މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ. 

އޭނާ އެކަން އިއުލާން ކުރެއްވީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުގެ މަގާމަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޖަލީލާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ. 

މޫސާ އަލީ ޖަލީލާ އެކު، ނޫސްވެރިންގެ ކުރިމަތީގައި ހުންނަވައި، އާދަމް މަނިކު ވިދާޅުވީ، ގެދޮރު އެޅުމާއި މަގުތައް ފުޅާކުރާ ވާހަކަ ދައްކާއިރު މިހާތަނަށް އެއީ އެއްވެސް ސިޓީ ކައުންސިލަކަށް ވި ކަމެއް ނޫން ކަަމަށާއި އެކަން ކުރެވޭނީ ސަރުކާރަށް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރާ ގުޅިފައިވާ މޭޔަރު ހުންނަވައިގެން ނޫނީ ކަންކަން ނުކުރެވޭނެ ކަމަށެވެ. 

"މިއީ ވަރަށް ކުޑަކުޑަ އާބާދީއެއް. އެކަކު އަނެކަކަށް އަވަގުރާނަ ގޮވާގޮވާ ތިބޭނީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ މޫސާ އަލީ ޖަލީލަށޭ ފުރުސަތު އޮތީ. މޫސާ އަލީ ޖަލީލަށް ދެވޭ ވޯޓަކީ މާލެ އަށް ދެވޭ ވޯޓެއް،" އާދަމް މަނިކުގެ އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވި ގޮތުގައި، ގާބިލްކަމާއި ފައިސާ ވެސް އޮތީ ސަރުކާރުގަ އެވެ. އެހެންވެ، މާލެ އަށް ހާސިލް ވާނީ ސަރުކާރުން ކޮށްދިން ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެ ނޫން ކަމަށް ވެއްޖިއްޔާ އެ ނޫން މީހަކު އަޅުގަނޑުމެން އިންތިހާބު ކޮށްގެން ހަމަ ނުއަތުބުރެއް ނޫންތޯ ޖެހޭނީ. ޝިފާއަކަށް [ކުރީގެ މޭޔަރު] ވެސް ކަމެއް ނުކުރެވުނު ނޫންތޯ. އެއީ މައްސަލައަކީ،" އާދަމް މަނިކު ވިދާޅުވި އެވެ.

މޫސާ އަލީ ޖަލީލަށް ތައުރީފު ކުރައްވަމުން އާދަމް މަނިކު ވިދާޅުވީ، އެއީ އަސްކަރީ ދާއިރާގައި އުޅުއްވާފައިވާ ބޭފުޅަކަށް ވުމުން ޑިސިޕްލިން ހުންނާނެ ކަމަށެވެ. ދަތުރު ކުރައްވާނެ އަމާޒެއް ދެއްކެވުމުން ގޯޅި ނާޅުއްވައި މޫސާ އަލީ ޖަލީލް ދަތުރު ކުރައްވާނެ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.

"ޕާޓީ މެނިފެސްޓޯއެއްތާ ގެންގުޅޭނީ. އެ މެނިފެސްޓޯ ހިފައިގެން ގޯޅިތަކެއް ނާޅާ ރަނގަޅަށް ދިޔައީމާ ރަގަޅުވާނެ،" މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަމުން އާދަމް މަނިކު ވިދާޅުވި އެވެ.

އާދަމް މަނިކު ވަނީ ފަސް ވަރަކަށް މަސް ވަންދެން މާލޭގެ މޭޔަރުކަން ކުރިން ކުރައްވައިފަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 2011 ވަނަ އަހަރު އެވެ. ނަމަވެސް ދައުރު ހަމަވުމާ ހަމައަށް ސިޓީ ކައުންސިލްގެ މެމްބަރުކަން ކުރެއްވި އެވެ.

އޭރު އޭނާ ތަމްސީލް ކުރެއްވީ މައްޗަންގޮޅި ދެކުނު ދާއިރާ އެވެ.