މިއަދު ބޭއްވި ތިން އިންތިހާބުގެ ނަތީޖާ އިހުތިރާމާ އެކު، ބަލައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު މި އިންތިހާބުތަކާ ގުޅޭ ގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިހުތިރާމާ އެކު ބަލައިގަންނަން ކަމަށެވެ.
އެ އިންތިހާބުތައް ކާމިޔާބު ކުރެެއްވި ހުރިހާ ބޭފުޅުންނަށް ރައީސް ތަހުނިޔާ ވެސް ވިދާޅުވި އެވެ.
"ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.
މިއަދު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގިނަ ރައްޔިތުން ދެކޮޅު ކަން ވަގުތީ ނަތީޖާއިން ދައްކަ އެވެ. މިހާތަނަށް ގުނާފައިވާ 12،000 އަށް ވުރެ ގިނަ ވޯޓުގެ ތެރެއިން، 73 ޕަސެންޓު މީހުން ވޯޓު ދީފައި ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށެވެ.
މާލެ ހިމެނޭހެން ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި މިދިޔަ ދައުރުގައި ވެސް ފުރުއްވި އިދިކޮޅު އެމްޑީޕީގެ ބޭފުޅުން ދެވަނަ ދައުރަކަށް ވަނީ އިންތިހާބު ވެފަ އެވެ.