ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަކީ ގައުމީ ވިސްނުމުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅެއް ކަމަށާއި ސިޔާސީ ޕާޓީގެ ރޫހު ދޫކޮށްލައި، ގައުމީ ވިސްނުމުގައި ޖަލީލަށް ވޯޓު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފި އެވެ. 

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރަށް މުހިންމީ އަމިއްލަ އެދުންތައް އިސްކުރުމަށް ވުރެ ގައުމު އިސްކުރުން ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު މާލެ އަށް ވެވަޑައިގެންފައިވާ ވައުދުތައް ތަންފީޒު ކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެން ޖެހެނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. އެހެންވެ، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް އިންތިހާބު ކުރަން ބޭނުންފުޅުވީ ގައުމީ ވިސްނުން އުތުރި އަރާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

"ވަރަށް ބޮޑަށް ޝުކުރިއްޔާ އެކަމަށް އެެއްބަސްވެލެއްވި ކަމަށްޓަކައި،" ރޭގެ ޖަލްސާގައި އިންނެވި މޫސާ އަލީ ޖަލީލަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ. 

"މާލޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ގައުމީ ބަތަލު މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވައި ހަތަރެއް އޭޕްރީލް އޮންނަ ވޯޓުގައި އެ މަނިކުފާނު ހޮއްވަވައި ދެއްވުމަށް. އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް ތިޔަ ލޮބުވެތި ރައްޔިތުންގެ ކިބައިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޕީއެންސީ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ޕީއެންސީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.
ޕީއެންސީ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ޕީއެންސީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު ދިވެހިން މިނިވަންކަންމަތީގައި ތިބީ ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލައިން ގައުމު ސަލާމަތް ކޮށްދިނުމަށް އާންމުންނާއި ސިފައިން ކުރި މަސައްކަތުންނެވެ. ހާއްސަކޮށް ތިނެއް ނޮވެމްބަރުގެ ބަތަލު މޫސާ އަލީ ޖަލީލް މޭ އައްޑަނައަށް ދިއްކޮށްލައްވައިގެން އިސްވެ ނުކުމެވަޑައިގެން ކުރެއްވި މަސައްކަތްތައް މިއަދުގެ ޒުވާން ޖީލަށް ނޭނގިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"އަޅުގަނޑު ވެސް އޭރު އުޅެނީ ގްރޭޑް ހަތަރެއްގައި. އެހެންވީމާ ޒުވާން ކުދިންނަކަށް ނޭނގޭނެ މިކަމެއް. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ކިޔައިދޭން ޒުވާނުންނަށް އަދި ގައުމުގެ ހުރިހާ ރައްޔިތުންނަށް އަމާން ގައުމެއްގެ ގޮތުގައި ސަލާމަތް ވެގެން އައުމުގައި އެ ދުވަހު ކޮން ބަައެއް ކީއްކަން ކުރީ؟،" ރައީސް ވިދާޅުވި އެވެ. 

ޕީއެންސީގެ ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.
ޕީއެންސީގެ ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.

އެ މަނިކުފާނު ވިދާޅުވީ، މާލޭގެ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދިނުމުގައި ގައުމީ ވިސްނުމުގައި ހިތްވަރާއި އިހުލާސްތެރިކަމާ އެކު މޫސާ އަލީ ޖަލީލް މަސައްކަތް ކުރައްވާނެ ކަމަށެވެ. 

"މިއީ ސުވާލެއް އޮވެގެން ވެސް ވާނެ ކަމެއް ނޫން. ޕާޓީ ރޫހު ދޫކޮށްލައްވާ. ޕާޓި މި ކަމުގައި އީކުއޭޝަނަށް ގެންނާނެ ވެސް ކަމެއް ނެތް އެއްވެސް ބޭފުޅަކު. އެމްޑީޕީގައި ތިއްބެވި ބޭފުޅުން ވެސް މިއަދު އަމާންކަމާ އެކީގައި މި ގައުމުގައި ތިއްބެވީ މޫސާ އަލީ ޖަލީލް ކުރެއްވި މަސައްކަތުން އަދި ދެން ތިއްބެވި ބޭފުޅުން ވެސް،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ޕީއެންސީގެ ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ޕީއެންސީގެ ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އެ މަނިކުފާނު އެދިވަޑައިގަތީ މާލެ ތަރައްގީ ކުރުމުގައި ގައުމީ ވިސްނުން ކުރިއަށް ނެރެދިނުމަށެވެ. 

ރޭގެ ޖަލްސާގައި މޫސާ އަލީ ޖަލީލް ވިދާޅުވީ، އޭނާއަަކީ މުރާލި އަދި ގައުމާއި ރައްޔިތުން އިސްކުރާނެ ބޭފުޅެއް ކަމަށެވެ. 

މޫސާ އަލީ ޖަލީލް ވިދާޅުވީ މާލެ އާއި މާލޭގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ 1984 ވަނަ އަހަރު މާލޭގެ މަގުތައް ހަދަން އަކިރިޔާއި ގާ ބޭނުންވި ވަގުތު، އޭނާގެ ކޮނޑުގައި އަކިރި ބަސްތާތަކާއި ގާ ބަސްތާތައް އުފުލާފައިވާ ކަމަށާއި 1987 ގައި މާލެއަށް ބޮޑުރާޅު އަރައި ގެދޮރާއި ރައްޔިތުންނަށް ގެއްލުން ލިބުނު ވަގުތު، ރައްޔިތުންގެ ދަތިތައް ފިލުވައިދޭން، ބުރަތައް އުފުލި ކަމަށް ވިދާޅުވި އެވެ.