ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރާ އިދިކޮޅު ބަޔަކު ހޮވައިގެން މިނިސްޓްރީތަކާ ގުޅިގެން މަސައްކަތެއް ނުކުރެވޭނެ ކަމަށް ބޭސް ކުންފުނީގެ ޗެއާމަން އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ކޮންމެ ކައުންސިލަކަށް ވެސް ހޮވަން ޖެހެނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ބައެއް އިދިކޮޅުން ބުނާ ކަމަށެވެ.
ހަލީމް ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ބައްލަވައި ދިރާސާ ކުރެއްވިއިރު، ސަރުކާރުން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށް ބުނާ މާއްދާއެއް ފެނިވަޑައިނުގެންނެވި ކަމަށެވެ.
އޭގެ ބަދަލުގައި އެ ގާނޫނުގެ ދެވަނަ މާއްދާގައި ލާމަރުކަޒީ އުސޫލުން އިދާރާތައް ހިންގުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ރައްޔިތުންގެ ކަންކަމަށް ޑިމޮކްރަސީގެ އުސޫލުން އަދި ކައުންސިލުން ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.
އެހެންވެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓުން ހޮވުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވަމުން ހަލީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސަރަހައްދަށް ދެކެވަޑައިގެންފައިވާ ތަސައްވުރު ވެސް ހަގީގަތަކަށް ހެދޭނީ އެ އުސޫލާ އެއްގޮތަށް، އެ ބޭނުމުގައި މަސައްކަތް ކުރާނެ ކެންޑިޑޭޓުން ހޮވައިގެން އެކަނި ކަމަށެވެ.
"އެ ގާނޫނުގައި ސިޓީ ކައުންސިލްގެ ބާރުތަކަށް ބަލާލާއިރު، މީގައި ވެސް ވަރަށް ގިނަ ކަންކަމުގައި އެބަހުރި ބާރުތަކެއް ދީފައި. ނަމަވެސް މީގެން އެއްވެސް ތަނަކުން ނުފެނުނު ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަކަށް ކައުންސިލްތައް ނުވަތަ ކެންޑިޑޭޓުން ނުވަތަ ކައުންސިލަރުން މަސައްކަތް ކުރަން ޖެހެނީ،" ހަލީމް ވިދާޅުވި އެވެ.
އޭގެ ބަދަލުގައި އޭގައި ކައުންސިލްތަކުން ކުރަން ޖެހޭ މަސައްކަތުގެ ގޮތުގައި ބުނެފައި ވަނީ މިނިސްޓްރީތަކުން ކުރާ މަސައްކަތަށް އެއްބާރުލުންދީ، ކުރަން ޖެހޭ ކަންކަން ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި ހަމަ އެއާއެކު އޭގެ ފ. ގައި އެބަވޭ، ސަރުކާރުން ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާ އުސޫލުތަކާއި ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގަ މަތިން ހަރަކާތްތައް ހިންގުން. އޭގެ ޑ. ގައި ވަނީ ސިޓީ އާއި ސިޓީ ހިމެނޭ އަވަށްއަވަށުގައި ކައުންސިލްގެ ސަރަހައްދުތައް ހިމެނޭ ރަށްރަށުގެ ބިން ބޭނުން ކުރުމުގައި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކަށާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތްވާ ގޮތުގެ މަތިން ޕްލޭންތައް އެކުލަވައިލުން،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރާ އިދިކޮޅު ކެންޑިޑޭޓެއް ހޮވައިގެން މަސައްކަތް ކުރާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވަ އެވެ. އެހެންވެ، އެއީ ރައްޔިތުން ވެސް ވިސްނަން ޖެހޭ ކަމެއް ކަމަަށް ހަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ފާހަގަ ކުރެއްވީ މާލެ ސިޓީ ކައުންސިލްގައި ތަފާތު ކޮމިޓީތައް ހުރި ނަމަވެސް މޭޔަރާ ހިސާބުން އެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓޭ ކަމަށެވެ. އެގޮތުން ކޮމިޓިތަކުން ކުރާ މަސައްކަތުގެ ރިޕޯޓު މޭޔަރާ ހަމައަށް ފޮނުވުމަށް ފަހު މޭޔަރު، އެ ރިޕޯޓުތަކުގައި "އަތް އަޅައި ވަތްގަނޑަށްލައި ފޮރުވައިގެން އިންނާތީ" މި ސަރުކާރާ އެއްކޮޅު ކެންޑިޑޭޓަކު މޭޔަރަށް ވެސް ހޮވަން ޖެހޭ ކަމަށް ހަލީމް ވިދާޅުވި އެވެ.
ޕީއެންސީ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ނުކުންނަވާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލެވެ.