މީގެ ކުރިން ބޭއްވި އެއްވުމެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގަންނަވަނީ .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 ސެޕްޓެމްބަރ 2025 - 06:47
މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލާ އެކު އިއްޔެއަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ހިތާމަވެރި ދުވަހެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އަވަސް އަރުވާލައިގެން ފާސްކުރި ބިލާ އެކު ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެން ދިޔައީ ކަމަށެވެ.
"ނޫސްވެރިންނާއި ސިޔާސީ ޕާޓީތަކާއި މީޑިއާތަކާއި މަދަނީ ޖަމިއްޔާތައް އަދި އާންމުންގެ ކަންބޮޑުވުންތަކާ އެކު ވެސް އެ ބިލް ފާސްކުރުމަކީ ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާ މިންވަރު ހާމަވެގެންދާ ކަމެއް،" އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު އެމްޑީޕީން އެ ބިލާ ދެކޮޅަށް މަސައްކަތް ކުރާނެ އެވެ. އޭގެ އިތުރުން ދިވެހިންނަށް އިޖުތިމާއީ އަދި ސިޔާސީ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި އެ ޕާޓީން ސާބިތުވެ އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
A sad day for democracy in the Maldives!
— Ibrahim Mohamed Solih (@ibusolih) September 16, 2025
President Muizzu, using his party’s supermajority in parliament, has rushed through the so-called Media Control Bill—a law that signifies the end of press freedom in Maldives. The underhanded manner in which it was forced through…
ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް 60 މެމްބަރުންގެ ވޯޓާ އެކު، މަޖިލިހުގެ މި ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރީ އިއްޔެގަ އެވެ. އަދި އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލައި، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހެ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލްގައި ނޫސްވެރިން އެންމެ ބޮޑަށް ކަންބޮޑުވި މާއްދާ ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކާ އެކު މިހާރު އުނިކޮށްފަ އެވެ. ބިލްގައި ކުރިން އޮތް ގޮތުން ނަމަ ވަކިވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު، އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލެނެ އެވެ. އެކަމަކު، މަޖިލިހުން ރޭ އެ ބިލް ފާސްކުރިއިރު އެ މާއްދާ ވަނީ އުނިކޮށްފަ އެވެ.
މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ އާންމުންގެ ކިބައިން މާފަށް އެދުމާ އެކު، ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމު ކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކޮށް އަންގަން ޖެހެ އެވެ.
ބިލުގައިވާ ގޮތުން، މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ތެދު ނޫން މައުލޫމާތެއް ހާމަކޮށްފި ނަމަ، އެ މައުލޫމާތެއް އެއީ ތެދު ނޫން މައުލޫމާތެއްކަން އެންގުމާ އެކު، ވީހާ ވެސް އަވަހަކަށް އެ ކަމަށް މާފަށް އެދެން ޖެހެ އެވެ. އެފަދަ މައުލޫމާތު އިސްލާހުކުރާ ކަން ނުވަތަ އެ ކަމަށް މާފަށް އެދޭކަން އެފަދަ މައުލޫމާތެއް ހާމަކުރި ފަރާތަކުން އާންމުކޮށް އެނގޭ ގޮތަށް ހާމަކުރަންޖެހެ އެވެ.
އެގޮތަށް އަމަލުނުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ނޫސްވެރިންނަށް އެ ފަރާތްތަކުން ހާމަކުރި ތެދު ނޫން މައުލޫމާތު ރަނގަޅު ކުރުމަށް ނުވަތަ އެ ކަމަށް މާފަށް އެދުމަށް އެންގުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެ އެވެ. ކޮމިޝަނުން އަންގާ އެންގުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް އޮވެ އެވެ.
އެ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ މައްސަލައިގެ ކުޑަބޮޑުމިނަށާއި ގާނޫނާ ހިލާފުވުމުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް، ފިޔަވަޅު އަޅާނެ އެވެ. ނޫސްތައް 5،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެެ.
ބިލުގައި ބުނީ ނޫހަކުން ނުވަތަ މަޖައްލާއަކުން ޝާއިއުކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ގައުމީ ސަލާމަތާއި އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެންޓެއް ޝާއިއުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނައުމުގެ ބާރު ވެސް އޮވެ އެވެ. އެއީ އަދިވެސް ނޫސްވެރިންގެ ކަންބޮޑުވުން އޮތް މާއްދާއެކެވެ.
ބިލް ތަސްދީގު ކުރުމާ އެކު، އަލަށް އުފައްދާ ކޮމިޝަނަށް އައްޔަންކުރާ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ދީފައި އޮތުމަކީ ނޫސްވެރިންގެ ކަންބޮޑުވުމެކެވެ. ބިލްގައިވާ ގޮތުން ނަމަ ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ ބާރު ވެސް އޮތީ ކޮމިޝަނަށެވެ. އޭގެ އިތުރުން މީޑިއާތައް ޖޫރިމަނާ ކުރުމަކީ، އެ ތަންތަން ކޮންޓްރޯލް ކުރުމަށް ބާރު ދޭ ކަމެއްކަމަށް ވެސް ނޫސްވެރިން ބުނެ އެވެ.
މީޑިއާ ބިލް ފާސްކުރީ، އެ ބިލުން ނޫސްވެރިކަން ހަނިވާތީ އެ ފާސްނުކުރުމަށް ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. އިއްޔެ ހެނދުނު 8:30 އިން ފެށިގެން ރޭގެ ހަތެއް ޖަހާކަން ހާއިރު ބިލް ފާސްކުރަންދެން ނޫސްވެރިންތައް ދިޔައީ މަޖިލިހުގެ އިދާރާ ކައިރީގައި އިހުތިޖާޖު ކުރަމުންނެވެ. އެއާ އެކު، ބިލް ފާސްކުރަން ގޮވާލައި ވެސް މަޖިލިހުގެ އިދާރާ ކައިރީގައި އެހެން ބަޔަކު އަޑުއުފުލި އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު ވެސް އިސްލާހުތަކާ އެކު ބިލް ފާސްކުރުމާ ގުޅިގެން، ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ އެ ގައުމުން ވަކާލާތު ކުރަނީ ނޫސްވެރިންނަށް ހިޔާލުފާޅުކުރުމުގެ ހައްގު ދިނުމަށް ކަމަށެވެ. އެ އެމްބަސީން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ދެމެހެއްޓުމަށް ރާއްޖެއަށާއި ގައުމުތަކަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަރީދު12
17 September 2025
"އަދި ވިސްނޭނޭ މަމީ ކާކުކަން، އަދި ކުރެވޭނޭ މަގޭ އަގު ވަޒަން، އަދި އިތުބާރެއް ހޯދާނަން އުންމީދުގައި" - ރައީސް އިބޫއަށް މި ގައުމުވަނީ ބޭނުންޖެހިފައި.
ޖަބުލާނީ
17 September 2025
އަދި ނުދެކެން އުފާ ވެރި ދުވަހެއް.
މުރާސިލް
17 September 2025
ރާއްޖޭގެ ޑިމަކްރަސީއަށް މިއަދު މީ ހިތާމަވެރި ދުވަހެއްކަމަށް މަނިކފާނަށް އިހްސާކުރެވިގެން އެވާހަކަ ވިދާޅުވުމަކީ ވަރަށް އުފާކުރާކަމެކެވެ. ސަބަބަކީ ރާއްޖޭގެ ޑިމަކުރަސީއަށާއި ރާއްޖޭގެ މިނިވަންކަމަށާއި އިސްތިގުލާލަށް އެންމެ ހިތާމަވެރި ދުވަސްތައް ގެނުވީ މަނިކުފާނުގެ ވެރިކަމުގައެވެ. 2018 އިން 2023 އެ ފަސް އަހަރު ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކީވެސް ވަރަށް ހިތާމަވެރި ދުވަހެކެވެ. ވައްކަމާއި ޙިޔާނާތާއި ނާޖާއިޒް ފައިދާނެގުމުގައި ހޭދަވިދުވަސްތަކެވެ.
