ދެ ނޫސްވެރިޔަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރުމަކީ ސަރުކާރުން ރާއްޖޭގެ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ހެއްކެއް ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި ބަސްބުނުމުގެ މިނިވަންކަމަށް ދެވޭ މި ކަހަލަ ހަމަލާތައް ކާމިޔާބެއް ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.
ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި "އަދަދު" ނޫހުގެ މުހައްމަދު ޝަހުޒާން ޖަލަށްލީ 15 ދުވަހަށެވެ. ލީވާން އަލީ ނާސިރަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.
ޝަހުޒާން އާއި ލީވާން ބަންދުކުރުމާ ގުޅިގެން އިބޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އަދަދު"ގެ ނޫސްވެރިން ޖަލަށް ލުމަކީ ނޫސްވެރިންނަށް ބިރުދައްކައި، ރައްޔިތުންގެ ބަސް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއަށް އިތުރުވި ލަދުވެތި ބާބެއް ކަމަށެވެ.
"މިއީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް ސަރުކާރުން އަތްބާނަމުންދާ ކަމުގެ ސާފު ހެއްކެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމާއި ބަސްބުނުމުގެ މިނިވަންކަމަށް ދެވޭ މި ކަހަލަ ހަމަލާތައް ކާމިޔާބެއް ނުވާނެ."
ކުރީގެ ރައީސް ވިދާޅުވީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ، އަދި ދިވެހިން ކުރި ބުރަ މަސައްކަތުން ހޯދި މި ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމުގައި ދުވަހަކު ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.
ލީވާން ބަންދުކުރަން އަމުރުކުރީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ނެރުނު އަމުރާ ހިލާފަށް ޚަބަރަށް ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ.
ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުގައި އަންގާފައި ވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.
އެގޮތަށް އަމުރު ނެރެފައި ވަނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ. އެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ވަނީ ތާވަލުކޮށްފަ އެވެ.