މާލެ ސަރަހައްދުގައި މި ސަރުކާރުން ވަރަށް ގިނަ ކަންކަން މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އަދި ކުރިމަގަށް ރާވާފައިވާ ކަންކަން ކުރަން އެ މަނިކުފާނަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ޓީމެއް ލޯކަލް ލެވެލްގައި ބޭނުންފުޅުވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވަން ބޭއްވި ހަފުލާގައި ރައީސް އެހެން ވިދާޅުވީ، އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅުވައިގެންނެވެ. 

ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ހަފުލާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާއިރު، ޖަގަހައިހެ ބޭރުގައި ބޮޑު ސްްކްރީން އަޅުވާފައި.---ފޮޓޯ: މިހާރު
ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ހަފުލާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާއިރު، ޖަގަހައިހެ ބޭރުގައި ބޮޑު ސްްކްރީން އަޅުވާފައި.---ފޮޓޯ: މިހާރު

ރައީސް ވިދާޅުވީ، އެ އިންތިހާބުގައި މާލޭގެ މޭޔަރުގެ މަގާމުން ފެށިގެން މާލޭގެ ކައުންސިލަރުންގެ އެއްބާރުލެއްވުން އެ މަނިކުފާނަށް ބޭނުންފުޅުވާ ކަަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި، ގާނޫނަށް ގެނައި ބަދަލާ އެކު، މި ފަހަރު ހުޅުމާލެ އަށް ވެސް ތިން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އެއީ މާލޭގައި ވަރަށް މުހިންމު ސަހަރެއް ކަމަށް ވާއިރު، އެ ތަނުގެ މުނިސިޕަލް މަސައްކަތްތައް ސަރުކާރުން ކުރުވަން ބޭނުންވަނީ ކައުންސިލް ލެވެލްގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ޕީއެންސީ އޮފީހާއި ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ.--- ފޮޓޯ: މިހާރު
ޕީއެންސީ އޮފީހާއި ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ.--- ފޮޓޯ: މިހާރު

"އެހެން ނަމަވެސް ރައްޔިތުންނަށް އަޅުގަނޑު މި ދޭން ބޭނުންވާ ފެންވަރުގައި ދޭން ބޭނުންވާ ސްޕީޑުގައި ކަންކަން ކޮށްދޭނެ ކަހަލަ ވިސްނުން ހުރި ކައުންސިލަރުންތަކެއް ހުޅުމާލޭގައި ވެސް ތިބެން އެބަޖެހޭ. އޭރުން ކައުންސިލަށް ދޫކޮށްލައިގެން މުނިސިޕަލް ހިދުމަތް ވެސް ދެވޭނީ، ނޫނީ ކައުންސިލް މެދުވެރިކޮށް. މިހާރު [ސިޓީ ކައުންސިލުން] ހަވާލު ވެސް ނުވެގެން މި އުޅެނީ ކަންކަމާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެންވެ، ރައީސް ތަކުރާރުކޮށް އެދިވަޑައިގަތީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މަގުތައް ހެދުން ފަދަ ކަންކަމުގައި އެ މަނިކުފާނަށް އިތުބާރު ކުރެވޭ، އަދި އެއްބާރުލުން ދެއްވާނެ ޕީއެންސީގެ ކައުންސިލަރުންތަކެއް އިންތިހާބު ކޮށްދިނުމަށެވެ. 

"ހަމަ އެއްވެސް ކަމެއް ނުހިންގޭނެއޭ ކައުންސިލްގެ އެއްބާރުލުން ނުލިބެންޏާ، ލަސްތަކެއް އަންނާނެ. ހިންގިދާނެ ކޮންމެވެސް ގޮތަކަށް. ލަސްވެގެން ދިއުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން."
ރައީސް މުއިއްޒު

ރައީސް ވިދާޅުވި ގޮތުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަކީ ވެސް އިހުލާސްތެރި، ތެދުވެރި، ގާބިލް ބޭފުޅެކެވެ. 

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުޝްރިފް އަލީ އިންތިހާބު ކޮށްދިނުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ސިޓީތަކުގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު ރައީސް މުއިއްޒު ރޭ ފޮޓޯފުޅެއް ނަންގަވަނީ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ސިޓީތަކުގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު ރައީސް މުއިއްޒު ރޭ ފޮޓޯފުޅެއް ނަންގަވަނީ.

އައްޑުއާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ، އެ ސިޓީގެ ތަރައްގީ އަށް މިހާރު ވެސް އެތައް ކަމެއް ކުރަމުން ގެންދާ ކަމަށެވެ. އެ ކަންކަމަށް ވެސް ލޯކަލް ލެވެލްގައި މި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކައުންސިލަރުން އައްޑޫން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމަ އެގޮތަށް ތިނަދޫ ސިޓީގައި ވެސް ފުވައްމުލަކު ސިޓީގައި ވެސް އަދި ކުޅުދުއްފުށި ސިޓީގައި ވެސް މިހާރު ވަނީ މުހިންމު އެތައް މަޝްރޫއެއްގައި ސޮއިކުރެވިފައި، މުހިންމު އެތައް މަސައްކަތެއް ފެށިފައި އަދި މި އަހަރަށް ބަޖެޓު ކުރެވިފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

"މިއިން ކޮންމެ ކަމަކީ ކައުންސިލްގެ އެހީތެރިކަން އެކި ކަންކަމުގައި ބޭނުންވާ ކަންކަން. ހަމަ އެއްވެސް ކަމެއް ނުހިންގޭނެއޭ ކައުންސިލްގެ އެއްބާރުލުން ނުލިބެންޏާ، ލަސްތަކެއް އަންނާނެ. ހިންގިދާނެ ކޮންމެވެސް ގޮތަކަށް. ލަސްވެގެން ދިއުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން."

ރައީސް ވިދާޅުވީ، މި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކައުންސިލަރުން އިންތިހާބު ކޮށްދިނުމަކީ ތަރައްގީގެ އެތައް މަޝްރޫއުއެއް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިމޭނެ ކަމެއް ކަމަށެެވެ.