ތަމިން
17 September 2025
ބަލަ ތިޔަބޭފުޅާގެ ވެރިކަން އަހަރެމެންނަށް މާއަނދިރި ވެރިކަން ތަބަކަކަށް ލާފަދިން، ޕާޓީ ލީޑަރަށް މާރާ ހަނގުރާމަކުރި ހަމަލާ އަމާޒުވި، އެފަކީރު ޖެހުނީ ޕާޓީދޫކޮށް މަޖުލީސް ރައީސުކަން ދޫކޮށް ހުސްއަތާ ދާން. އަދި އެހަދާން ނުނެތޭ
ދީދީބެ
17 September 2025
ކޮބާ ކޮބާ ކިހިނެއް މިވަނީ، ނޫސްވެރިކަން މަރުވީތަ؟ އަދި ކަށުނަމާދު ޕޭޖަކަށް ނައަރާ!.. ރާއްޖޭގެ ހުރިހާ ނޫސް މީޑިޔާތައް އަދިވެސް ދިރި ދެމިއޮތީތަ؟ ބަލަ މަމެން މިތިބީ ވާނުވާގަ. ކޮންމެވެސް މީހަކު ކިޔާދީބަލަ މިވާ ގޮތެއް
ކަރީމު
17 September 2025
ތިޔަ ގާނޫނުގެ މާކުރިން އޮތި އިސްލާމީ ރީތި އަޚުލާގުގެ ގާނޫނުގައި މުއާމަލާތުކޮށް ޚަބަރު ފަތުރާނެ ގޮތާއި ދޫރައްކާކޮށް ޚިޔާލު ފާޅު ކުރެވޭނެ ގޮތާއި އޭގެ އިންތަކާއި، މިންތަށް އޮތީ ކަނޑައަޅުއްވާފަ. އިލާހީ ޤާނޫނާއި ޚިލާފުވެ ޗާޓުން ބޭރުވީމަ މާބޮޑަށްވެސް އަނދިރިވާނެ. މުޒާހަރާއެއްވެސް އެދުވަހަކު ނުކުރެވޭނެ، ޤާނޫނު ބަދަލުކުރާކަށް ޕުރެޝަރެއްވެސް ނުކުރެވޭނެ، އަދަބުވެސް ލިބޭނެ. އެއަށް ރެޑީވެގެންތިއްބަވާ..
ކަރީނާ
17 September 2025
ފެހިފެހި އާޒާދީ ރޫހޭ އާވާނީ ކިޔާވަރު ދުވަހެއް މަނިކުފާނަށް ފަސް އަހަރު ދިނީމަ ވެސް ނުދެއްކުނު، ދެން ރަނގަޅުވާނީ ހަނުހުރުން. އަރެމެންގެ ލާރިން މިހާރުވެސް އިއްޒަތާއި އިނާޔަތާ މަނިކުފާނަށް ލިބޭނެ،
ތިހާދެރަވިއްޔާ
17 September 2025
ތިހާ ހިތާމަވެރި ދުވަހެއްވިއްޔާ ދެން ބާރަށް ރޮއެބަލަ.... ވަރަށް ރީތިބަހުން ލިބުނީ.
ސަޅިއިނގޭ
17 September 2025
ފަރަންޖީބަހުންނޭ މި ޕޯސްޓްކޮށްލީވެސްދޯ. ކާކުތަލިޔެދިނީ. ...
މައްކުބޭ
17 September 2025
ޑިމޮކްރެސީ އަކީ ދޮގު ވިއްކާ ރައްޔިތުންގެ ބޮލަށް ޗިޕް ޖެހުމެއްނޫން. ރަނގަޅުނިޔަތުގަ ވާހަކަ ދައްކާ އެއްގޮތަށް ޢަމަލުކުރުން. އެންމެ ބޮޑަށް ޑިމޮކެރެސީ އޭ ކިޔާފަ އަޑު ގަދަކުރާ ބަޔަކީ އިޒްރޭލް، އެމެރިކާ އަދި ޔޫރަޕް. އެމީހުންގެ ޢަމަލުހުރިގޮތް ފެނޭބާ؟ މުޅި ދުނިޔެއަށް ގޮންޖަހާ ބޭނުންގޮތަކަށް ފަލަސްޠީންގެ ދަރިފަސްކޮޅު އެދަނީ ނައްތަމުން، އެއްޗެކޭ ބުނާމީހާ އެމެރިކާގަ އެދަނީ ޑީޕް ސްޓޭޓުން މަރަމުން. ފަލަސްޠީންގެ 200 އަށް ވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލައިފި.