ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަލަށް ވުރެ ތަޖުރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި އަދި ގާބިލް ކަމަށް ބެލިޔަސް އެ މަގާމަށް ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނާ އެކު ހުންނެވި ގާސިމް އެހެން ވިދާޅުވީ، މާލޭގެ މޭޔަރަކަށް ޖަލީލް ގެނައުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.
"އަޅުގަނޑު އެދެނީ، މާލެ ސިޓީ ހިންގަވަން، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން ތިޔަ ތިއްބެވި ލޮބުވެތި ރައްޔިތުން އަދި އަޅުގަނޑުގެ އަޑުއައްސަވާ ބަސް ގަބޫލުކުރައްވާ އެންމެހާ އަހުންނާއި އުހުތުން މި ފަހަރުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލަށް (ކެންޑިޑޭޓް ނަންބަރު 4 އަކަށް) ތާއީދު ކުރައްވާ ވޯޓު ދެއްވުން،" މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް އެކްސްގައި ވިދާޅުވި އެވެ.
ޖަލީލްގެ ކާމިޔާބީ ފާހަގަކުރައްވަމުން ގާސިމް ވިދާޅުވި ގޮތުގައި އެއީ ގައުމީ ހިދުމަތުގެ ފަހުރުވެރި ރެކޯޑުތަކެއް އޮތް އަދި ރާއްޖޭގެ ދިފާއުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަތަލެކެވެ.
ޖަލީލުގެ ހިދުމަތުގެ އަގު ރާއްޖެ އިން ވަޒަންކޮށް، އެއީ ގައުމީ ޝަރަފު އަރުވާފައިވާ، ނިޝާން އަސްކަރީގެ އިއްޒަތުގެ ވެރިއެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރުމަހު 3 ވަނަ ދުވަހު ދިވެހި ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލައިން ގައުމު ސަލާމަތް ކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާ އެކު ނުކުންނެވުމުން ވެސް އެ މަނިކުފާނުގެ ގަދަފަދަ ގައުމީ އަޒުމު ސާބިތުކޮށްދޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއިރުއްސުރެ މިއަދާ ހަމަޔަށް ވެސް ޖަލީލް ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށް ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުން ހަވާލުކުރި ކޮންމެ ވަޒީފާއެއްގެ ވާޖިބު ވެސް އަދާކުރެއްވީ ތެދުވެރިކަމާ އެކު ކަމަށް ގާސިމް ވިދާޅުވި އެވެ.
"ފަސްބައިގާ ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާ މެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަހުސިއްޔަތެއް،" ގާސިމްގެ ޕޯސްޓުގައި ވެ އެވެ.
ގާސިމްގެ އިތުރުން މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވެސް ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް ޖަލީލަށް ތާއީދު ކުރައްވައިފަ އެވެ. އާދަމް މަނިކު މިހާރު ގެންދަވަނީ ޖަލީލްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.