގެންވާ ހައްގުން މަހުރޫމުވެފައިވާ ކަމަށެވެ.